އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އަޅުގަނޑުމެންނަށް ހަމަލާދެމުން އަންނަ ސުނާމީއަކީ ލޮލަށް ފެއްނަ ސުނާމީއެއް ނޫން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ފޮރިން މިނިސްޓްރީއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އަޅުގަނޑުމެންނަށް ހަމަލާދެމުން އަންނަ ސުނާމީއަކީ ކުދި ކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، 2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހު ދިވެހި ރައްޔިތުންނާ ދިމާކުރި ވަރުގަދަ ރާޅާއެކު، އެއްބައިވެގެން އެކުވެރި ވެގެން ދިޔަ ދިއުމަށް ވުރެ ގަދަޔަށް ދިވެހިން އެއްބައިވި ދުވަހެއް ދިވެހިރާއްޖޭގެ ތާރީހުގައި ނެތްކަމަށެވެ. އަދި ސުނާމީގައި ލިބުނު ގެއްލުމާއި، ހިތްދަތިކަމާއި ބިރުވެރިކަމުން އަރައިގަތުމުގައި ރާއްޖެ ހޯދި ކާމިޔާބީގެ ހަގީގީ މަސްދަަރަކީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ ސުނާމީ ހާދިސާގައާއި، ކޯވިޑްގެ ނުރައްކާތެރި ހާލަތުގައިވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލް އަޤުވާމީ ފަރާތްތަކަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރައްވާފައެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ސުނާމީގެ ސަބަބުން ފުރާނަ ގެއްލުނު ފަރާތްތަކުގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައި ވެއެވެ.



