ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް)ގެ މެންބަރުން އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވައިފިއެވެ.
މި ޑިސެންބަރު މަހުގެ 19 އިން 24 އަށް އެޗް.އާރް.ސީ.އެމްއިން އައްޑޫ ސިޓީއަށް މި ކުރެއްވި ޒިޔާރަތަކީ، އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އެ ކޮމިޝަން ގެ ސަދަން ރީޖަނަލް އޮފީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އަދި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރިޒިޔާރަތެއްކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މި ޒިޔާރަތުގައި ކޮމިޝަނުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ސ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި އައްޑޫ ޕޮލިސް ސްޓޭޝަންތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި ކޮންމެ މުއައްސަސާއަކާއެކު ކުރެވުނު މަޝްވަރާތަކުގައި އެ މުއައްސަސާތަކާ އެޗް.އާރް.ސީ.އެމް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން އަދި މަސައްކަތްތައް ކުރުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މީގެއިތުރުން އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ސްކޫލްތަކުގެ ވެރިންނާއި މަތީތަޢުލީމު ދޭ މަރުކަޒުތަކުގެ އިސްވެރިންނާއި އަމިއްލަ ޖަމްޢިއްޔާތަކާ ބައްދަލުކޮށް މަޝްވަރާ ކުރެވުނުކަމަށްވެސް އެ ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަން ގެ މެންބަރުން އައްޑޫ ސިޓިއަށްކުރި ދަތުރަށްފަހު، އައްޑު ސިޓީގެ ކުޑަކުދިންނާއި، އަންހެނުންނާއި، އަދި އުމުރުން ދުވަސްވީ މީހުންގެ ހާލަތާއި ގުޅިގެންހުރި ކަންބޮޑުވުންތައް ޖެންޑަރ މިނިސްޓަރ އާއި ބައްދަލުކޮށް ހިއްސާކޮށްފި" އެޗް.އާރް.ސީ.އެމް އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އެޗް.އާރް.ސީ.އެމްއިން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރި ޒިޔާރަތުގައި ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް ކުރި އެރުވުމަށް ކުރެވިދާނެ ގިނަ ކަންކަން ފާހަގަވިކަމަށާއި، އެހެންކަމުން އައްޑޫ ސިޓީ ގައި ހުރި ސަރުކާރުގެ އިދާރާތަކާއި، ސްކޫލުތަކާއި، މަތީތަޢުލީމުދޭ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން ފާހަގަ ކުރި ކަންބޮޑުވުންތައް، ކަމާ ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް ގެނެސް އެ ވުޒާރާތަކަށް ހުށަހެޅުންތަކެއް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައިވާކަމަށެވެ.
ވުމާއެކު މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަމަށާއި މި ދަތުރުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެކަމަށް ކޮމިޝަނުން އުންމީދު ކުރާކަމުގައި މެންބަރުން ވިދާޅުވިއެވެ.



