އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފުލައިންގ ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ކަމާއިގުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ 6 މެންބަރުން މިއަދުވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ.
ކޮމިޓީގެ މެންބަރުން އައްޑޫ ސިޓީ ކައުންސިލާއި ފުލައިންގ ސްކޫލްގެ މެނޭޖްމަންޓާއި ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ބޭފުޅުންގެ އިތުރުން ފްލައިންގ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ. އެގޮތުން އެސްކޫލުން ވަކިކުރި ކުދިންތކަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިގެން އަލުން ފުރުސަތު ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައި ގޮސްފައިވާ ކަމަށާއި ދަރިވަރުންގެ ހައްގުތައް އޭއޭއޭ އިން ކަށަވަރުކޮށް ނުދޭކަމަށް ބުނެ ދަރިވަރުން ވަނީ ޝަކުވާކޮށްފައެވެ.
މިމައްސަލަ ބޮޑަށް ހޫނުވެފައިވަނީ އައްޑޫ ފްލައިންގ ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް އެސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް ސޮއިކޮށް ފޮނުވި ޕެޓިޝަނަށްފަހުގައެވެ. އެގޮތުން ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިންވަނީ ކޮށްފައެވެ.



