ރައްކާ ރޯޑް ޝޯ އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ : ޕޮލިސް

ރައްކާ ރޯޑް ޝޯވގައި ހިމެނޭ "ރައްކާ ރޯޑް ސޭފްޓީ ރަން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވ 2020 އިފްތިތާހުކޮށް، ރޯޑް ޝޯވގައި ހިމެނޭ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްކާ ރޯޑް ޝޯވ އިފްތިތާހުކޮށްފައިވަނީ ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުންނާއި އެލައިޑް ގުޅިގެން ބާއްވަމުން އަންނަ ރައްކާ ރޯޑް ޝޯވއަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެއްކަމަށެވެ.

މީގެކުރީން ކޮންމެ އަހަރަކު ބާއްވަމުން އައި އެ އިވެންޓު ވަނީ ފާއިތުވި ދެ އަހަރު ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. ނަމަވެސް މިއަހަރުގެ ރައްކާ ރޯޑް ޝޯވ ގެ ތެރެއިން މާލެއާއި އަތޮޅުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު: ފޮޓޯ - ޕޮލިސް

ރައްކާ ރޯޑް ޝޯވގެ ފުރަތަމަ ހަރަކާތްކަމަށްވާރައްކާ "ރޯޑް ސޭފްޓީ ރަން" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ދުވުން ކުރިއަށް ގެންދަނީ ފުލުހުންނާއި އެލައިޑް އަދި ރަން ފޮރ މޯލްޑިވްސް ގުޅިގެންކަމަށާއި ހިލޭ ބައިވެރިވެވޭ މި ދުވުމުގައި ރަޖިސްޓްރީ ވުން ކުރިއަށްދަނީ ރަން ފޮރ މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށްކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ "ރައްކާ ރޯޑް ސޭފްޓީ ރަން" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2021 ޖެނުއަރީ 8 ވަނަ ދުވަހުގެ 16:00 ގައި ހުޅުމާލޭގައެވެ. މިދުވުން ޖެނުއަރީ 16 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކުރިއަށްދާއިރު މި ދުވުން ކުރިއަށްދާނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށްކަމަށް ފުލުހުން ވިދާޅުވިއެވެ.

ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް ރޭވިފައިވާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް ވިދާޅުވީ ރައްކާ ރޯޑް ސޭފްޓީ ރަންގެ އިތުރުން މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ވީޑިއޯ ކުލިޕްތަކާއި އެކްސިޑެންޓް ރޯލް ޕްލޭ އާއި ޓީވީ ޕްރޮގްރާމާއި އާންމު ހިދުމަތްދޭ ތަންތަނުގައި ވީޑިއޯ ޑިސްޕްލޭ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސާގިބު: ފޮޓޯ - ޕޮލިސް

ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އަޙްމަދު ސާޤިބް ވިދާޅުވީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި އެކުންފުނި ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭނަކީ މުހިންމު ކެމްޕެއިނެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ