ލ.ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އައު އަހަރާ ދިމާކޮށް ހިންގާ އޮޕަރޭޝަނުގައި ލ.ގަމުގެ ވަލުތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 29 ވަނަ ދުވަހު ލ.ގަމުގެ ވަލުތެރެ ބަލައިފާސްކުރިއިރު ވަލުތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ފެނިފައިވާކަމަށެވެ.
މީގެތެރޭގައި ބަނގުރާ ކެއްކުމަށް ބޭނުންކޮށްފައިވާ ދެ އުނދުނާއި ތެއްޔަކާއި ހަންތަކެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް ސާމާނު ހޯދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ތަކެތި ހޯދައި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




