ތިބާ، ބީރައްޓެއްހި ދަތުރުވެރިޔަކު ކަމުގައިވާށެވެ! (1)

ދުނިޔޭގެ ޙަޔާތަކީ ގުނާލެވޭ މަދު ދުވަސްކޮޅެއް ކަމުގައި ނޫނީ ނުވެއެވެ. ވަކިން ޚާއްޞަކޮށް މިއުއްމަތުގެ މީހުންގެ ޢުމުރަކީ ފަސްދޮޅަހަކަށް އަހަރެވެ. މީގެ ކުރީގެ ޖީލުތަކުގެ މީހުންނަށް ދިގު ޢުމުރެއް ލިބިގެންވާކަން ތާރީޚު ހެކިދެއެވެ. އެގޮތުން ނޫޙުގެފާނުގެ ޢުމުރާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި އަންގަވަނީ އެކަލޭގެފާނު 1000 އަހަރަށްވުރެ 50 އަހަރު މަދުކޮށް ދުނިޔޭގައި އުޅުނު ކަމުގައެވެ. އެބަހީ އެކަލޭގެފާނުގެ ޢުމުރުފުޅަކީ 950 އަހަރުފުޅެވެ. ﴿وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلاَّ خَمْسِينَ عَامًا فَأَخَذَهُمْ الطُّوفَانُ وَهُمْ ظَالِمُون﴾ (العنكبوت: 14). މާނައީ:- " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوحގެފާނު، އެކަލޭގެފާނުގެ قومގެ މީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު دينއަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިންކަމުގައިވާ حال، طوفان (ގެ عذاب) އައިސް އެއުރެންނަށް ޖެހުނެވެ."

ކަންމިހެން އޮތްއިރު އަޅުގަނޑުމެންގެ މުޅި ޢުމުރަކީވެސް ދިގު ވަގުތެއް ނޫނެވެ. އެމުއްދަތުގެ ތެރޭގައި ދިމާވާ ކަންކަމަކީވެސް ދާދި އަވަހަށް ނިމި ހިނގައިދާނެ ވަގުތު ކޮޅެކެވެ. އެހެންކަމުން ތިބާ ދުނިޔޭގައި އުޅޭއިރު، ދާއިމީ ގޮވައްޗެއްގައި އުޅޭމީހެއްގެ މިސާލުގައި ނޫޅޭށެވެ. މާދަމާވެސް މިވަގުތީ ޙަޔާތާ އަލްވަދާއު ކިޔަން ޖެހިދާނެއެވެ. ތިބާ ދުނިޔޭގައި އުޅެންވީ މާދަމާވެސް މިނޫން ތަނަކަށް ދާންޖެހިދާނެ މީހަކު ފަދައިންނެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ސާޙިބާ މުޙައްމަދު  ﷺވަނީ މި ޙިކްމަތްތެރި ފިލާވަޅު މި އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ. عَنْ ابْن عُمَرَ رضي الله عنهما قَالَ: أَخَذَ رَسُولُ اللهِ ﷺ بِمَنْكِبِي، وَقَالَ: «كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ».

وَكَانَ ابْنُ عُمَرَ رضي الله عنهما يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك. (رَوَاهُ الْبُخَارِيُّ.) މާނައީ:- "އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ. رَسُولُ اللهِ ﷺ ތިމަންކަލޭގެފާނު ކޮނޑުފުޅުގައި ހިއްޕަވައިފައި ޙަދީޘް ކުރެއްވިއެވެ. ”ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“

އިބްނު ޢުމަރު رضي الله عنهما ވިދާޅުވާކަމުގައި ވެއެވެ. ”ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ ހަވީރު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮ ކަމުގައި ވާޙާލު ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“ (މި ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއެވެ.) (ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ