މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މ.މުލައް އަދި ތ.މަޑިފުށީގައި ހިންގި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި އެ އޮޕަރޭޝަންތަކުގެ ތެރެއިން މުލަކުގައި ހިންގި އޮޕަރޭޝަނަކީ، އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މުލަކުގައި މަސައްކަތްކުރާ ފުލުހުންނާ، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ފަޅު ގެއެއް ބަލައިފާސްކޮށްފައިވާކަމަށާއި، އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވީނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މަޑިފުށީގައި ދެ އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެރަށުގައި ހިންގި ފުރަތަމަ އޮޕަރޭޝަނަކީ މަޑިފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާލުވިގޮތުގައި، މަޑިފުށީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު މަގުމަތީގައި ހުރި ހަޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވެއެވެ.
މަޑިފުށީގައި ހިންގި ދެވަނަ އޮޕަރޭޝަނަކީވެސް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ވެސް ހިންގާފައި ވަނީ މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.
މަޑިފުށީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ފަޅުގައި އޮތް ދޯންޏަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 2 ސެލޯފިންކޮޅާއެކު 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
މިމައްސަލަތައް މުލަކު ޕޮލިސް ސްޓޭޝަނުންނާއި މަޑިފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




