އިދިކޮޅު ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އަށް ސިޔާސީ ގޮތުން ބިރުދައްކައިގެން ފަހަތަށް ޖެއްސޭނެކަމަށް ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއްކަމަށް އިދިކޮޅުން ވިދާޅުވެއްޖެއެވެ.
އިދިކޮޅުން މިހެން ވިދާޅުވެފައިވަނީ ހަޑި ހުތުރު އެއްޗެއް ކިޔުމާއި ބަސް ބޭނުންކުރުމުގެ މައްސަލައިގައި އަދުރޭގެ މައްޗަށްކުރި ދައުވާގެ ފުރަތަމަ އަޑުއެހުން މި މަހު 31 ގައި ބޭއްވުމަށް ތާވަލުކޮށްފިއިވާއިރު މިކަމާގުޅިގެން ނެރުނުބަޔާނެއްގައެވެ.
އިދިކޮޅުން ވިދާޅުވީ ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންވާ ބޭފުޅުންނާއި މިކޯލިޝަނަށް ނިސްބަތްވެވަޑައިގަންވާ ބޭފުޅުންނާ ގުޅޭ ގޮތުން ތަފާތު ވައްތަރުގެ މައްސަލަތައް އުފައްދާ ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅަމުން ގެންދަނީ މިސަރުކާރު ބަލިކަށިވެ ރައްޔިތުންގެ ތާއީދު ގެއްލި ރައްޔިތުންގެ ނަފްރަތު އިތުރުވެ ހަދާނެ ނަހަދާނެ ގޮތެއް ނޭނގޭ ހިސާބަށް ކަންކަން ދިއުމުންކަމަށެވެ.
މިވަގުތު ޖުޑީޝަރީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން އިދިކޮޅު ކޯލިޝަންގެ ވެރިންނާއި ޢާންމު މެންބަރުންނަށް ތަފާތު ދައުވާތައްކޮށް ޙުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މިކޯލިޝަނަށް ލިބިގެންދާނެ ބޮޑު ކާމިޔާބީ ތަޞައްވުރު ކުރެވޭތީ މިކޯލިޝަން ބަލިކަށިކޮށް ބައިބައިކުރުމުގެ މަޤްޞަދުގައިކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އިދިކޮޅު ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ އަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި، މަތި މައްޗަށް ދައުވާ ކުރެއްވިނަމަވެސް އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ހުއްޓަވާ ނުލައްވައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކުކަމަށް އިދިކޮޅުން ވިދާޅުވިއެވެ.
މީގެއިތުރުން ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ ސަރުކާރުން ދައްކާ ބިރަކަށް ފަސް ޖެހޭނެ ބައެއް ނޫންކަމުގައިވެސް އިދިކޮޅުންވަނީ ވިދާޅުވެފައެވެ.
އަދި އެއްވެސް ފަސްޖެހުމެއް ނެތި، އިދިކޮޅު ކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށާއި އަދި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި މި ކޯލިޝަން ނުކުންނާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމަށާއި، އަދި ރައްޔިތުންގެ ތާއީދު އެ ކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީނާށް އޮތް މިންވަރު ސަރުކާރަށް ދައްކާނީ މާތްﷲ ގެ އިރާދަފުޅާއެކު ވޯޓު ފޮށިން ކަމުގައިވެސް އިދިކޮޅުންނެރުނު ބަޔާނުގައިވެއެވެ.
ތާކުން ތާކު ނުޖެހޭ ކަންކަން ކޮށްގެން އެ ކޯލިޝަން ބަލި ކުރެވިދާނެކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއްކަމަށާއި، އެފަދަ ތާކުން ތާކު ނުޖެހޭ ފިނޑި ކަންކަން ކުރުން ހުއްޓާލުމަށާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ކުރުމަށާއި، ކޯޓުތަކަށާއި ޖުޑިޝަރީއަށް އަތްބާނައިގެން ކޯޓުތަކަށް ފޯރުވަމުން ގެންދާ ސިޔާސީ ނުފޫޒުން ކޯޓުތައް މިނިވަންކޮށް އަދި ކައުންސިލްތަކުގެ އިންތިޚާބު އަވަސްކުރުމަށްވެސް އިދިކޮޅުންވަނީ ގޮވާލައްވާފައެވެ.



