މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ވެކްސިން މި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް މި ނޫހަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެ ގޮތުން އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިޔަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްގެ ތެރޭގައި ކޮވިޑް ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް ރަށްރަށުގެ ޞިއްޙީ ހިދުމަތްދޭ ތަންތަނަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ވެކްސިން ލިބެންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމަށްވެސް އެފަރާތްތަކަށް އަންގާފައިވާކަމުގައި މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ރާއްޖެއަށް މި މަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމުގެ އުންމީދު ބޮޑުވެފައި ވާއިރު، ޑިސެންބަރު ފަހުކޮޅު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނައުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވަނީ ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލްއާއި ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ރީޖަންގެ ޑިރެކްޓަރ ޖެނެރަލްއާއި ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަން ހާމަކޮށްފައެވެ.
ކޮވިޑް ވެކްސިނާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވެފައި ވަނީ ކޮވިޑް ވެކްސިން ރާއްޖޭގެ އެންމެނަށް ހިލޭ ލިބެނެކަމަށެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ވެކްސިން ދޭނީ ކޮވިޑްގެ ބަލިމީހުންނާ ސީދާ ބައްދަލުވާން ޖެހޭ ނުވަތަ ވައިރަހަށް ހުށަހެޅޭ ގޮތަށް މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ފަދަ މީހުންނަށެވެ. އެއަށްފަހު އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް ޖެހިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ބިރު އޮތް ނުވަތަ ބޮޑަށް ބަލިވެދާނެ މީހުންނަށްކަމަށް ވަނީ ހާމަކުރައްވާފައެވެ.