ފާއިތުވި އަހަރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބަލާލައި ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފިއެވެ.
އެކަމަށްޓަކައި މި ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު އެ ކޮމާންޑުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފޮތް ނެރެދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ފޮތް ނެރެދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، އެ ފޮތަކީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކޮށްފައިވާ ވަރަށް ރަނގަޅު މަސައްކަތެެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފުން މަދުކަމުގައި ވީނަމަވެސް މިދިޔަ އަހަރު ހުށަހެޅުނު ގިނަ މައްސަލަތައް ބަލައި ނިންމުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި އަހަރު ޕީއެސްސީން ތައްޔާރުކޮށްފައިވާ އަހުލު ޕޯޓަލް އަކީވެސް މުވައްޒަފުން ހޭލުންތެރިކުރުމަށް ކުރެވުނު ވަރަށް ރަނގަޅު ބިނާކުރަނިވި އުފެއްދުމެއްކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ފާއިތުވި އަހަރަކީ އެ ކޮމާނޑުން އެންމެ ގިނަ އަދަދަކަށް މައްސަލަތައް ބަލާފައިވާ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް 19 އިގެ ބަލިމަޑުކަމުގެ ހާލަތުގައިވެސް ކޮމާންޑުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވިފައިވަނީ ވިސްނުންތެރިކަމާއެކު މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުން ކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަހަރަށް ކޮމާންޑުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްވެސް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
ފާއިތުވި އަހަރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބަލާލައި ތައްޔާރުކޮށްފައިވާ ފޮތުގައި، ވޭތުވެދިޔަ ފަސް އަހަރު އެ ކޮމާންޑުން ބަލާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބާއި، މައްސަލައެއް ހުށަހަޅާ ހިސާބުން ފެށިގެން އެ މައްސަލައެއް ނިންމައި ފައިލު ކުރުމާ ހަމައަށް އަމަލުކުރެވެމުންދާ ގޮތުގެ މައުލޫމާތުވެސް ހިމަނާފައިވެއެވެ.
މި ރަސްމިއްޔާތުގައި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވިއެވެ.
ޚަބަރާއި ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް



