އިންޑިއާއިން ދޭ ކޮވިޑް ވެކްސިން ލިބޭ ފުރަތަމަ ގައުމަކަށް ރާއްޖެ

ނުރައްކާތެރި ކޮވިޑް-19 ގެ ވައިރަހުން ރައްކާތެރިވުމަށްޓަކައި އިންޑިއާއިން ތައްޔާރުކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިން ލިބޭ ފުރަތަމަ ގައުމަކީ ރާއްޖެކަމަށް އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ވެކްސިން ޝިޕްމަންޓް ވައިގެ މަގުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނާނީ މާދަމާ މެންދުރު ފަހު ގާތްގަނޑަކަށް 02:00 ހާއިރުއެވެ.

ބޭރުގެ މީޑީއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން މާދަމާ ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ހުރިހާކަމެއް ތައްޔާރުވެފައިވާއިރު، ރާއްޖޭގެ ސަރުކާރުންވަނީ މިކަމަށްދޭންޖެހޭ ހުރިހާ ހުއްދައެއްވެސް ދެއްވާފައެވެ.

މީގެއިތުރުން މާދަމާ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ވެެކްސިން އަކީީ ފްރަންޓްލައިން ވޯކަރުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ވާވަރަށް ފޯރުކޮށްދޭ ވެކްސިން ޝިޕްމަންޓެއް ކަމަށްވެސް މައުލޫމާތުލިބެއެވެ.

ބޭރުގެ ނޫސްތަކުން މިކަން ހާމަކޮށްފައިވީނަމަވެސް ދިވެހިރާއްޖޭގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކޮވިޑް ވެކްސިނާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވެފައި ވަނީ ކޮވިޑް ވެކްސިން ރާއްޖޭގެ އެންމެނަށް ހިލޭ ލިބެނެކަމަށެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ވެކްސިން ދޭނީ ކޮވިޑްގެ ބަލިމީހުންނާ ސީދާ ބައްދަލުވާން ޖެހޭ ނުވަތަ ވައިރަހަށް ހުށަހެޅޭ ގޮތަށް މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ފަދަ މީހުންނަށެވެ. އެއަށްފަހު އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް ޖެހިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ބިރު އޮތް ނުވަތަ ބޮޑަށް ބަލިވެދާނެ މީހުންނަށްކަމަށް ވަނީ ހާމަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ