އޮންލައިން ނޫސް "ދެން" ގައި ޝާއިއުކުރި "ދަރިއަކު ހޯދުމަށްޓަކައި ރޭކުރުމުގައި ވަކި ގޮތަކަށް އަމަލުކުރަންޖެހޭތަ؟" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުން ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާއި ހިލާފުވާތީ އެކަމާ ގުޅިގެން އެ ނޫހުން މާފަށް ނޭދުމުން މީޑިއާ ކައުންސިލުން އިންޒާރުދިފިއެވެ.
މީޑިއާ ކައުންސިލުން ވިދާޅުވީ "ދަރިއަކު ހޯދުމަށްޓަކައި ރޭކުރުމުގައި ވަކި ގޮތަކަށް އަމަލުކުރަން ޖެހޭތަ؟" މި ސުރުހީގެ ދަށުން 25 އޮކްޓޯބަރު 2020 ވަނަ ދުވަހު "ދެން އޮންލައިން"ގައި ޝާއިއުކޮށްފައިވާ ލިޔުމާ މެދު އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައުމާ ގުޅިގެން ބެލި ބެލުމުން އެ ލިޔުމަކީ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑު"ގެ 9 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު ލިޔުމެއްކަމަށް ނިންމިފައިވާކަމަށެވެ.
"ދިވެހި މީޑިއާތަކުގެ ހަމަތަކާއި އަޚުލާޤީ މިންގަނޑުގެ 9 ވަނަ މާއްދާ އާއި 10 ވަނަ މާއްދާއާ ހިލާފު އެ ލިޔުން ވެބްސައިޓުން ނެގުމާ އެކު އާންމުކޮށް ފެންނާނެ ގޮތަށް މާފަށް އެދި 5 ނޮވެމްބަރު 2020ގެ 1300 ގެ ކުރިން ބަޔާނެއް ޝާއިއުކުރުމަށާއި އެ ނޫހުން ބޭނުން ކުރާ މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވެސް އެ ބަޔާން ފެންނާނެ ގޮތް ހެދުމަށް އެންގި ނަމަވެސް "ދެން އޮންލައިން" އިން މި ކައުންސިލުން އެންގި ގޮތަށް އާންމުކޮށް މާފަށް އެދިފައި ނުވާތީ އެކަން ފާހަގަކޮށް އެކަން ތަކުރާރު ނުކުރުމަށް އެ ނޫހަށް އިންޒާރު ކުރަމެވެ." މީޑިއާ ކައުންސިލުން ވިދާޅުވެފައިވެއެވެ.
"ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑު"ގެ 9 ވަނަ މާއްދާގައި ބުނެފައި ވަނީ، "ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއު ކުރުމުން ދުރުހެލިވާނެއެވެ."
އެ ލިޔުމަކީ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑު"ގެ 10 ވަނަ މާއްދާއާވެސް ހިލާފު ލިޔުމެއްކަމަށް މީޑިއާ ކައުންސިލުން ވަނީ ނިންމަވާފައެވެ. "އެ މާއްދާގައި ބުނަނީ، ޚަބަރާއި މައުލޫމާތު ޝާއިޢު ކުރުމުގައި، އާންމު އިޖުތިމާއި މިންގަނޑުތަކަށް ނުފެތޭ ހަޑިހުތުރު ބަސް ބޭނުން ކުރުމުން ދުރުހެލިވާނެއެވެ."




