ކޮވިޑްގެ ހާލަތުގައި ސިފައިން ވަމުން ދަނީ އަގުނުކުރެވޭ ފަދަ ޤުރުބާނީއެއް: ރައީސް

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިސިފައިން، ދިވެހިރައްޔިތުންނަށްޓަކައި ވަމުން އަންނަނީ، އަގުނުކުރެވޭފަދަ މަތިވެރި ޤުރުބާނީތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ދިވެހި ޢަސްކަރިއްޔާއަކީ، ކުރިއަށްވުރެވެސް ބޮޑަށް ޢަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއްކަމަށާއި އަދި އެމް.އެން.ޑީ.އެފް އަކީ، ޢަސްކަރީ ޚިދުމަތަކަށްވިޔަސް، ދިވެހި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ މަދަނީ ވަރަށްގިނަ ޚިދުމަތްތައް އެބަހުރިކަމަށެވެ.

އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ސިފައިން ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ވަނީ އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ވެކްސިން ދިނުމަށް، މިހާރު ވަމުން އަންނަ ތައްޔާރީތަކުގައިވެސް، ދިވެހި ސިފައިންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ސިފައިން ކުރަމުން އަންނަ އަގު ނުކުރެވޭ މަސައްކަތްތައް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް، ކަނޑުމަތީގެ 667 ހާދިސާއެއްގައި، 1880 މީހަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ޙާލު ބޮޑުވި ބަލިމީހުންގެ ތެރެއިން 4886 މީހަކު، ސީ-އެމްބިއުލާންސްގަޔާއި ހެލިކޮޕްޓަރުގައި އެއްތަނުން އަނެއްތަނަށް ގެންގޮސްފައިވާކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ހެންވޭރު ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި، މާލޭ ޓީ-ޖެޓީ ސަރަޙައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ހެންވޭރު ތިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް، ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސިފައިން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މި ހުންނަނީ، އިންސާނުންގެ ފުރާނަޔާ ގުޅިފައި ހުރި، ވަރަށް މުހިންމު އިންސާނީ ޚިދުމަތްތަކެއް"  ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިފަދަ ކޮންމެ ކަމަކަށްވެސް ސިފައިން ނުކުންނަނީ، ތިމާގެ އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ، ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އިސްކަންދީގެންކަމަށާއި، އަދި ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއްކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

"އެއީ ޢަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ޓެރަރިޒަމްގެ ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެން" ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ