ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށައިފި

ރާއްޖޭގައި މިއަދު ކޮވިޑް19 ވެކްސިން ޖަހަން ފަށައިފިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައިވަނީ އައިޖީއެމްގެ ޑރ. ޝިރާނީ އަބްދުއްރަހީމްއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑރ. ޝިރާނީ އަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާ އެވެ.

މިއަދު ވެކްސިން ޖަހަން ފެށުމަށް ބާއްވާ ރަސްމިއްޔާތުގެ އެޖެންޑާގައި ބުނެފައި ވަނީ ޑރ. ޝިރާނީ އާއެކު، ހުޅުމާލެ ފެސިލިޓީގެ ނަރުހެއް ކަމުގައިވާ ކާތިކޭން އާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތެއް ކަމުގައިވާ އިބްރާހިމް ނަސީރު ވެސް ވެކްސިން ޖަހާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެކްސިން ޖައްސަވާނީ ހަތަރު ވަނައަށެވެ. ރައީސް އަށް ފަހު ދެން ވެކްސިން ޖައްސަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ.

އެއަށްފަހު އުއްތަމަ ފަނޑިޔާރު އަހަމްދު މުއުތަސިމް އަދުނާން އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް ވެކްސިން ޖައްސަވާނެ އެވެ.

މިއަދު ވެކްސިން ދޭން ފަށާނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ. މިހާރު އެ ސަރަހައްދުތަކަށް ވެކްސިން ވަނީ ގެންގޮސްފަ އެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.

ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ