ރައީސް ނަޝީދު ކޮވިޑް ވެކްސިން ޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު އެ ވެކްސިން ޕްރޮގްރާމުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްވެސް ވަނީ މިއަދުގެ ވަގުތެއްގައި ވެކްސިން ޖައްސަވައިފައެވެ.

މި ބޭފުޅުން މިއަދު ކޮވިޑް ވެކްސިން ޖެއްސިވިއިރު، އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއާ ހަވާލުވެވަޑައިގެން ހުންނެވި، ޑރ،. ޝިރާނީ އަބްދުއްރަހީމެވެ.

މީގެ އިތުރުން، މިއަދު މިހާތަނަށް ކޮވިޑް ވެކްސިން ޖެއްސެވި އިސް ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

މިއަދު ވެކްސިން ދޭން ފަށާނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.

ރާއްޖެއަށް މިހާތަނަށް ގެނެސްފައިވާ ހަމައެކަނި ވެކްސިނަކީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ އޮކްފޯޑާއި އެސްޓްރެޒެނިކާގެ ދިރާސާގެ މައްޗަށް އުފައްދާފައިވާ ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ