ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަތަރު ސައިކަލު ހަދިޔާކޮށްފިއެވެ.
މި ކަމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ ސައިކަލުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން އެތަކެތި ހަވާލުކޮށްދެއްވީ ލިޓަސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ލިޓަސްގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދެމުންގެންދާ އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން ލިޓަސްގެ އިސް ބައެއް މުވައްޒަފުންވެސް ބައިވެރިވެލެއްވިއެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ލިޓަސްގެ ފަރާތުން ހަދިޔާކުރި އޯޖޫ ބްރޭންޑްގެ މި ހަތަރު ސައިކަލު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ އެކި މަސައްކަތްތަކުގައެވެ.
ރާއްޖޭގެ އެކި ކުންފުނިތަކުން ފުލުހުންގެ މަސައްކަތްތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ލިޓަސްގެ ފަރާތުން 100 ހެލްމެޓް މީގެ ކުރިން ހަދިޔާ ކޮށްފައިވެއެވެ.
ލިޓަސްއިން ވަނީ މިދިޔަ ޑިސެންބަރު މަހުގެ މެދުތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑަށްވެސް ހަތަރު ސައިކަލު ހަދިޔާކޮށްފައެވެ.




