ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހި މީހުންގެ ޢަދަދު 20،000 އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފަައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެކަނިވެސް 3،910 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން ޖެހި ދުވަހެވެ.
ރާއްޖޭގައި ވެކްސިން ޖަހަންފެށިތާ ބަރާބަރު 10 ދުވަސް މިއަދަށް ވެފައިވާއިރު، ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 20،161 އަކަށް އަރާފައެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/4lFBqPkeYr
— Health Protection Agency (@HPA_MV) February 10, 2021
ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން ވެކްސިން ޖެހީ 3،285 މީހުންނެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 16،703 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން 625 މީހަކަށް ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 3،458 އަކަށް އަރާފައެވެ.
ރާއްޖޭގައި މިވަގުތު ޖަހަމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. އެހެންނަމަވެސް އިތުރު ވެކްސިންތައް ރާއްޖެއަށް ގެނެއައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.