"އެއް ކާފު ޕްރޮޑަކްޝަންސް" އިން އުފައްދާ މީޑިއާނެޓްގެ މަލްޓި-އެޕް އިން ދެއްކުމަށް ހަމަޖެހިފައިވާ ސިޔާސީ ފިލްމު ”މަރްޔަމް“ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމް ޑައިރެކްޓްކޮށް ކެމެރާކޮށްފައިވަނީ ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ.
މީޑިއާނެޓް އިން އާންމުކޮއްފައިވާ މިފްލްމުގެ ޓްރެއިލާ އިން ފެންނަގޮތުގައި ”މަރްޔަމް“ އަކީ ހުނަރުވެރި ފިލްމީ ތަރި މަރްޔަމް މަޖުދާ (މަޖޫ) ވަރުގަދަ ސިޔާސީ ރޯލަކުން ފެނިގެންދާ ސިޔާސީ ފިލްމެކެވެ. އާދައިގެ އަންހެނަކު އޭނާ ހިމެނޭ ދާއިރާގެ މެންބަރެއްގެ ގޮނޑި ގެއްލުވައިލުމަށް ކުރާ ދަތުރުގެ ކަންތައްތަކެއް ފެނިގެންދާ ފިލްމު ”މަރްޔަމް“ އަކީ ރާއްޖޭގައި އުފައްދާ މިބާވަތުގެ ފުރަތަމަ ސިޔާސީ ފިލްމަށް ވެގެންދާނެއެވެ.
”މަރްޔަމްް“ގެ އާންމުކޮއްފައިވާ ފުރަތަމަ މި ޓްރެއިލާއިންވެސް މިއީ ސިޔާސީ ކުޅިގަނޑު ވަރުގަދަ ފީޗާ ފިލްމެއްކަން ހާމަވެގެންދެއެވެ. މިހާރު އާންމުކޮއްފައިވާ ޓްރެއިލާއިން މިފިލްމު މަރްޔަމްގެ ކެމްޕޭން މަންޒަރުތަކާާއި، މަރްޔަމް ވާދަކުރާ ފިރިހެން ކެންޑިޑޭޓްގެ ’ޑާރޓީ ޕޮލިޓިކްސް’ގެ ބައެއް މަންޒަރުތައްވެސް މި ފެނިގެންދެއެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ މަޖޫގެ އިތުރުން މަޤްބޫލު އަދި ހުނަރުވެރި އެކްޓަރ އަޙްމަދު ސަޢީދުއެވެ. އަދި މިފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކޮށްފައިވެއެވެ.



