ކ. މާފުށީ ޕޮލިސް ސްޓޭޝަނުން ކ. ގުޅީގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މި ފެބްރުއަރީ 24 ވަނަ ދުވަހު ގުޅީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ވަނީ އެރަށުގައި ދުއްވާ އުޅަނދުތަކުގެ މައުލޫމާތު އެއްކޮށް، ރަށުގައި ހުރި ފިހާރަތަކަށާއި ކެފޭ، ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިކަމަށެވެ.
އެގޮތުން ގުޅީގައި ހުރި ފިހާރަތަކަށް ޒިޔާރަތްކޮށް، އާންމުކޮށް ހިނގާ ވައްކަންތައް ކޮށްފައި ހުންނަ ގޮތްތަކާއި އެކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންމައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެރަށުގައި ހުރި ކެފޭ އަދި ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް ކުށުގެ ވެށީގައި އުޅޭ ޒުވާނުންގެ ފަރާތުން ކުރިމަތިވާ ކަންކަމަކީ ކޮބައިތޯބަލައި، މައުލޫމާތު އެއްކޮށްފައި ވާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން ވަނީ އެކި ނަންނަމުގައި ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތުވެސް ދީފައިވާއިރު، އެފަދަ ކޯލްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ވެސް ދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެއަތޮޅުގެ ރަށްތަކުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.



