ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ ދަށުން މިއަދު ވެކްސިން ޖެހި މީހުންގެ އަދަދަކީ 1،856 ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19 ވެކްސިން ކެމެޕެއިންގެ މައުލާމާތު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު މުޅި ޖުމްލަ ވެކްސިން ޖެހި މީހުންގެ އަދަދަކީ 1،856 ކަމަށާއި މީގެތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން 1،597 އާއި އަތޮޅުތެރޭ ރައްތަކުން 259 ކަމަށެވެ.
މިހާތަނަށް މުޅި ޖުމްލަ ރާއްޖެއިން ކޮވިޑް-19 ވެކްސިން ޖެހިމީހުންގެ އަދަދު 220،768 އަރާއިރު ރާއްޖޭގައި މިއަދުވަނީ ޗައިނާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ ސައިނޮފާމް ވެކްސިން ޖަހަން ފަށައިފައެވެ. މީގެކުރިން ރާއްޖޭގައި ޖަހަމުން ގޮސްފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/cZKtt2H0sw
— Health Protection Agency (@HPA_MV) March 22, 2021
މީގެ ކުރިން ރާއްޖޭގައި ޖަހަމުން އައި ކޮވިޝީލްޑް ވެކްސިނާ ހިލާފަށް، ސައިނޮފާމް ވެކްސިންގެ މައިގަނޑު ތަފާތަކީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ނަގާ މުއްދަތެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖެހޭނީ 8-12 ހަފުތާ ފަހުންނެވެ. ނަމަވެސް ސައިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ތިން ހަފްތާ ފަހުން ޖެހޭނެއެވެ.
ޗައިނާ އިންވަނީ ސައިނޮފާމް ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާކުރާނެ ކަމަށް ބުނެފައެވެ.




