ވެކްސިން ޖެހި މީހުންގެ އަދަދު 230،000 އިން މައްޗަށް

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ ދަށުން މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު 230،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ މިހާތަނަށް މުޅި ޖުމްލަ ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދަކީ 230،130 ކަމަށެވެ.

މިއަދު ކޮވިޑް-19 ވެކްސިން 2،434 މީހުންނަށް ދީފައިވާއިރު މީގެތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 1،016، އަދި އަތޮޅުތެރޭ ރައްތަކުން 1،418 އެވެ. މުޅި ޖުމްލަ މާލޭ އޭރިއާއިން މިހާތަނަށް 128،293 މީހުން ވެކްސިން ޖަހައިފައިވާއިރު އަތޮޅުތެރޭ ރައްތަކުން ވެކްސިން ޖެހިމީހުންގެ އަދަދަކީ 101.837 އެވެ.

މާލޭ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން މާލޭ ސަރަޙައްދުގައި 8 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި 2، މޯބައިލް ޓީމުން މާލޭ ސަރަޙައްދުގައި ވެކްސިން ޖަހައިދިނުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ. އަތޮޅުތަކުގައި ވެކްސިން ޖެހުން މިވަގުތު 169 ސެންޓަރެއްގައި ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ