ކާފާފުޅު ޕްރިންސް ފިލިޕް، ދަ ޑިއުކް އޮފް އެޑިންބްރާގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، ޕްރިންސް ހެރީ އިނގިރޭސިވިލާތުގައި އެހާ ގިނަ ދުވަހު މަޑުކުރުމަށް ނުވިސްނާ ކަމަށް ޙަބަރުތަކުގައި ބުނެފިއެވެ.
ޕްރިންސް ހެރީ މިގޮތަށް ނިއްމަވާފައިވަނީ، އޭނަގެ އަނބިކަނބަލުން ދެވަނަ ދަރިއަށް އާލާސްވެއިންނެވުމާއެކު، ވިހަންވެސް ގާތްވެފައި ވާތީއެވެ. އެހެންކަމުން ކާފަގެ ޖަނާޒާއަށްފަހު މޭގަންގެ ގާތުގައި ހުރުމަށް، އެނބުރި ކެލިފޯނިއާއަށް ދިއުމަށް ހެރީ ފުރާނެއެވެ.
ޕްރިންސް ފިލިޕް އަވަހާރަވީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި ފިލިޕްގެ ޖަނާޒާ އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.
ޕްރިންސް ހެރީ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި އޭނަގެ ދެބެންގެ ދެދަރި ކޮއްކޮ ޕްރިންސަސް ޔޫޖީނީ އާއެކު ކުރީގައި ދިރިއުޅުއްވި ގެކޮޅު ފޯގްމޯ ކޮޓެޖްގައި ކަރަންޓީނުގައެވެ.
ކާފަގެ ޖަނާޒާއަށް އެނބުރި އިނގިރޭސިވިލާތައް މިދިޔަ ހަފްތާގައި ހެރީ ވަޑައިގެންނެވިއިރު، މިއީ ޝާހީ ޒިންމާތަކާއި ދުރަށްގޮސް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، ޕްރިންސް ހެރީ އޭނަގެ އާއިލާއަށް ބައްދަލުވާ ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި ޕްރިންސް ހެރީއާއެކު މޭގަން ވަޑައިނުގަތީ، ޑޮކްޓަރުންގެ ލަފާގެ މަތިން ދަތުރުނުކުރުމަށް އެންގާފައިވާތީއެވެ. މޭގަން އާއި ހެރީއަށް ދެވަނަ ދަރިއަކު ލިބެންއުޅޭއިރު، މިއީ ފުރަތަަމަ ދަރިފުޅު، އާޗީ ލިބުނު ފަހުން މޭގަން ބަލިވެ އިން ދެވަނަ ފަހަރެެވެ. މޭގަން ދެވަނަ ފަހަރަށް ބަލިވެ އިންއިރު، ބަލިވެ އިންދާ ބައިގެން ދިޔަކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ދެމަފިރިން ވަނީ ހާމަކޮށްފައެވެ.
މި ދަނޑިވަޅަކީ، ޕްރިންސް ހެރީ އާއި އޭނަގެ އާއިލާއާއި ދެމެދުގައި ގުޅުން އެހާ ރަނގަޅު ދަނޑިވަޅެއްވެސް ނޫނެވެ. ސަބަބަކީ، ޕްރިންސް ހެރީ އާއި މޭގަން އޯޕްރާ ޝޯއަށް ދިން އިންޓަވިއުއެއްގައި ޝާހީ އާއިލާއަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައިވާތީއެވެ.




ހިޔާލު
Mee balibe in devana faharu ekamaku eh faharu bai gen gosfi ehen viyyaa vaan jehey nee 3vana faharu kamah