މިފަހުގެ ތާރީހެއްގައި ގެނެސްދިން އެންމެ ކާމިޔާބު ޓީވީ ޝޯ، "ގޭމް އޮފް ތްރޯންސް" އަކީ އެތައް ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދި ޝޯއެކެވެ. މި ސީރީޒްގެ ކާމިޔާބު 8 ސީޒަން އާއެކު 2019 ވަނަ އަހަރު މި ޝޯ ނިއްމާލިނަމަވެސް، މި ޝޯގެ ނިމުން ފޭނުންނަށް އެހާ ކަމުގޮސްފައެއް ނުވެއެވެ.
ސީރީޒްގެ އަށް ވަނަ ސީޒަންގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށާއި، އަދި ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ސީރީޒްގެ ނިމުން ގެނެސްދިން އިރު އެހާ ފީކަޅާކޮށް ގެނެސްދިނުމުން ގޭމް އޮފް ތުރޯންސް" ގެ އަށްވަނަ ސީޒަން އަލުން އުފެއްދުމަށް ޕެޓިޝަނެއްގައި މީގެ ކުރިން ވަނީ ސޮއިވެސްކޮށްފައެވެ. މި ޕެޓިޝަނުގައި އެއް މިލިއަނެއްހާ މީހުން ވަނީ ސޮއިކޮށްފައެވެ.
ނަމަވެސް މިވާހަކަތައް މެދުކެނޑިފައި އޮތުމަށްފަހު، "ގޭމް އޮފް ތްރޯންސް"ގެ އަށްވަނަ ސީޒަން އަލުން އުފައްދަން އުޅޭ ކަމަށްބުނެ މީސްމީޑިއާގައި މިވަނީ އެވާހަކަ ދައްކައިފައެވެ. މި ވާހަކަދެކެވިގެން ދިޔައީ މީގެ ދެ ދުވަސްކުރިން، "ގޭމް އޮފް ތްރޯންސް"ގެ އޮފިޝަލް ޓްވިޓާ އެކައުންޓުގައި "ވިންޓާ އިޒް ކަމިން" މިހެން ޖެހުމަށްފަހު ކުރި ޓްވީޓެއްގެ ސަބަބުންނެވެ.
މި ޓްވިޓާ އެކައުންޓުގައި 8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ހުރިއިރު، މި ޓްވީޓާއެކު ފޭނުން ބުނަމުން އައީ އެޗްބީއޯ އިން "ގޭމް އޮފް ތްރޯންސް"ގެ ފަހު ސީޒަން އަލުން ގެނެސްދެނީ ކަމަށެވެ.
Winter is coming.
— Game of Thrones (@GameOfThrones) April 14, 2021
މިކަމާއި ގުޅޭގޮތުން އެޗްބީއޯއިން އެއްވެސް ބަހެއް ބުނެފައިނުވީނަމަވެސް، ބެލެވޭ ގޮތުގައި މިއީ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު ދައްކަން ފެށި ދުވަސް ފާހަގަކުރުމުގެ ގޮތުން ޖެހި ޓްވީޓެކެވެ. އެގޮތުން މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު "ވިންޓާ އިޒް ކަމިން" ދައްކާފައިވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް 17 ގައެވެ.
2011 ވަނަ އަހަރު ދައްކަން ފެށި "ގޭމް އޮފް ތުރޯންސް" ނިއްމާލިއިރު، "ގޭމް އޮފް ތުރޯންސް" ފެށުން 300 އަހަރު ކުރިއަށް ގެންގޮސް މީގެ ޕްރިކްއެލް ގެނެސްދިނުމަށް އެޗްބީއޯ އިން ވަނީ އިއުލާންކޮށްފައެވެ.



