ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދަށް ފުރައްސާރަކޮށް ޕްރޮޕަގެންޑާ ފަތުރާފައިވާތީ އެމްޑީޕީން އެކަން ކުއްވެރިކޮށްފި

އެމްޑީޕީ ގެ ރައީސް އަދި ރައްޔިޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ސިކިޔުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި ފަރާތަކާ ޙާވާލާދީ “މިހާރު” ނޫހުން އެ މަނިކުފާނަށް ފުރައްސާރަކޮށް ޕްރޮޕަގެންޑާ ފަތުރާފައިވާކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް އެކަން ކުއްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ޓެރަރިޒަމުގެ ޙަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތައް، ތަޙްޤީޤުން އަދިވެސް ނުހޯދި ވާއިރު، އެ އަމަލަ ރައްދުވުމުގައި އެމަނިކުފާނަށް އިލްޒާމުއެޅުވުމަށް މަސައްކަތްކޮށް ޕްރޮޕަގެންޑާ ފަތުރާފައިވާ ކަމަށާއި ޙަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީއާއި އަދި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ޙަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ޙަވާލާދީ ޕްރޮޕަގެންޑާ ފަތުރާފައިވާކަމަށެވެ.

"ރައީސް މުޙައްމަދު ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކް އޮތް ފަރާތެއްކަން ސަލާމަތީ ޚިދުމަތްތަކަށް އެނގިފައވާއިރު، އަދި ޤާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ލާޒިމުކޮށްފައިވާއިރު، އެ މަނިކުފާނު އަވަހާރަކޮށްލުމުގެ ޓެރަރިޒަމުގެ ޙަމަލާ މަޖީދީމަގުން ރައްދުވުމުން، އެ މަނިކުފާނަށް އެގޮތަށް އިލްޒާމުއެޅުވުމަށް މަސައްކަތްކުރުމަކީ ސިދާ ޕްރޮޕަގެންޑާ އެއް." އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ ޓެރަރިޒަމުގެ އެ ޙަމަލާ އަމާޒުވެ، އަނިޔާލިބުނު ފަރާތަށް އިލްޒާމުއަޅުވައި މިގޮތަށް ޕްރޮޕެގެންޑާ ފަތުރާފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައާއި، ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަޤާމުގައި ހުންނަވަނިކޮށް، 7 ފެބްރުއަރީ 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަން ކަންބޮޑުވުމާއެކު ހަނދާންކުރާ ކަމަށެވެ. އަދި ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރުކޮށްދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ، ސަލާމަތީ ޚިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވާކަމަށް އެމްޑީޕީިން ބުންޏެވެ.

“މިހާރު” ނޫހުގައި ލިޔެފައިވާ ސިކިޔުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަ ދެއްކުމުގައި ޙަވާލާދީފައިވާ ފަރާތަކީ، އެނޫހަށް ޔަޤީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށާއި އެފަރާތުން “މިހާރު” ނޫހާ ދައްކާފައިހުރީ ސީދާ ރައީސް ނަޝީދުގެ ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް އެމްޑީޕީން ބުންޏެވެ. އެހެންކަމުން އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސިކިޔުރިޓީ މައްސަލަތަކުގެ މަޢުލޫމާތު ރަސްމީ ޙައިޞިއްޔަތުން ލިބޭ ފަރާތަކުންކަމަށް ޤަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

"މިއީ ވެސް މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް. ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއެސް މައްސަލައެއްކަމަށް ދެކެން.  ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ޙައިޞިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަން." އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ޙަމަލާއަކީ ޤައުމީ މަސްލަޙަތާ ގުޅިފައިވާ ސީރިއެސް ބޮޑު މައްސަލައަކަށްވާއިރު، އެ ޙަމަލައިގެ އަޑީގައި ތިބި ފަރާތްތަކާއި ފަންޑުކުރި ފަރާތްތައް އަދި ވެސް ނުހޯދޭއިރު، އެކި ދިމާތަކުން ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރައި، އިތުރު ސުވާލުތައް އެފެދޭ މޭރުމުން މަތިމައްޗަށް އިޙްމާލުވެ، ފުރައްސާރަކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބޮންތި

    ދިވެހީންނަށް އެކަކު އަނެކަކަށް ފުރައްސާރަ ކުރަން ދަސްކޮށް ދިނީ އެމްޑީޕީ ވެރިންނާއިމި ްސަޕޯޓަރުން. ދެން މިހާރު ކޮންވާހަކައް؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ