ޖަންނަތު

ޖަންނަތު (15)

(ސާދަ ވަނަ އަދަދާއި ގުޅޭ)

"އައި ލަވް ޔޫ. ދެން އަވަހަށް ދޭ އެތެރެއަށް. ގުޑް ނައިޓް." ޖަންނަތުގެ ނިތް ކުރިއަށް ބޮސް ދިނުމަށްފަހު އަރުޝަމް ދާން ހިނގައިގަތެވެ.

އަރުޝަމް ގޮސް ލޯ ކުރިމަތިން ގެއްލުމާއެކު ޖަންނަތު މަޑުމަޑުން ގޭތެރެއަށް ވަނެވެ. އޭރު ސިޓިންގ ރޫމް ސޯފާގައި މަންމައާއި ދައްތަ ވާހަކައެއް ދައްކަން ތިއްބެވެ. ޖަންނަތު ގޮސް ވަނުމާއެކު އެމީހުން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލިއެވެ. ޖަންނަތު އެދެމީހުންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު ގޮސް މަންމަ ކައިރީގައި އިށީނދެލިއެވެ.

"ދަރިފުޅުވެސް ބޭނުންވޭތަ ކައިވެނިކުރަން؟" ޖަންނަތުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ހުސްނާ އެހިއެވެ. އެވަގުތު ކުއްލިއަކަށް ދޭނެ ޖަވާބެއް ޖަންނަތަކަށް ނޭނގުނެވެ. ހާސްވެފައި އޭނާއަށް ބަލާލެވުނީ ޖަދުވާގެ މޫނަށެވެ.

"ޖަންނަތުވެސް ތިއީ މިހާރު ކުޑަކުއްޖެއް ނޫން. ހެވާއި ނުބައި ވަކިކުރަން އެނގޭނެ." ޖަދުވާގެ އެ ވާހަކައިން ނަގަންވީ ކޮން މާނައެއްކަމެއް ޖަންނަތަކަށް ނުވިސްނުނެވެ.

"ޖަންނަތަށް އެނގޭނެ ޖަންނަތުގެ ކިޔެވުން ދަށްވާން ފެށީ އަރުޝަމްގެ ޢަމަލުތަކުގެ ސަބަބުންކަން. މަންމަ ކުރިންވެސް އެވާހަކަ ދެއްކީ ހުރިހާ ކަމެއް ރަނގަޅަށް ބަލާފަ. އެކަމަކު އަހަރެމެންނަށްވެސް އެނގޭ ގަދަ ބާރުން މަޖުބޫރުކޮށްގެން މިހާރު ޖަންނަތު ލައްވާ ކަންކަމެއް ނުކުރެވޭނެކަން. އެކަމަކު ކައިވެންޏަކީ ވަރަށް ބޮޑު ޒިންމާއެއް. އަރުޝަމްގެ މަންމަމެން އޭނާ ކައިވެނިކުރަން އެހެން މީހަކު ހޮވާފަ ހުރީމަ އެބަ އެނގޭ އެމީހުންވެސް ޖަންނަތާ އަރުޝަމް ގުޅެން އެހާ ޤަބޫލު ނޫންކަން. އެހެންވީމަ ގޮތެއް ނިންމުމުގެ ކުރިން އަދިވެސް އެއްފަހަރު ޖަންނަތު ވިސްނާލަން މަންމައަށް ފެނޭ." ހުސްނާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. ޖަންނަތަށް ވިސްނައިދިނުމުގެ މަޤުޞަދުގައެވެ. ދައްކަން ހުރި ވާހަކަތައް ދައްކާފައި ހުސްނާ އިތުރަށް މަޑުނުކޮށް ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޖަދުވާ ވެސް ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ތެދުވެ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ނިދަން އެނދަށް އަރާ އޮވެގެން ޖަންނަތު ވަރަށް ގިނަ ގޮތްގޮތަށް ވިސްނިޔެވެ. މަންމަމެންވެސް އެދައްކަނީ ތެދު ވާހަކައެކެވެ. އަރުޝަމްގެ ޢަމަލުތައް ހުންނަ ގޮތުގެ ސަބަބުން މިހާރުވެސް އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކުރާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ކަމެއް ހަމަ ވާއިރަށް އަތް ފޮޅާލާފައި ދުވެ ފިލޭކަށް ނޯންނާނެއެވެ. ކައިވެނީގެ ގޮށުން ބަނދެވުމަށްފަހު ހުރިހާ ބާރެއް އޮންނާނީ އަރުޝަމްގެ އަތްމަތީގައެވެ. ނަމަވެސް އޭގެ އަނެއް ކޮޅުވެސް އެބައޮތެވެ. ކައިވެނީގެ ސަބަބުން ޖަންނަތު އެހެން މީހެއް ކައިރިއަށް ނުދާނެކަމުގެ ޔަޤީންކަން އަރުޝަމްއަށް ލިބޭނެއެވެ. އޭރުން އޭނާ މިހާރު ޢަމަލުކުރަމުންދާ ގޮތަށް ޢަމަލުކުރުމުގެ ފުރުސަތެއް ހަމަ ގައިމުވެސް ނޯންނާނެއެވެ.

ވިސްނުމުގެ ތެރެއަށް ގެއްލިފައި އޮއްވާ ޖަންނަތުގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ އަރުޝަމްއެވެ. ލިބެމުންދިޔަ ހާސްކަމަށް ލުޔެއް ލިބޭތޯ ޖަންނަތު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

"ކީކޭ މަންމަ ބުނީ؟" ޖަންނަތު ފޯނު ހަމަ ނެގުމާއެކު އަރުޝަމް އަހާލިއެވެ.

"މަންމަ ބުނީ އަހަރެން ވިސްނާފަ ޖަވާބެއް ދޭށޯ." ޖަންނަތުގެ ޖަވާބު ކުރެވެ. އޭރުވެސް އޭނާ ވިސްނަމުން ދިޔައީ ހަދާނެ ގޮތަކާމެދުގައެވެ.

"ދެން ކިހިނެއް ޖަންނަތު ތި ނިންމަނީ؟ އެނގޭ ދޯ އަހަރެން ޖަންނަތު ދެކެ ލޯބިވާ ވަރު؟" އަރުޝަމްގެ އަޑުގައި ހުރީ ނުތަނަވަސްކަމެވެ. ޖަންނަތުގެ ވިސްނުން ހުރި ގޮތް އެނގުން އޭނާއަށް ވަރަށް މުހިންމެވެ.

"އަހަރެން މިބުނާ ވާހަކައިން އަރުޝަމް ރުޅި ނައިސް ފުންކޮށް ވިސްނާލައްޗޭ." ބުނަން ނުބުނަން ހުރެފައި ޖަންނަތު ބުންޏެވެ. ނަމަވެސް ގޮތެއް ނިންމުމުގެ ކުރިން އެވާހަކަތައް އަރުޝަމް ކައިރީ ދެއްކުން މުހިންމުކަމުގައި ޖަންނަތު ދެކުނެވެ.

"ހޫމް...." ޖަންނަތު ބުނަން އުޅޭ ވާހަކައެއް ނޭނގޭތީ އަރުޝަމް ހުރީ ވަރަށް ޖެހިލުންވެފައެވެ. އޭނާގެ ހިތް އިތުރަށް އަވަސްވިއެވެ. އަނެއްކާ އޭނާއަށް މުޅި ޢުމުރަށް ޖަންނަތު ގެއްލެން އުޅެނީބާއޭ ހިތަށް އަރަމުންދިޔައެވެ.

"އަސްލު ބައެއް ފަހަރު އަހަންނަށް ހީވޭ އަހަންނަކީ އަރުޝަމްގެ އަޅެކޭ. އަރުޝަމް ހިތްހަމަ ނުޖެހޭ ކަމެއް ކިރިޔާ ކޮށްލެވުނަސް އަހަންނަށް އަދަބު ލިބޭ. ގައިގަ ތަޅާ ބޮޑެތި އަނިޔާ ނުކުރިޔަސް އަރުޝަމް ކުރާ ކަންތަކުން އަހަންނަށް ވަރަށް އަސަރު ކުރޭ. ވަރަށް ބޮޑަށް ވިސްނަންވެސް ވިސްނޭ. ކަމެއް ކުރުމުގެ ކުރިން އެތައް ފަހަރަކު ހިތަށް އަރާ މިކުރަން އުޅޭ ކަމަކުން އަރުޝަމް ހިތްހަމަ ނުޖެހިދާނެބާއޭ. އަބަދު ހުންނަނީ ހިތް ބިރުގަނެފަ. އެކަމަކު ހަމަ ކެތްކުރަނީ ލޯބިވާތީ." ޖަންނަތުގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. އޭނާ ވާހަކަ ދެއްކީ ވަރަށް ހިތްވަރާއެކުގައެވެ.

ޖަންނަތުގެ ވާހަކަތައް ނިމުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ހަމަހިމޭންކަމެއް އެދެމެދަށް ވެރިވެގެން ދިޔައެވެ. ޖަންނަތު ހުރީ ވަރަށް ހާސްވެފައެވެ. އޭނާ ދެއްކި ވާހަކަތައް އަރުޝަމްއަށް ވިސްނޭނެބާއޭ ހިތަށް އަރަމުން ދިޔައެވެ.

"އައި އޭމް ސޮރީ. އަހަންނަށްވެސް އެނގޭ ކަންތައް ކުރެވެނީ ރަނގަޅަކަށް ނޫންކަން. އެކަމަކު އެހެން އެވަނީ އަހަރެން ޖަންނަތުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން. އެއްވެސް ޙާލެއްގަ ޖަންނަތު އަހަންނަށް ގެއްލޭކަށް ބޭނުމެއް ނޫން. އެކަންކަން ރަނގަޅުކުރަން އަހަރެން ވަރަށް ބޭނުން. ޖަންނަތު އެންމެ އުފާވާ ގޮތަށް ހުރިހާ ކަމެއް ކޮށްދެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރާނަން. އެކަމަކު އެކަން އަހަންނަށް ވާނީ ޖަންނަތުގެ އެހީތެރިކަންވެސް ލިބިގެން." އަރުޝަމް ހުރީ ކޮންމެފަދަ ޙާލެއްގައިވެސް ޖަންނަތު އޭނާގެ ޙަޔާތަށް ގެންނަން ބޭނުންވެފައެވެ. އޭނާއަށް ޖަންނަތު ނޫން އެހެން މީހަކާއެކު ނޫޅެވޭނެއެވެ. އަދި ޖަންނަތު އެހެން މީހެއްގެ ޙައްޤަކަށްވާތަން ދެކޭކަށްވެސް ކެތެއް ނުވާނެއެވެ. ޖަންނަތު ހާސިލުކުރެވެން އޮތް ހުރިހާ ކަމެއް ކުރަން އޭނާ ހުރީ ތައްޔާރަށެވެ.

"ދެން އަރުޝަމްގެ މަންމަމެންނޯ؟" ވިސްނާލުމަށްފަހު ޖަންނަތު ސުވާލެއްކޮށްލިއެވެ. ގޮތެއް ނިންމަން އޭނާ ބޭނުމީ ހުރިހާ ކޮޅަކަށް ވިސްނުމަށްފަހުގައެވެ.

"ބައްޕަ އަހަރެން ކުރާ އެއްވެސް ކަމަކާ ދެކޮޅެއް ނުހަދާނެ. ދެން ހުރީ މަންމަ. މިހާރު އޯކޭ ނޫނަސް ފަހުން އަހަރެން މަންމަގެ ރުހުންވެސް ހޯދާނަން. ޖަންނަތު އެކަމާ ހާސްވާނެކަމެއް ނެތް." ވަރަށް ހަމަޖެހިލާފައި އަރުޝަމް ބުންޏެވެ. އަނެއްކާވެސް އެދެމެދަށް ހިމޭންކަން ވެރިވެގެންދިޔައެވެ.

"އޯކޭ...... އަހަރެންވެސް ބޭނުމީ މިހެން ނޫޅެ ކައިވެނިކުރަން. އަރުޝަމް ޤަބޫލުކުރަންވާނެ އަހަރެންގެ ޢާއިލާއިންވެސް އަދި ކައިވެނި ކުރަން އެހާ ޤަބޫލު ނޫންކަން. އަހަރެން ކައިވެންޏާ މި އެއްބަސްވަނީ އަރުޝަމްއަށް ވަރަށް އިތުބާރުކޮށްފަ. އަހަރެން ބޭނުމީ މިފަހަރު ޗުއްޓީ ނިންމާފަ ދިއުމުގެ ކުރިން މިކަން ނިންމަން." ހިތުގައި ނުތަނަވަސްކަމެއް ވީނަމަވެސް އެންމެ ފަހުން ޖަންނަތު ގޮތެއް ނިންމިއެވެ.

"އަލްޙަމްދުލިﷲ. ތެންކިޔު ޖަންނަތު. އަހަރެން ދުވަހަކުވެސް ޖަންނަތު ދެރަވާ އެއްވެސް ކަމެއް ނުކުރާނަން. އއައި އޭމް ސޯ ސޯ ހެޕީ. އައި ލަވް ޔޫ." އަރުޝަމް އަށް އުފަލުން ގޮސް ރޮވުނެވެ. އެންމެ ފަހުން އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ވަނީއެވެ. އެންމެ ލޯބިވާ މީހާ އޭނާއަށް ހާސިލުވަނީއެވެ.

ޖަންނަތުގެ ޖަވާބު އަޑު އަހާފައި ހުސްނާއާއި ޖަދުވާ ހިތްހަމަ ނުޖެހުނު ނަމަވެސް ޖަންނަތުގެ އުފަލަށްޓަކައި އިތުރަށް އެކަމާ ދެކޮޅު ނުހަދަން ނިންމިއެވެ. އަދި ޖަންނަތު ބޭނުންވި ގޮތަށް ޗުއްޓީ ނިމުމުގެ ކުރިން ކައިވެނީގެ ކަންތައްތައްކޮށް ނިންމާލުމަށް އެމީހުން އަތުކުރި އޮޅާލިއެވެ. ޖަންނަތު ބޭނުންވީ ކޯރޓުގައި ކައިވެނި ކުރުމަށްފަހު ހަމައެކަނި ޢާއިލާ މީހުންނަށް ކުޑަ ސަޔެއް ދީފައި އެކަން ނިންމާލުމަށެވެ. މާ ބޮޑު ޕާޓީއެއް ބާއްވާކަށް އޭނާ ބޭނުމެއް ނުވިއެވެ. ކައިވެނި ކުރަން އުޅޭ ޚަބަރު ޖަންނަތު އޭނާގެ އެންމެ ގާތް ދެ އެކުވެރިންނަށްވެސް ދިނެވެ. އެމީހުންނަށް އަރުޝަމްގެ ގޮތް އެނގޭތީ އެކަމާ އެހާ ޤަބޫލު ނުވިނަމަވެސް ޖަންނަތުގެ އުފަލަށްޓަކައި ހިތާ ދެކޮޅަށް އުފާވާކަން ހާމަކުރިއެވެ.

އަރުޝަމް ކައިވެނި ކުރާ ޚަބަރު އޭނާގެ ބައްޕައަށް ދިނެވެ. އަރުޝަމްގެ ބައްޕައަކީ އެއް އިރެއްގައިވެސް އަރުޝަމް ބޭނުންވާގޮތާ ދެކޮޅު ހަދާ މީހެއް ނޫނެވެ. އެހެންކަމުން އަރުޝަމްގެ އެ ނިންމުމާމެދުވެސް ބައްޕަ ފާޑެއް ނުކިޔައެވެ. މަންމަގެ ކަންފަތަށް އެ ޚަބަރު އިއްވުމުގެ މަސައްކަތް އަރުޝަމް ޙަވާލުކުރީ ބައްޕައާއެވެ. މަންމަގެ ގޮތް އެނގޭތީ މަންމަ ގުޅުމުން އަރުޝަމް ފޯނުވެސް ނުނަގައެވެ. މަންމަ ހިތްހަމަ ނުޖެހޭނެވަރު އަރުޝަމްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ސަބަބަކީ މަންމަވަނީ އަރުޝަމްއާ އައިރީންގެ ކައިވެންޏަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ނަމަވެސް މަންމައާ އައިރީންގެ ޢާއިލާއިން ދެކޭނެ ގޮތަކާމެދު ނުވިސްނާ އަރުޝަމް ދިޔައީ އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމަށް ތައްޔާރުވަމުންނެވެ.

ކައިވެނީގެ ކަންތައްތައް ނިމިގެން ދިޔައީ ވަރަށްވެސް އަމާންކޮށެވެ. އެހެން އެކަކު އުފާ ނުވިނަމަވެސް ޖަންނަތާއި އަރުޝަމް ތިބީ ވަރަށް އުފަލުންނެވެ. ހިތުގައި ނުތަނަވަސްކަމެއްވީނަމަވެސް ޗުއްޓީ ނިންމާފައި ޖަންނަތު އަރުޝަމްއާއެކު މާލެ ފުރީ ދިރިއުޅުމާމެދު ވަރަށްވެސް ފޮނި އުންމީދުތަކެއް ކުރަމުންނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ