ޖަންނަތު

ޖަންނަތު (16)

(ފަނަރަވަނަ އަދަދާއި ގުޅޭ)

ކައިވެނީގެ ކަންތައްތައް ނިމިގެން ދިޔައީ ވަރަށްވެސް އަމާންކޮށެވެ. އެހެން އެކަކު އުފާ ނުވިނަމަވެސް ޖަންނަތާއި އަރުޝަމް ތިބީ ވަރަށް އުފަލުންނެވެ. ހިތުގައި ނުތަނަވަސްކަމެއްވީނަމަވެސް ޗުއްޓީ ނިންމާފައި ޖަންނަތު އަރުޝަމްއާއެކު މާލެ ފުރީ ދިރިއުޅުމާމެދު ވަރަށްވެސް ފޮނި އުންމީދުތަކެއް ކުރަމުންނެވެ.

"އަހަރެމެން އުޅޭނީ އަރުޝަމް މަންމަ ކައިރީގަތަ؟" ފުރަން ލޯންޗަށް އެރީއްސުރެ ޖަންނަތުގެ ހިތުގައި ތަކުރާރުކޮށް އުފެދެމުން ދިޔަ ސުވާލު އެންމެ ފަހުން އަރުޝަމްއާ ކޮށްލިއެވެ.

"ނޫން. މަންމަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ. އެކަމަކު ޖަންނަތު އެކަމާ ދެރަ ނުވޭ. އަހަރެމެން އުޅޭނީ އަހަރެންގެ ހުޅުމާލެ އެޕާރޓްމެންޓްގަ. އަހަރެމެންނަށް އުނދަގޫކުރާނެ އެއްވެސް މީހެއް އެތަނަކަށް ނާންނާނެ." ހިނިތުންވެލަމުން އަރުޝަމް ބުންޏެވެ.

"އަހަންނަކަށް ނޭނގޭނެ ކައްކާކަށް." ލަދުން އިސްޖަހާލައިގެން އިނދެ ޖަންނަތު ބުންޏެވެ.

"މޮޔަ ކުއްޖާ! އަހަރެން ޖަންނަތުއާ އިނީ ޖަންނަތު ލައްވާ މަސައްކަތްކުރުވާކަށް ނޫނޭ. ގޭގެ ކަންކަން ކުރަން ބޭރު އަންހެނަކު އަންނާނެ. ކައްކާ، ގޭތެރެ ސާފުކޮށް، އެއްޗެހި ދޮވެ ހުރިހާ ކަމެއް އޭނާ ކޮށްދޭނެ. ޖަންނަތު ކިޔަވަންވެސް ޖެހޭނެއެއްނު." މަޑުމަޑުން ހީލާފައި އަރުޝަމް ޖަންނަތުގެ ބޮލުގައި ޖަހާލިއެވެ.

ގަޑިއެއްހާއިރުގެ ދަތުރަށް ފަހު ޖަންނަތުމެންނަށް މާލެ ދެވުނުއިރު ހުރީ ހަވީރުވާން ކައިރިވެފައެވެ. ލޯންޗުން ހަމަ ފޭބުމާއެކު ޓެކްސީއެއް ނަގައިގެން ހުޅުމާލެ ދިއުމަށްޓަކައި އަރުޝަމް އަވަސްވެގަތެވެ. މުޅިން އައު މާޙައުލަކަށް ދެވޭތީ ޖަންނަތު އިނީ ފިނިވާގޮތްވެފައެވެ. އަރުޝަމް ކިތަންމެ ލޯބިވި ނަމަވެސް ފަހުން ވާނެ ގޮތެއް ނޭނގޭތީ ޖަންނަތުގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިފައިވެއެވެ. ނިންމުނު ނިންމުމާމެދު އަދިވެސް އޭނާއަށް ޝައްކުވަނީއެވެ.

އަރުޝަމްގެ ދަބަސް ކޮނޑުގައި އަޅުވާލައިގެން ހުރެ ޖަންނަތުގެ ފޮށި އަތުން ދަމަމުން އަރުޝަމް ގޮސް އެޕާރޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. މަޑުމަޑުން ހުރެ ޖަންނަތުވެސް އެތެރެއަށް ވަނެވެ. އެވަގުތު ކުއްލިއަކަށް މުޅި ތަން އަލިވެގެންދިއުމާއެކު ބަޔަކު ހަޅޭލަވައިގަތް އަޑު އިވުނެވެ.

"ސަރޕްރައިޒް!!!" އައި ނައި ދިމާއެއް ނޭނގި ޒަހާ އައިސް ހަޅޭލަވައިގަންނަމުން ޖަންނަތުގެ ގައިގައި އޮޅުލައިގަތެވެ. ޒަހާގެ އެ ޢަމަލުން ޖަންނަތު ކުޑަކޮށް ސިހޭގޮތް ވިއެވެ. ޒަހާގެ ފަހަތުގައި ޖީނާވެސް ހިނިތުންވެލައިގެން ހުއްޓެވެ. އެވަގުތު ލިބުނު އުފަލެއް ޖަންނަތުއަށް ބުނެދޭންވެސް ނޭނގުނެވެ. ބޮލުތެރޭގައި ހިނގަމުންދިޔަ ހައިޖާނުވެސް ކުއްލިއަކަށް ހުއްޓުނެވެ. އަދި އުފަލުން އޭނާގެ ދެ ރަޙްމަތްތެރިން ގައިގައި ވަކިވަކިން ބައްދާލިއެވެ. ވަށައިގެންވާ މާޙައުލަށް ޖަންނަތަށް ނަޒަރު ހިންގާލެވުނީ ދެނެވެ. މުޅި ތަންވަނީ ކަޅާއި ރަތުގެ ފުއްޕާހަމުން ޒީނަތްތެރިކޮށްފައެވެ. ސިޓިންގ ރޫމްގެ މެދުގައި ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަ ބޭނުންކޮށްގެން ހިތުގެ ބަށްޓަމަށް ފިޔަތައް އަތުރާފައި ހުއްޓެވެ. އޭރު އަރުޝަމް ގޮސް ގެނައި ސާމާނު ބަހައްޓާފައި އެމީހުންނާ ދިމާއަށް ހިނިތުންވެލައިގެން ބަލަން ހުއްޓެވެ. އަރުޝަމް ކައިރީގައި ޔޫޝައުއާ ޖައިޝަމްވެސް ތިއްބެވެ. އެ ތަން ޒީނަތްތެރިކޮށްފައި އޮތްލެއް ފުރިހަމަކަމުން އުފަލުން ހުރެ ޝުކުރުން ފުރިގެންވާ ލޮލަކުން ޖަންނަތަށް އަރުޝަމްއާ ދިމާއަށް ބަލާލެވުނެވެ. އަރުޝަމް އޭނާގެ އުފަލާމެދު ވިސްނާވަރު ހިތަށް އެރުމުން ހިތުގައިވާ ލޯބި އިތުރުވެގެންދިޔައެވެ. އެރޭ ވަރަށް ގިނައިރު ވަންދެން އެންމެން އެކި ވާހަކައިގައި ތިއްބެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދެފަރާތުގެ ރަޙްމަތްތެރިން ދިޔައީ ދަންވަރުވީ ފަހުންނެވެ.

ކިޔެވުން ފެށެން އަދި ހަފްތާއެއް އޮތުމާއެކު އަރުޝަމް ބޭނުންވީ މާމުއި ހަނދުގެ ދުވަސްތައް ހޭދަކޮށްލުމަށްޓަކައި ޖަންނަތު ގޮވައިގެން ރިސޯރޓަކަށް ދާށެވެ. ރިސޯރޓުގައި ހޭދަވެގެންދިޔަ ކޮންމެ ވަގުތުކޮޅަކީ ޖަންނަތަށް ޚާއްސަ ވަގުތުކޮޅަކަށް ހެދުމަށްޓަކައި އަރުޝަމްއަށް ކުރެވުނު ހުރިހާ ކަމެއް ކޮށްދެމުންދިޔައެވެ. އަރުޝަމްގެ ހުރިހާ ވަގުތެއް ޖަންނަތަށްޓަކައި ހުސްކޮށްލެވިފައިވާކަހަލައެވެ. ޖަންނަތުގެ ތުންފަތުން ހިނިތުންވުން ފިލައިގެން ދާނެ ފުރުސަތެއް އަރުޝަމް ނުދެއެވެ. އެކަމާ ޖަންނަތު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި ކުރެވުނު ކައިވެންޏާމެދު ހިތުގައި އުފެދުނު ޝައްކުތައް މަޑުމަޑުން ފިލަންފެށިއެވެ.

ކިޔެވުން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް ޖަންނަތު އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ޖަންނަތު ގޮވައިގެން އަރުޝަމްވެސް އޮފީހަށް ދާގޮތަށް ގެއަށް އަންނަނީ ޖަންނަތު ނިމުމުން ގޮވައިގެންނެވެ. ކޮލެޖުގައި އުޅޭ ވަގުތުތަކުގައި ޖަންނަތަށް ހުސް ވަގުތެއް ލިބިއްޖެނަމަ ދެމީހުން އެކީގައި ކާން ގޮސް ހަދައެވެ. ޖަންނަތު އަބަދު އުފާވެފައި ހުންނަ މަންޒަރު ފެންނަން ފެށުމުން ޒަހާއާއި ޖީނާވެސް ކުރިން އަރުޝަމްއާމެދު ދެކުނު ގޮތް ބަދަލުކުރަން މަޖުބޫރުވިއެވެ. ގިނަ ފަހަރު އަރުޝަމް ކާން ދަނީ އެ ދެމީހުންވެސް ގޮވައިގެންނެވެ. ކިޔެވުމުގެ އެކި ކަންކަމުގައާއި އެނޫންވެސް ކަންކަމުގައި އެމީހުން ކިތަންމެ ގިނައިން އެގެއަށް އައިސް ގޮސްވިޔަސް އަރުޝަމް އެކަމާ އެއްޗެއް ނުބުނެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާދައިގެމަތިން ޖަންނަތު ކޮލެޖް ނިމޭ ގަޑިއަށް އަރުޝަމް ބަލާ ދިޔައެވެ. ބަނޑުހައިވެފައި ތިބުމުން ދެމީހުން ގޮސް ރެސްޓޯރެންޓަކަށް ވަދެ ކާލައިގެން ކުޑަކޮށް ކާރު ދުއްވާލާފައި ހުޅުމާލެއަށް ދެވުނުއިރު ހުރީ އިރުއޮއްސިފައެވެ. ލިފްޓުން އެރީ އެކި ވާހަކައިގައި ތިބެ ސަކަރާތް ޖަހަމުންނެވެ. ނަމަވެސް އެޕާރޓްމެންޓް ދޮރު ހުޅުވަން އަރުޝަމް ތަޅުދަނޑި ޖަހާލި ވަގުތު ތަޅު ހުޅުވާފައި ހުރިކަން އެނގުމުން ކުޑަކޮށް މަޑު ޖެހިލެވޭގޮތްވިޔެވެ. ސަބަބަކީ ގޭ ތަޅުދަނޑި އޮންނަނީ އޭނާއާއި ގޭތެރޭގެ މަސައްކަތްތައް ކޮށްދޭން އަންނަ ޒަރީން އަތުގައި އެކަންޏެވެ. އަދި އެ ގަޑިއަކީ ޒަރީންވެސް އާންމުކޮށް ގޭގައި އުޅޭ ގަޑިއެއް ނޫނެވެ. ކުރާނެ މާ ގިނަ މަސައްކަތްތަކެއް ނުހުންނާތީ އޭނާ އާންމުކޮށް ހެނދުނު އައިސްފައި މެންދުރެއްހާއިރު އެނބުރި ދާނެއެވެ. ނަމަވެސް އެގަޑީގައި ދޮރު ހުޅުވާފައި ހުރުމުން އަރުޝަމްގެ ބޮލުގައި ކުއްލިއަކަށް ރިއްސާލިއެވެ. އެހެންކަމުން ވަރަށް ވިސްނައިގެން ހުރެ މަޑުމަޑުން އޭނާ ދޮރު ހުޅުވާލިއެވެ. އެވަގުތު ސިޓިންގ ރޫމް ސޯފާގައި ހަމަޖެހިލައިގެން ޓީވީ ބަލަން އިން މީހާ ފެނިފައި އަރުޝަމްގެ ހަރަކާތްތައް ހުއްޓޭ ގޮތްވިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
321
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ