ޖަންނަތު

ޖަންނަތު (17)

(ސޯޅަ ވަނަ އަދަދާއި ގުޅޭ)

ނަމަވެސް އެޕާރޓްމެންޓް ދޮރު ހުޅުވަން އަރުޝަމް ތަޅުދަނޑި ޖަހާލި ވަގުތު ތަޅު ހުޅުވާފައި ހުރިކަން އެނގުމުން ކުޑަކޮށް މަޑު ޖެހިލެވޭގޮތްވިޔެވެ. ސަބަބަކީ ގޭ ތަޅުދަނޑި އޮންނަނީ އޭނާއާއި ގޭތެރޭގެ މަސައްކަތްތައް ކޮށްދޭން އަންނަ ޒަރީން އަތުގައި އެކަންޏެވެ. އަދި އެ ގަޑިއަކީ ޒަރީންވެސް އާންމުކޮށް ގޭގައި އުޅޭ ގަޑިއެއް ނޫނެވެ. ކުރާނެ މާ ގިނަ މަސައްކަތްތަކެއް ނުހުންނާތީ އޭނާ އާންމުކޮށް ހެނދުނު އައިސްފައި މެންދުރެއްހާއިރު އެނބުރި ދާނެއެވެ. ނަމަވެސް އެގަޑީގައި ދޮރު ހުޅުވާފައި ހުރުމުން އަރުޝަމްގެ ބޮލުގައި ކުއްލިއަކަށް ރިއްސާލިއެވެ. އެހެންކަމުން ވަރަށް ވިސްނައިގެން ހުރެ މަޑުމަޑުން އޭނާ ދޮރު ހުޅުވާލިއެވެ. އެވަގުތު ސިޓިންގ ރޫމް ސޯފާގައި ހަމަޖެހިލައިގެން ޓީވީ ބަލަން އިން މީހާ ފެނިފައި އަރުޝަމްގެ ހަރަކާތްތައް ހުއްޓޭ ގޮތްވިއެވެ.

އިރުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު އަރުޝަމް ފަހަތަށް އެނބުރި ޖަންނަތާ ދިމާއަށް ބަލާލިއެވެ. އޭރު ޖަންނަތުވެސް ހުރީ ވާނުވާ ނޭނގޭތީ ހިތް ނުތަނަވަސްވެފައެވެ.

"ޖަންނަތު ދޭ ކޮޓަރިއަށް. އަހަރެން އެބަ އަންނަން." އަރުޝަމް އެހެން ބުނުމާއެކު ޖަންނަތު އަވަސް އަވަހަށް ބޯ ޖަހާލާފައި އިސްދަށަށް ޖަހައިގެން ހުރެ ހަލުވިކޮށް ހިނގާފައި ގޮސް ކޮޓަރި ތެރެއަށް ދެމިގަތެވެ. ނަމަވެސް ދޮރު އެއްކޮށް ނުޖަހާ ބޭރުގައި ދައްކާ ވާހަކައެއް އަޑު އިވޭތޯ ދޮރު ކައިރީގައި އޭނާ މަޑުކޮށްލިއެވެ.

"މަންމަ ކިހިނެއް މިގޭތެރެއަށް ވަނީ؟" ޖަންނަތު ގޮސް ކޮޓަރިއަށް ވަންނަންދެން މަޑުކޮށްލައިގެން ހުރުމަށްފަހު އަރުޝަމް މަންމަ ކައިރިއަށް އައިސް ޖެހިގެން ހުރި ސޯފާގައި އިށީންނަމުން ވާހަކަ ދައްކަންފެށިއެވެ. އަރުޝަމްގެ މަންމަ ވިދާދާގެ ގޮތް އެންމެ ރަނގަޅަށް އެނގޭ އެކަކީ އަރުޝަމްއެވެ. ޖަންނަތުގެ ކުރިމަތީގައި ވާހަކަ ދައްކަން އަރުޝަމް ބޭނުން ނުވީ އެހެންވެއެވެ.

"ދަރިފުޅު ކީއްވެތަ މަންމަ ގުޅީމަ ފޯނު ނުނަގަނީ؟" އަރުޝަމް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ވިދާދާވެސް ކޮށްލީ ސުވާލެކެވެ. އަރުޝަމް ހީކޮށްގެން ހުރި ގޮތާ ޚިލާފަށް މަންމަގެ އަޑުގައި ނުރުހުންވުމުގެ ބަދަލުގައި ހުރީ ޝަކުވާގެ އަސަރެވެ.

"މަންމަ އަހަރެން ދައްކާ ވާހަކަ އެއް ފަހަރުވެސް އަޑު އެހިންތަ؟ މަންމަ އަބަދުވެސް ބޭނުންވަނީ މަންމަ ބޭނުންވާ ގޮތަށް އަހަރެން ހުރިހާ ކަމެއް ކުރަން. އެ ހެޔޮ ބްލެކްމެއިލްކޮށްގެންވިޔަސް. މަންމައަށް އެނގޭނެ މިއޮއްހާ ދުވަހު އަހަރެން ކަންތައްކުރީ މަންމަ ބޭނުންވާ ގޮތަށްކަން. އަހަރެން ކިޔަވަން ބޭނުން ނުވިޔަސް ކިޔެވީ މަންމަ ބުނި ދާއިރާއިން. މަންމަ ބޭނުންވީތީ ކިޔަވައިގެން އައިސް ބައްޕައާއެކު ވިޔަފާރީގަ ބައިވެސްވީ." މަންމައާ ހަތަރުކަޅި ހަމަކޮށްލަމުން އަނެއްކާވެސް އަރުޝަމް ވާހަކަ ކުރިއަށްގެންދިޔައެވެ.

"އަހަރެން ބޭނުންވާ ގޮތް މަންމައަށް އެނގޭއިރުވެސް މަންމަ އެއް ފަހަރުވެސް އަހަރެންގެ އުފަލާމެދު ވިސްނާލިންތަ؟ އަހަރެން ބޭނުންވަނީ ކޮން ގޮތެއްކަން ސާފުކޮށް ބުންޏަސް މަންމަ އަޑެއް ނާހާ. މަންމައަށް ވަރަށް ރަނގަޅަށް އެނގޭނެ މަންމަ ދެރަވެގެން ރޯން ފެށީމަ މަންމަ ބުނާ ގޮތާ ދެކޮޅަށް އެއްވެސް ކަމެއް ކުރަން އަހަންނަކަށް ނުކެރޭނެކަން. އަހަރެން ޖަންނަތު ދެކެ ލޯބިވާ ވާހަކަ މަންމަ ކައިރީ ކިތައް ފަހަރު ބުނިން. އެކަމަކުވެސް މަންމަ އުޅުނީ އަހަންނަށް މަޖުބޫރުކޮށްގެން އައިރީންއާ ކައިވެނިކުރުވަން." އެހިސާބަށް ވާހަކަ ދިޔަތަނާ ކުއްލިއަކަށް ވިދާދާ އަތް އުފުލާލިއެވެ. އެހެންކަމުން އަރުޝަމް ވާހަކަ މެދުކަނޑާލިއެވެ.

"އަރުޝަމްއަށް އެނގޭނެ މަންމަ އަރުޝަމްއަށް ދެރަ ގޮތެއް ނުހަދާނެކަން. އެއްވެސް މަޔަކު އެމީހަކު ބަނޑު އަޅާ ވިހެއި ދަރިޔަކަށް ދެރަ ގޮތެއް ވާކަށް ނޭދޭނެ. ކޮންމެ ކަމެއްވެސް މަންމަ ކުރަނީ އަރުޝަމްގެ އުފަލާމެދު ވިސްނާފަ. މަންމަމެން ގިނަ ދުވަހު ދުނިޔޭގަ އުޅެފަ ތިބީމަ ގިނަ ތަޖުރިބާ ހުންނާނެ. އެހެންވެ އެކަންކަމުގެ އަލީގަ ގޮތް ނިންމަނީވެސް. އަދިވެސް މަންމަ ބުނާނަން އަރުޝަމްއަށް ޖަންނަތަށްވުރެ އައިރީން މާ ރަނގަޅުވާނެއޭ." ވިދާދާ އިނީ އަދިވެސް ދޫ ދޭ ގޮތަކަށް ނޫނެވެ. "މިހާރު މި އެޕާރޓްމެންޓްވެސް ތިއުޅެނީ އެ އަންހެން ކުއްޖާގެ ނަން މައްޗަށް ބަދަލުކުރާކަށްނު. އޭނަ އެއުޅެނީކީ އަރުޝަމްދެކެ ލޯބިވާތީކީ ނޫނޭ. އެކަހަލަ ރާއްޖެތެރޭ މީހުންގެ ގޮތް މަންމައަށް ވަރަށް ރަނގަޅަށް އެނގޭ. މާލެ އައިސް މާލޭގެ ތަނަވަސް ކުދިން ބޮލަށް އެރިގެން މުދާ ބައްކުރަން އުޅޭނީ...." ވިދާދާގެ އަޑު ދިޔައީ އެއް ފަހަރަށްވުރެ އަނެއް ފަހަރު ބާރުވަމުންނެވެ.

"މަންމާ!!!!" އަރުޝަމްއަށް އެންމެ ފަހުން ނީނދެވިގެން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެނާ މިއޮއްހާއިރުވެސް ކެތް ކުރަމުން އެ ދިޔައީ އެއީ އޭނާގެ މަންމައަށްވީމައެވެ. މިހާރު އެވާހަކަތައް އޭނާއަށް އެތައް ފަހަރު އެތައް ގޮތަށް މަންމައާ ދެއްކިއްޖެއެވެ. ނަމަވެސް އަދިވެސް މަންމަ އެހެރީ ގޮތް ދޫނުކުރަންވެގެންނެވެ.

"އަރުޝަމްއަށް މިހާރު މަންމަ މިދައްކާ ވާހަކަ ޤަބޫލު ނުކުރެވުނަސް އަދި ވިސްނޭނެ ދުވަހެއް އަންނާނެ. އެދުވަހަކުން އޮންނާނީ ވަގުތު ފާއިތުވެފަ. އެ އަންހެން ކުއްޖާއާ ޖެހުނު ފަހުން ދަރިފުޅު މަންމައާވެސް ދުރުކޮށްފި." ދަތްކުނޑި ވިކާލާފައި ވިދާދާ ބުންޏެވެ. އޭނާއަކީ އެއް އިރެއްގައިވެސް އެހެން މީހަކު ދައްކާ ވާހަކައެއް ޤަބޫލުކުރާ މީހެއް ނޫނެވެ. އޭނާއަށް ފެންނަ ގޮތް އެއީ އަބަދުވެސް އެންމެ ރަނގަޅު ގޮތެވެ.

"މަންމާ! މިއަދު ވަރަށް ބިޒީކޮށް އުޅުނީމަ އަހަރެން މިހިރީ. ވަރަށް ވަރުބަލިވެފަ. މާދަން އަނެއްކާ ހެނދުނާ އޮފީހަށް ދާން ހޭލަން ޖެހޭނެ. އަހަރެން ބޭނުން ނިދާލަން. މަންމަ ގެއަށް ލައިދޭން ދާންވީތަ؟" ހިތްހަމަނުޖެހިގެން މަންމައާ ދިމާއަށް ބުނަން ނުވާވަރުގެ އެއްޗެއް ބުނެވިދާނެތީ އަރުޝަމް ބޭނުންވީ އަވަހަށް މަންމަ ފޮނުވާލާށެވެ.

"ކޮންމެހެން އަހަރެން ގެއަށް ލައިދޭން ދާނެކަމެއް ނެތް. މިހާރު މަންމައަށްވުރެ އެ އަންހެން ކުއްޖާ އަރުޝަމްއަށް މާ މުހިންމެއްނު." ވިދާދާ އަދިވެސް އުޅުނީ ގަދަކޮށްލާށެވެ.

"އެހެންވިއްޔާ އަހަރެން މި ގުޅަނީ ޓެކްސީއަކަށް. ހިނގާ ތިރިއަށް ދާން." އަރުޝަމްވެސް އިތުރަށް ވާހަކަ ކުރިއަށް ގެންދަން ބޭނުންނުވާތީ ޓެކްސީއަކަށް ގުޅާފައި މަންމަގެ އަތުގައި ހިފައިގެން އެޕާރޓްމެންޓުން ނުކުތެވެ.

އެ ހުރިހާ އިރަކު އަރުޝަމްއާ އޭނާގެ މަންމަ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި ޖަންނަތުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީކަމުގައި ވީނަމަވެސް އޭނާ އަރުޝަމްދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި އެއީ ތެދުވެރި، ސާފު ލޯތްބެކެވެ. އއަރުޝަމްގެ މުދަލުން ޒައްރެއްގެ މިންވަރުވެސް އޭނާ ބޭނުމެއް ނޫނެވެ. އަރުޝަމްގެ މަންމަ އޭނާދެކެ އެހާ ރުޅި އަންނަންވީ ކީއްވެގެންބާއެވެ؟

ޚިޔާލުތަކުގައި ހުރެގެން ޖަންނަތު ގޮސް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ނިދަން ތައްޔާރުވެލިއެވެ. އަދި އަރުޝަމް އަންނަންދެން އެނދުގައި އޮށޯވެލައިގެން އޮތެވެ. އެހެން އޮތް އިރުވެސް ޖަންނަތުގެ ސިކުނޑީގައި ތަކުރާރުކޮށް ދައުރުވަމުން ދިޔައީ އަރުޝަމްގެ މަންމަ ދެއްކި ވާހަކަތަކެވެ.

މަންމަ ކާރަށް އެރުމާއެކު އަރުޝަމް އަވަހަށް އައިސް އެޕާރޓްމެންޓަށް ވެނެވެ. މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލީ ޖަންނަތު ނިދާފައި އޮވެދާނެތީއެވެ. ޖަންނަތަކީ ކިރިޔާ އަޑެއް އިވިލިޔަސް ހޭލެވޭ ކުއްޖެކެވެ. އަރުޝަމް ކޮޓަރިއަށް ވަތްއިރު ޖަންނަތު އޮތީ ދޮރާ ފުރަގަސްދީގެންނެވެ. އެހެންކަމުން އަރުޝަމް ހީކުރީ ޖަންނަތު އޮތީ ނިދާފައިކަމަށެވެ. އެކަމާ ހިތްހަމަ ޖެހުމުން ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ގަމީހުގެ ބެގީ ނައްޓަމުން އަލަމާރިއާ ދިމާއަށް އޭނާ ހިނގައިގަތެވެ. އެވަގުތު ޖަންނަތު ކުއްލިއަކަށް އެނބުރިލިއެވެ. އަރުޝަމްއަށް ޖަންނަތުގެ ދެލޮލާއި މިލާފައިވާ މޫނު ފެނުމާއެކު ޖަންނަތު ރޮއިފައި ހުރިކަން ވަގުތުން ނަގައިގަނެވުނެވެ. ޖަންނަތު ނުބުންޏަސް އޭގެ ސަބަބަކީ ކޮބައިކަން އޭނާއަށް އެނގުނެވެ.

"އަދިވެސް ނުނިދަންތަ؟" ލައިގެން ހުރި ގަމީސް ދޮންނަ އެއްޗެހި އަޅާ ވަށިގަނޑަށް ލުމަށްފަހު ފާޚާނާއަށް ނުވަދެ އިހަށް އަރުޝަމް އައިސް ޖަންނަތާ ދިމާއަށް އެނބުރި އެއް އަތްމައްޗަށްވާގޮތަށް އޮށޯވެލިއެވެ. އަދި ވަރަށް ރަނގަޅަށް ޖަންނަތުގެ ދެލޮލަށް ބަލާލިއެވެ.

"ކީއްވެތަ އަރުޝަމްގެ މަންމަ އަހަރެން ދެކެ އެހާ ރުޅި އަންނަނީ؟" ޝަކުވާއިން ފުރިގެންވާ ގޮތަކަށް ޖަންނަތު އަހާލިއެވެ. އޭރު އަނެއްކާ އެދެލޮލުން ކަރުނަ ހިލިއްޖެއެވެ. އެމަންޒަރު ބަލަން ކެތް ނުވުމުން އަރުޝަމް އަވަސް އަވަހަށް ޖަންނަތު ކައިރިއަށް ދަމާލާ ލޯބިން ބައްދާލިއެވެ. އަދި ޖަންނަތުގެ ބޮލުގައި ފިރުމާލުމަށްފަހު ބޮސްދިނެވެ.

"އެއީ ވަކި ޖަންނަތުވީމައެއް ނޫން. މަންމަ ބޭނުންވާ މީހާ ނޫން އެހެން ކޮންމެ މީހަކާ އަހަރެން އިން ނަމަވެސް މަންމަގެ ވާހަކަ ހުންނާނީ އެހެން. އައި އޭމް ސޮރީ." ޖަންނަތުގެ ވަށައިގެން ބައްދާލެވިފައިވާ އަރުޝަމްގެ ދެއަތަށް ތަންކޮޅެއް ބާރުކޮށްލަމުން އަރުޝަމް އަނެއްކާވެސް ޖަންނަތުގެ ބޮލުގައި ބޮސްދިނެވެ.

"އަހަރެން އަރުޝަމްގެ އެއްވެސް މުދަލެއް ބޭނުމެއްނޫން. އަހަރެން މަންމައަށް ގުޅާފަ ބުނެފާނަން ކިޔެވުމަށް ބޭނުންވާ ފައިސާ ފޮނުވަދޭން. އެޕާރޓްމެންޓްގެ ރަޖިސްޓްރީ އަހަރެންގެ ނަން މައްޗަށް ބަދަލުކުރަން އުޅޭ ވާހަކަވެސް ނުބުނަމެއްނު. އެއީ ކީއްކުރަން ކުރާ ކަމެއް؟" އަދިވެސް ޖަންނަތު އޮތީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ.

"މިއީ އަހަރެންގެ ތަނެއް. މިތަނަށް ހަދަންވީ ގޮތެއް އެނގޭނީ އަހަންނަށް. އެހެން ނޫނަސް މީހަކާ އިނުމަށްފަހު އަނބިމީހާގެ ހުރިހާ ޚަރަދެއް ބަލަހައްޓަންޖެހޭނީ ފިރިމީހާއެއްނު. ޖަންނަތު ނުޖެހޭނެ ޖަންނަތު މަންމަމެން އަތުން އެއްވެސް ޚަރަދެއް ހޯދާކަށް." މަންމަދެކެ ހިތްހަމަ ނުޖެހިފައި އޮތް ވަރުން އަރުޝަމްއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ހަރުކަށިކޮށެވެ. އެކަން އިޙުސާސްވުމުން ޖަންނަތަށް އިތުރަށް ރޮވޭގޮތްވިއެވެ.

"ދެން ނުރޮއިބަލަ ޕްލީޒް! އަހަރެން އަދި މަންމައަށް ވިސްނައިދޭނަން. އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު ޖަންނަތަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަން. އަހަންނަށް އެނގެޔޭ ޖަންނަތު އަހަންނާ މެރީކުރީ ފައިސާގެ ދަހިވެތިކަމުގަ ނޫންކަން. އަހަރެމެން ދެމީހުންނަށް އަންޑަސްޓޭންޑްވީމަ އެ ނިމުނީއެއްނު. ކޮންމެހެން އެހެން މީހުން ދެކޭ ގޮތެއް ބަލާނެކަމެއް ނެތް. ދެން އެކަމާ ނުވިސްނާ އަވަހަށް ނިދަން އުޅޭ." ޖަންނަތު ދުރަށް ޖައްސާލާފައި ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަރުޝަމް ފޮހެލައިދިނެވެ. އަދި ހިނިތުންވެލާފައި ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

ފެން މާގަނޑު ދޫކޮށްލައިގެން އޭގެ ދަށުގައި ހުރިއިރު އޭގެން ފައިބަމުން ދިތަ ފިނި ފެނުން އަރުޝަމްއަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ މަންމައަކީ ފަސޭހައިން ގޮތް ދޫކުރާ މީހެއް ނޫނެވެ. އަރުޝަމްއަށްވެސް އެ ސިފަ ލިބިފައި ހުރީ މަންމަގެ ފަރާތުންނެވެ. ވިދާދާއަކީ ބޭނުންކަމެއް ކޮށްފައި ނޫނީ ހުއްޓާ މީހެއް ނޫނެވެ. މަޖުބޫރުކޮށްގެން، ބިރު ދައްކައިގެންވިޔަސް އޭނާ ބޭނުންވާ ކަމެއް ހާސިލުކުރާނެއެވެ. އެކަން އަރުޝަމްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މަންމައަށް ނާންގާ ގޮސް އޭނާ ކައިވެނި އަވަސްކުރީވެސް އެހެންވެއެވެ. އެހެން ނޫންނަމަ އެ ކައިވެނި ހުއްޓުވަން މަންމަގެ ބާރުގެ ދަށުގައިވާ ހުރިހާ ކަމެއް ކުރީހެވެ. ކައިވެނިކޮށް ނިމުމުން ނޫނީ މަންމައަށް ނާންގަން އަރުޝަމް ބައްޕަ ކައިރީގައި އެދުނީވެސް އެސަބަބަށްޓަކައެވެ. އަދިވެސް މަންމަ ނުހުއްޓާނެކަން އަރުޝަމްއަށް އެނގެއެވެ. ކުރިއަށް އޮތް ތާނގައިވެސް މަންމަގެ ނުފޫޒު އޭނާގެ ދިރިއުޅުމަށް ފޯރުވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެވާހަކަ އެއްވެސް ޙާލެއްގައި ޖަންނަތާ ހިއްސާކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
131
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ