ޖަންނަތު

ޖަންނަތު (18)

(ސަތާރަވަނަ އަދަދާއި ގުޅޭ)

މަންމައަށް ނާންގާ ގޮސް އޭނާ ކައިވެނި އަވަސްކުރީވެސް އެހެންވެއެވެ. އެހެން ނޫންނަމަ އެ ކައިވެނި ހުއްޓުވަން މަންމަގެ ބާރުގެ ދަށުގައިވާ ހުރިހާ ކަމެއް ކުރީހެވެ. ކައިވެނިކޮށް ނިމުމުން ނޫނީ މަންމައަށް ނާންގަން އަރުޝަމް ބައްޕަ ކައިރީގައި އެދުނީވެސް އެސަބަބަށްޓަކައެވެ. އަދިވެސް މަންމަ ނުހުއްޓާނެކަން އަރުޝަމްއަށް އެނގެއެވެ. ކުރިއަށް އޮތް ތާނގައިވެސް މަންމަގެ ނުފޫޒު އޭނާގެ ދިރިއުޅުމަށް ފޯރުވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެވާހަކަ އެއްވެސް ޙާލެއްގައި ޖަންނަތާ ހިއްސާކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

ދުވަސްތައް މަޑުމަޑުން ކުރިއަށް ދިޔައެވެ. މަންމަގެ ފަރާތުން އައިސްދާނެ ކަމަކަށް އަރުޝަމް ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ނަމަވެސް އަރުޝަމް ހީކުރި ގޮތާ ޚިލާފަށް ތިން މަސް ފާއިތުވެގެން ދިޔައިރުވެސް މަންމަގެ ފަރާތުން އާދަޔާ ޚިލާފު އެއްވެސް ކަމެއް ނުފެނުނެވެ. ކުރިއެކޭ އެއްގޮތަށް ހަމަ ކޮންމެ ދުވަހަކު އެއްފަހަރުހެން ވިދާދާ އަރުޝަމަށް ގުޅައެވެ. އެހެންނަމަވެސް މަންމަ ކޮށްފާނެ ކަމެއް އަންދާޒާ ކޮށްލަންވެސް ނޭނގޭތީ އަރުޝަމް ދިޔައީ މަންމަގެ ކޯލުތަކަށް ބީރު ކަންފަތެއް ދެމުންނެވެ. އެކަން އެންމެ ފަހުން ޖަންނަތަށްވެސް ފާހަގަކުރެވެން ފެށިއެވެ. ޖަންނަތަށް އެނގުނު ހިސާބުން ފޯނު ނެގުމަށް އަރުޝަމަށް ބާރު އަޅަން ފެށިއެވެ. އަރުޝަމް ކައިރީގައި ޖަންނަތު ހުންނަ ވަގުތުތަކުގައި ވިދާދާ ގުޅާތަން ފެންނަ ކޮންމެ ފަހަރަކު ފޯނަށް ޖަވާބު ދޭން ޖަންނަތު އެތައް ފަހަރަކު އެދެއެވެ. ނަމަވެސް އަރުޝަމް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. މަންމަގެ ގޮތް އޭނާއަށް އެނގޭތީއެވެ.

އޮފީހުގައި އައު ޕްރޮޖެކްޓެއް ފަށައިގެން އުޅޭތީ އަރުޝަމް އުޅުނީ ވަރަށް އަވަދިނެތިކޮށެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް އޭނާ އޮފީހަށް ނުކުމެއެވެ. ޖަންނަތުވެސް އުޅެމުން ދިޔައީ ޓެސްޓް ކައިރިވެފައި އޮތުމުން ފިލާވަޅުތައް ދަސްކުރުމުގައި ވަރަށް ބުރަކޮށެވެ.

ހޮނިހިރު ދުވަހެއްކަމުން ކޮލެޖަށް ދާން ނުޖެހޭތީ ޖަންނަތު ފިލާވަޅު ދަސްކުރަން އިނީ ގޭގައެވެ. އަރުޝަމްވެސް ގޭގައި ނެތް ގަޑިއެއްކަމުން އޭނާ ފޮތްތައް ހިފައިގެން ނުކުމެ އިނީ ސިޓިންގ ރޫމްގައެވެ. އެހެން އިންދާ ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. އެގަޑިއަކީ ޢާންމުކޮށް ގޭތެރޭގެ މަސައްކަތްކޮށްދޭން އަންނަ ޒަރީން އަންނަ ވަގުތެވެ. ޒަރީން އަތުގައި ތަޅުދަނޑި އޮތް ނަމަވެސް ބަންދު ދުވަސްތަކުގައި ޖަންނަތުމެން ގޭގައި އުޅޭކަން އެނގޭތީ އޭނާ ދޮރެއް ނުހުޅުވާނެއެވެ. އެގަޑީގައި ޒަރީން ނޫން މީހެއް ނާންނާނެކަން އެނގޭތީ މާބޮޑު ފިކުރެއް ނެތި ޖަންނަތު ގޮސް ދޮރު ހުޅުވާލިއެވެ. ނަމަވެސް ކުރިމަތީގައި ކޮތަޅެއް ހިފައިގެން ހުރި މީހާ ފެނިފައި ޖަންނަތުގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކުއްލިއަކަށް ހިތް ތެޅިގަތްވަރުން ނިތްކުރިމަތިން ދަލުގެ އަސަރުވެސް ފާޅުވެގެން ދިޔައެވެ.

"ކޮބާ އަރުޝަމް؟" ހިނިތުންވެލަމުން ވިދާދާ ސުވާލުކޮށްލިއެވެ. ކުއްލިއަކަށް ވިދާދާ ފެނުމުން ޖަންނަތު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.

"އޮފީހުގަ." ހިތްވަރުކޮށްފައި ޖަވާބު ދިންއިރު ޖަންނަތުގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައި ހުއްޓެވެ.

"މަންމަ މިއައީ ދެކުދިންނަށް ކާ އެއްޗެއް ހިފައިގެން. އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟" ވަރަށް ގާތް ގޮތަކަށް ވިދާދާ ބުންޏެވެ.

އެވަގުތު ޖަންނަތު ތެޅިގަނެފައި އަވަހަށް ބޮޑަށް ދޮރު ހުޅުވާލިއެވެ. އަދި ގަދަކަމުން ހިނިތުންވެލާފައި ވިދާދާ އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.

"ކިޔަވަން އިންދާ ދޯ މަންމައަށް މި އުނދަގޫކުރެވުނީ. އެހެންވީމަ މާ ގިނަ އިރަކު ނުހުންނާނަން. އަރޫ ފޯނު ނުނަގާތީ މިއައީވެސް. މިއަދު އަރޫގެ ފޭވަރިޓް ދިވެހި ހަވާދު އަޅައިގެން މަސް ރިހަ ކެއްކީމަ އެ ހިފައިގެން މަންމަ މިއައީ. އަރޫއަށް އަބަދުވެސް ވަރަށް މީރުވާނެ މީގެ ރިހަ މަންމަ އަތުން ކެއްކީމަ." ސިޓިންގ ރޫމްގައި ހުރި ޖަންނަތުގެ ފޮތްތަކަށް ބަލާލުމަށްފަހު ވާހަކަ ދައްކަމުން ވިދާދާ ހިނގައިގަތީ ކާ ކޮޓަރިއާ ދިމާއަށެވެ. އަދި އެތެރެއަށް ވަނުމަށްފަހު ވިދާދާ ގެނައި ކޮތަޅުގެ ތެރޭގައި ހުރި ތަށިތައް ކާ މޭޒުމަތީގައި އަތުރަން ފެށިއެވެ. މަތިޖެހި ހަތަރު ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ފަހަރަކު އެއްޗެއް މަތި ނަގާފައި އޭގައި ހުރީ ކޮން އެއްޗެއްކަން ވިދާދާ ޖަންނަތަށް އޮޅުން ފިލުވައިދިނެވެ. އެއް ތަށީގައި ހުރީ ރޮށްޓެވެ. އަނެއް ތަށީގައި ބަތް ހުރި އިރު ދެން ހުރީ ރިހަ އާއި ސަޓަންޏެކެވެ. ޖަންނަތު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް އަރުޝަމްގެ މަންމަ މިހާ ރަނގަޅުވެގެން އުޅޭ ސަބަބެއް ނޭނގޭތީއެވެ.

"ދެން މަންމަ ދަނީ އިނގޭ. ދެކުދިން ރަނގަޅަށް ކާތި. މީރިއްޔާ ބުނާތި އިނގޭ. އޭރުން މަންމަ އަދިވެސް ކައްކާފަ ގެންނާނަން. ދެން އަރޫއަށް ގުޅާފަ ބުނޭ އަވަހަށް ކާން އަންނާށޭ. ބުރަކޮށް އުޅޭ އިރު އެކުއްޖާ ކެއުމުގެ މަތިން އެއްގޮތަކަށްވެސް ހަނދާނެއް ނުހުންނާނެ." ހިނިތުންވެލައިގެން ހުރެ ޖަންނަތުގެ ކޮނޑުގައި ފިރުމާލުމަށްފަހު ވިދާދާ ނުކުންނަން ހިނގައިގަތެވެ. ޖަންނަތުވެސް ޗާބީ ދީފައި ހުރި ބުދެއްފަދައިން ވިދާދާ ފަހަތުން ގޮސް އޭނާ ލިފްޓަށް އަރަންދެން އެޕާރޓްމެންޓް ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ.

ވިދާދާ ވަތް ލިފްޓުގެ ދޮރު ހަމަ ލެއްޕުމާއެކު ޖަންނަތަށް ހީވީ ހުވަފެނަކުން ހޭލެވުނުހެންނެވެ. ފުން ނިންޖެއްގައި އޮތް މީހަކަށް ސިއްސައިގެން ގޮސްފައި ހޭލެވޭފަދަ ގޮތަކަށް ތެޅިގަތުމަށް ފަހު އަވަހަށް އެތެރެއަށް ދުއްވައިގަތީ ފޯނު ހޯދާށެވެ. ކުޑައިރުކޮޅެއް ކުރިން ހިނގައި ދިޔަ ކަންތައްތައް އަދިވެސް އޭނާގެ ސިކުނޑިއަށް ނަގައިގަންނަން ހުރީ ނޭނގިފައެވެ. ފޯނު އަތުގައި ޖެހުމާއެކު އޭނާ އަވަހަށް އަރުޝަމްގެ ނަންބަރަށް ގުޅާލިއެވެ. އަދި އެކޮޅުން ފޯނު ނަގަންދެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އަރުޝަމް ފޯނު ހަމަ ނެގުމާއެކު ޖަންނަތު އެއް ނޭވާއިން ވިދާދާގެ ވާހަކަ އަރުޝަމްގެ ކަންފަތަށް އިއްވިއެވެ.

"ކީކޭ؟ މަންމައޭ؟ ކާ އެއްޗެހި ގެނައީއޭ؟" އަރުޝަމްއަށްވެސް ވީ ހަމަ ޖަންނަތަށް ވީފަދަ ގޮތެކެވެ. އޭނާވެސް ހުރީ ޤަބޫލު ކުރަން ދަތިވެފައެވެ. ކުއްލިއަކަށް މަންމަ އައިސް ޖަންނަތާ އެހާ ރީއްޗަށް ވާހަކަ ދައްކަފާނެކަން އޭނާއަށް ހަމަ ޤަބޫލުކުރަން އުނދަގުލީއެވެ. އެއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެހެންކަމުން ކުރަން ހުރި މަސައްކަތްވެސް މަޑުޖައްސާލާފައި އަރުޝަމް އަވަސްވެގަތީ ގެއަށް ދިއުމަށެވެ.

އަވަސް ފިޔަވަޅުތަކެއްގައި އަރުޝަމް އައިސް އެޕާރޓްމެންޓަށް ވަތްއިރު ޖަންނަތު އިނީ ކާ ތަށިތައް އަތުރާލައިގެން މޭޒު ކައިރީގައެވެ. އޭރު ޖަންނަތުގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ.

"މިއީ މަންމަ ގެނައި އެއްޗެހި؟؟" ހައިރާންކަމާއެކު މޭޒުމަތީގައި މަތި ޖަހާފައި ހުރި ތަށިތަކުގެ މަތި ނަގަމުން އަރުޝަމް ސުވާލުކޮށްލިއެވެ. އަރުޝަމްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޖަންނަތު އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އޭރު އުފަލުން ގޮސް އޭނާގެ ލޯ ހުރީ ފެންކަޅިވެފައެވެ.

"އެކަމަކު....." ތަށިތަކާ ދިމާއަށް ބަލަހައްޓައިގެން ހުރެ އުނަގަނޑުގެ ދެފަރާތުގައި ދެއަތް ވިއްދާލަމުން އަރުޝަމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"އެކަމަކު މިކަމަކު ކިޔާނެކަމެއް ނެތް. އަތް ދޮވެގެން އަވަހަށް ކާން އާދޭ. އަހަރެން މިހާރު މިއޮއް ބަނޑުހައިވެގެން މަރުވަނީ." ތުންކޮޅު އޫކޮށްލަމުން ޖަންނަތު ބުންޏެވެ. އަދި އަވަހަށް ދެ ތަށްޓަށް ބަތް އަޅަންފެށިއެވެ.

ކައި ނިންމައިގެން ކުޑައިރުކޮޅަކު ނިދާލުމަށްފަހު އަރުޝަމް އަނެއްކާވެސް ދިޔައީ އޮފީހަށެވެ. އޭރުވެސް މަންމައަށް އައި ކުއްލި ބަދަލުގެ ސަބަބު ނޭނގޭތީ އަރުޝަމްގެ ސިކުނޑިއަށް ދިޔައީ ބާރުކުރަމުންނެވެ. ނަމަވެސް ފަހުން އެވާހަކަ އަރުޝަމް ޖަންނަތަކާ ނުދައްކައެވެ. އަރުޝަމް ދިއުމާއެކު ޖަންނަތުވެސް އަނެއްކާ ފޮތްތައް ނަގައިގެން ފިލާވަޅު ދަސްކުރަންފެށިއެވެ. އެކަމުގެ ތެރެއަށް އޭނާ ގެއްލިފައި އިންދާ ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ނުދަންނަ ނަންބަރަކުން ގުޅައިފިނަމަ ޖަންނަތު އާންމުކޮށް ފޯނެއް ނުނަގައެވެ. އެއީ އަރުޝަމް އޭނާގެ ފޯނު ޤަވާއިދުން ބަލާކަން އެނގޭތީއެވެ. އެހެންކަމުން ޖަވާބު ދޭން ނޭނގޭ ސުވާލެއް އަރުޝަމް ކޮށްފާނެތީ އޭނާ ބަލަނީ އެކަހަލަ ކަންކަމުން ވީހާވެސް ބޮޑަކަށް ރައްކާތެރިވެގެން ހުރެވޭތޯއެވެ. ފޯނު ރިންގުވެ ރިންގުވެފައި ކެނޑުމަށްފަހު ދެން އެ ނަންބަރުން އައީ މެސެޖެކެވެ. މެސެޖްގައި ލިޔެފައި އޮތީ ގުޅަނީ ކާކު ކަމެވެ. މެސެޖު ކިޔާލުމާއެކު ޖަންނަތުގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. އަދި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން އިނދެވުނެވެ. އެހެން އިންދާ އަނެއްކާވެސް އެ ނަންބަރުން ގުޅަން ފެށިއެވެ.

"ހަލޯ. މަންމަ މިގުޅަނީ ކާ އެއްޗެހި މީރުތޯ އަހަންވެގެން. އަރޫގެ ޚަބަރެއް ނުވޭ ވިއްޔަ. އަރޫ ފޯނު ނުނަގާނެކަން އެނގޭތީ މަންމަ ޖަންނަތުގެ ނަންބަރު ހޯދައިގެން މި ގުޅީ. ދެން މީގެ ފަހުން މަންމަ އަރޫއަށް ގުޅާކަށް ނުހަދާނަން. ސީދާ ހަމަ ޖަންނަތަށް ގުޅާނީ." ޖަންނަތު ފޯނު ނެގުމާއެކު ފާޑަކަށް ހީނގަންނަމުން ވިދާދާ ވާހަކަ ދެއްކިއެވެ.

"ހުރިހާ އެއްޗެއްވެސް ވަރަށް މީރު. ޝުކުރިއްޔާ!" މަޑުމައިތިރިކަމާއެކު ޖަންނަތު ބުންޏެވެ.

ވިދާދާ ވަރަށް ގިނަ އިރުވަންދެން އެކި ވާހަކަ ފޯނުން ދެއްކިއެވެ. އަރުޝަމް ކުޑައިރު ކޮށްފައި ހުރި މަޖާ ކަންތައްތަކުގެ ވާހަކަވެސް ހީނހީނފައި ދެއްކިއެވެ. ޖަންނަތަށް ދައްކާނެ ވާހަކައެއް ނޭނގުނުނަމަވެސް އެވާހަކަތައް އަޑުއަހާފައި އޭނާއަށްވެސް ހެވުނެވެ. އެދެމީހުން ވާހަކަ ދައްކަމުންދިޔަ މަންޒަރު ފެންނަ މީހަކަށް ހީވާނީ ވަރަށް ގާތް ދެމީހަކު ވާހަކަ ދައްކާ ހެންނެވެ. ވިދާދާގެ އެ ބަދަލުގެ ސަބަބުން ޖަންނަތުގެ ހިތުގައި އުފާވެރިކަން އިންތިހާއަށް އުތުރި އަރަމުން ދިޔައެވެ. ނަމަވެސް ޖަންނަތަށް ނޭނގޭ ޙަޤީޤަތަކީ ވިދާދާގެ އެ ބަދަލުގެ ފަހަތުގައި ބޮޑު ރޭވުމެއް އޮތްކަމެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
2211
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ