30 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް ހަފްލާތައް ބޭއްވުމުގެ ހުއްދަ ދީފިއެވެ.
އެކަން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް އެވެ.
މަބްރޫކް ވިދާޅުވީ، ގިނަ މީހުން އެއްވެ ބާއްވާ އިވެންޓްތައް ބޭއްވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ހުއްދަ ދޭން ނިންމާފައިވަނީ 30 މީހުންނަށް ވުރެ ގިނަ ނުވާ ގޮތައް ބާއްވާ އިވެންޓްތަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދިނުމަށް މިއަދު ނިންމާފައި ވެއެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު އުވާލަން ނިންމުމާއި ދެ ޑޯޒް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނުނުވެ މާލެއިން ރަށްރަށަށް ދެވޭގޮތް ހެދުމާއި އަދި ރިސޯޓު މުވައްޒަފުންނަށް ކަރަންޓީނު ނުވެ ރަށަށް ދެވޭގޮތައް ވަނީ ހަމަޖައްސައިފައެވެ.




