ވިދާދާ ވަރަށް ގިނަ އިރުވަންދެން އެކި ވާހަކަ ފޯނުން ދެއްކިއެވެ. އަރުޝަމް ކުޑައިރު ކޮށްފައި ހުރި މަޖާ ކަންތައްތަކުގެ ވާހަކަވެސް ހީނހީނފައި ދެއްކިއެވެ. ޖަންނަތަށް ދައްކާނެ ވާހަކައެއް ނޭނގުނުނަމަވެސް އެވާހަކަތައް އަޑުއަހާފައި އޭނާއަށްވެސް ހެވުނެވެ. އެދެމީހުން ވާހަކަ ދައްކަމުންދިޔަ މަންޒަރު ފެންނަ މީހަކަށް ހީވާނީ ވަރަށް ގާތް ދެމީހަކު ވާހަކަ ދައްކާ ހެންނެވެ. ވިދާދާގެ އެ ބަދަލުގެ ސަބަބުން ޖަންނަތުގެ ހިތުގައި އުފާވެރިކަން އިންތިހާއަށް އުތުރި އަރަމުން ދިޔައެވެ. ނަމަވެސް ޖަންނަތަށް ނޭނގޭ ޙަޤީޤަތަކީ ވިދާދާގެ އެ ބަދަލުގެ ފަހަތުގައި ބޮޑު ރޭވުމެއް އޮތްކަމެވެ.
ދުވަސްތައް ކުރިއަށް ދިޔަ ވަރަކަށް ޖަންނަތާއި ވިދާދާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ފަހަކަށް އައިސް އަރުޝަމްއަށް ގުޅުމުގެ ބަދަލުގައި ވިދާދާ ގުޅަނީ ޖަންނަތަށެވެ. ވިދާދާ އެކި ބާވަތުގެ މީރު ކާ އެއްޗެހި ހަދާފައި ޖަންނަތަށް ފޮނުވައެވެ. ޚާއްސަ މުނާސަބަތުތަކާ ގުޅިގެން ހަދިޔާވެސް ފޮނުވާ ހަދަންފެށިއެވެ. ބައެއްފަހަރު ފޮނުވަނީ ގޭގައި ގެންގުޅޭ ނޯކަރުން އަތަށް ދީފައެވެ. އަނެއްބައި ފަހަރު އެއްޗެހި ހިފައިގެން އަންނަނީ ޚުދު ވިދާދާ އަމިއްލައަށެވެ. ގިނަ ފަހަރު އޭނާ ބަލަނީ އަރުޝަމް ނޫޅޭ ވަގުތު ތަކުގައި އެގެއަށް ދެވޭތޯއެވެ. އަރުޝަމް އެކަމާ ބައެއް ފަހަރު ހިތްހަމަ ނުޖެހެއެވެ. ނަމަވެސް މަންމައަށް އައި ބަދަލުގެ ސަބަބުން ޖަންނަތު އަބަދު އުފާވެފައި ހުންނަތަން ފެންނާތީ އޭނާ ބެލީ އެކަން މާ ބޮޑު ކަމަކަށް ނުހަދާ ވޭތޯއެވެ.
ވިދާދާގެ ފަރާތުން އެއްވެސް ނޭދެވޭ ކަމެއް ނުފެނި ގިނަ ދުވަސް ވާން ފެށުމުން އަރުޝަމްގެ ހިތުގައި އޭނާގެ މަންމައާމެދު އުފެދިފައިވާ ވަހުމުތައް މަޑުމަޑުން ފިލަން ފެށިއެވެ. މަންމަގެ އެ ބަދަލަކީ ހެޔޮ ބަދަލެއްކަމުގައި އަމިއްލަ ޒަމީރަށް ޤަބޫލުކުރެވެން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަރުޝަމް މަޑުމަޑުން މަންމަ ކައިރިއަށް އެގެއަށް ދާން ފެށިއެވެ. ބައެއް ފަހަރު މަންމަގެ އެދުމުގެ މަތިން ޖަންނަތުވެސް އޭނާއާއެކު އެގެއަށް ގެންދެއެވެ. މަންމަގެ ވާހަކަތައް ހުންނަ ގޮތުން މަންމަ ބޭނުންވަނީ އޭނާ ޖަންނަތާއެކު އުފަލުގައި އުޅެންކަން އަރުޝަމްއަށް ވިސްނުނެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ކްލާސްތައް ނިންމާލުމަށްފަހު ޖަންނަތު ކޮލެޖުން ނުކުތީ އަރުޝަމް ބަލާ އައިސް ބޭރުގައި އިނދެފައި ގުޅުމުންނެވެ. ޖަންނަތު ގޮސް ކާރަށް އަރާ އިށީނދެ ހަމަޖެހި ނުލެވި އުޅެނިކޮށް އަރުޝަމް ކުއްލިއަކަށް ވަރަށް ބާރަށް ކާރު ދުއްވާލިއެވެ. ވިސްނާނުލާ އިންދާ އެހާ ކުއްލިއަކަށް ކާރުގެ ސްޕީޑް ބާރުކޮށްލުމުން ސިއްސައިގެން ދިޔަވަރުން ޖަންނަތު އަރިއަޅާލާގޮތްވިއެވެ. ނަމަވެސް އަވަސް އަވަހަށް އިށީނދެ އިން ގޮނޑީގެ އެއްފަރާތުގައި ބާރަށް ހިފަހައްޓާލުމަށްފަހު ޖަންނަތު ހަށިގަނޑު ވެއްޓުނަނުދީ ހިފަހައްޓާލިއެވެ.
"އަރުޝަމް ކީއްވެތަ ތިހާ ބާރަށް ތި ދުއްވަނީ؟" ގޮނޑީގައި ހަމަޖެހިލެވުމާއެކު ޖަންނަތު އަހާލިއެވެ. އޭރުވެސް އޭނާގެ މޭ ނެގިނެގިފައި ޖެހޭކަމުގެ އިޙުސާސްކުރެވެމުން ދިޔައެވެ.
"ވާހަކަ ނުދައްކާ އިނދޭ!" ޖަވާބުގައި ޖަންނަތަށް އިވިގެން ދިޔައީ އަރުޝަމްގެ ރުޅިވެރިކަމުން ފުރިގެންވާ އަޑެވެ. އަޑުގައި ހުރި ރުންކުރު ގޮތުން ޖަންނަތު ވަރަށް ފަރުވާތެރިކަމާއެކު އަރުޝަމްގެ މޫނަށް ބަލާލިއެވެ. އެމޫނުމަތީގައި ހުރި ހިތްހަމަނުޖެހުމުގެ ކުލަވަރު ޖަންނަތަށް ފާހަގަކުރެވުނީ އެވަގުތެވެ. އަރުޝަމް އިނީ ދެ ބުމަ ގޮށްޖަހާލައިގެން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ.
"ކިހިނެއްވީ؟" ޖެހިލުންވި ނަމަވެސް ސަބަބު ނޭނގޭތީ ޖަންނަތަށް އަހާ ނުލާ ނީނދެވުނެވެ. ކައިވެނިކޮށްގެން މިވީ އަހަރެއްހާ ދުވަސްތެރޭގައި އެ ނޫނީ އަރުޝަމް އެހާ ހިތްހަމަ ނުޖެހިގެން ޖަންނަތާ ދިމާއަށް އެއްޗެއް ބުނެފައެއް ނުވެއެވެ. ކުދިކުދި މައްސަލަ ޖެހުނު ނަމަވެސް އެހާ ބާރަށް އަރުޝަމް ޖަންނަތާ ވާހަކައެއް ނުދައްކައެވެ.
"ވާހަކަ ނުދައްކާށޭ! އަޑެއް ނީވޭތަ؟" ކުރިއަށްވުރެ ބާރަށް އަރުޝަމް ހަޅޭލަވައިގަތެވެ. އެވަރުންވެސް އަރުޝަމް ޖަންނަތާ ދިމާއަށް ބަލައެއް ނުލައެވެ. އަރުޝަމް އެންމެ ފަހަރަކުވެސް ޖަންނަތުގެ މޫނަށް ބަލާލިނަމަ އެވަގުތު އެ މޫނުމަތިން ފެންނަން ހުރި ބިރުވެރިކަމުގެ ކުލަވަރު ފެނުނީހެވެ.
ގޭ ކުރިމަތީގައި އޮންނަ ސަރަހައްދުގައި ކާރު ޕާރކު ކުރުމަށްފަހު ކާރުން ފައިބައިގެން އަރުޝަމް ހިނގައިގަތީ ޖަންނަތު ފަހަތުން އާދޭތޯ ބަލާވެސް ނުލައެވެ. އެކަމާ ޖަންނަތު އިތުރަށް ހިތުގައި ޖެހޭގޮތްވިއެވެ. އަރުޝަމްގެ ހިނގުން އަވަސްކަމުން އަރުޝަމްއާ އަރާ ހަމަކުރެވޭތޯ ޖަންނަތު މަޑުމަޑުން ދުވަމުން ކަހަލަގޮތަކަށް ކުރިއަށް ދިޔައެވެ. ލިފްޓުގައި ދެމީހުން އެކަނި ތިބި އިރުވެސް އަރުޝަމް އިސް އުފުލާލާ ޖަންނަތާ ދިމާއަށް ބަލާ ނުލައެވެ. އޭނާ ހުރީ ދެއަތް ފަޓުލޫނުގެ ޖީބަށް ޖަހާލައިގެން އިސްދަށަށް ޖަހާލައިގެންނެވެ. އަރުޝަމްގެ އެއަޅާލުން ކުޑަކަމުން ޖަންނަތު ހުރީ އަރުޝަމްއާ ކައިރިވާންވެސް ނުކެރިފައެވެ.
އެޕާރޓްމެންޓަށް ވަދެވުމާއެކު އަރުޝަމް ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ކޮޓަރިއަށް ވަތް ގޮތަށް ލެޕްޓޮޕް ލާފައި އޮތް ދަބަހާއި ފޯނު އެނދު މައްޗަށް ހޫރާލުމަށްފަހު ގަމީހުގެ ބެގީ ނައްޓަމުން ގޮސް ވަނީ ފާޚާނާއަށެވެ. ވީނުވީއެއް ނޭނގޭ ޙާލު މަޑުމަޑުން ހިނގާފައި އައިސް ޖަންނަތު ކޮޓަރިއަށް ވަތްއިރު ފާޚާނާ ތެރެއިން ފެން މާގަނޑު ދޫކޮށްފައި ހުރި އަޑު އިވެމުން ދިޔައެވެ. އެވަގުތު އަރުޝަމް ލޯ ކުރިމަތީގައި ފެންނަން ނެތުމުން ޖަންނަތަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ހީވީ ގިނަ އިރުތަކެއްވަންދެން ނޭވާ ހިފަހައްޓައިގެން ހުރިހެންނެވެ. ނަމަވެސް އަރުޝަމް ފާޚާނާއިން ނުކުތުމަށްފަހު ދެން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ ޖަންނަތަށް ތާކު އިށީންނާކަށްވެސް ނުކެރުނެވެ. ފޮތް އަޅާފައި ހުރި ދަބަސް އޭނާގެ ކިޔަވާ މޭޒުމަތީގައި ބެހެއްޓުމަށްފަހު އަތުގެ އިނގިލިތަކުގެ ނިޔަފަތިތައް ކަމުން ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަންފެށިއެވެ. އެހެން ހުރި އިރު އިރުކޮޅަކާ ފާޚާނާ ދޮރާ ދިމާއަށް އޭނާއަށް ބަލާލެވެއެވެ.
އިރުކޮޅަކުން ފެން މާގަނޑުން އޮހޮރެމުން ދިޔަ ފެނުގެ އަޑު ކެނޑުނެވެ. އެއަށްފަހު ސިކުންތުކޮޅެއްވެސް ނުވެ ދެން ފެނުނީ ފާޚާނާ ދޮރު ހުޅުވާލާފައި އަރުޝަމް ނުކުތް ތަނެވެ. އެވަގުތު ޖަންނަތުގެ ފައިގައި ހީވީ މީހަކު ކަސްތޮޅު އެޅި ހެންނެވެ. އޭރު އަރުޝަމްގެ އުނުގައި ތުވާއްޔެއް އަނދެފައި އޮތެވެ. ބޮލުން ފެން ތިކި ތަޅަތަޅާ ހުއްޓެވެ. ފާޚާނާއިން ބޭރަށް ނުކުތުމަށްފަހުވެސް އަރުޝަމް ޖަންނަތާ ދިމާއަށް ބަލާ ނުލާ އަލަމާރިއާ ދިމާއަށް ހިނގައިގަތެވެ. ޖަންނަތު އިރުކޮޅަކު އަރުޝަމްގެ ހަރަކާތްތަކަށް ބަލަން ހުރެލާފައި މަޑުމަޑުން ގޮސް ފާޚާނާއަށް ވަނެވެ.
ވީގޮތަކާމެދު ވިސްނަން އެތައް އިރެއް ވަންދެން ޖަންނަތަށް ފާޚާނާ ތަށިމަތީގައި އިށީނދެލައިގެން އިނދެވުނެވެ. ހެނދުނު ކޮލެޖަށް ދިޔައިރުވެސް އަރުޝަމްގެ ޠަބީޢަތް ނުލާހިކު ރަނގަޅެވެ. އާންމުކޮށްވެސް ކުދިކުދި ކޫސަނި ކަންތައްތަކާ އަރުޝަމް ހިތްހަމަ ނުޖެހޭތީ ޖަންނަތު އުޅެނީ ވަރަށް ވިސްނައިގެންނެވެ. އެކަހަލަ ކަމަކާ ހިތްހަމަ ނުޖެހުނު ނަމަވެސް އަރުޝަމް އެގޮތަށް ޖަންނަތާ ވާހަކަ ނުދައްކައެއް ނުހުރެއެވެ. މިއަދު ފެންނަ ކަންތައްތައްތަކުން ވެގެން އުޅެނީ އާދައިގެ ކަމެއް ނޫނޭ ޖަންނަތުގެ ސިކުނޑިން އިންޒާރުދެމުން ދިޔައެވެ.
އެތައް އިރަކު ވިސްނަން އިނުމަށްފަހު ފެންވަރައިގެން ޖަންނަތު ނުކުތްއިރު އަރުޝަމް އޮތީ ފާޚާނާ ދޮރާ ފުރަގަސްވާގޮތަށް އެނދުގައި އޮށޯވެލައިގެންނެވެ. އެހެން އޮތް ނަމަވެސް އަދި އަރުޝަމް ނުނިދާނޭކަން ޖަންނަތަށް އެނގެއެވެ. ސަބަބަކީ އަރުޝަމަކީ އެހާ އަވަހަށް ނިދާ މީހެއް ނޫނެވެ. އަރުޝަމްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ޖަންނަތު ގޮސް އިށީނދެލީ ކިޔަވާ މޭޒު ކައިރީގައެވެ. ސިކުނޑީގައި އެތައް ކަމެއް އެނބުރެމުން ދިޔަ ނަމަވެސް ފޮތްތައް ނަގައިގެން ހަދަންވެފައި ހުރި ފިލާވަޅުތައް ހެދޭތޯ ޖަންނަތު މަސައްކަތް ފެށިއެވެ. ފިލާވަޅުތަކުގެ ތެރެއަށް ޖަންނަތަށް ވަދެވިފައި އިންދާ ކުއްލިއަކަށް ވަރަށް ކައިރިން އަޑެއް އިވިގެން ދިޔައެވެ. ސިއްސައިގެން ގޮސްފައި ބަލާލިއިރު ޖަންނަތުގެ ކުރިމަތީގައި އޮތީ އަރުޝަމްގެ ފޯނެވެ. އޭރު ފޯނުގެ ސްކްރީނުން ފޮޓޯއެއް ފެންނަން އޮތެވެ.
"މީ ކޮންކަމެއް؟" ދެން އިވިގެން ދިޔައީ އަރުޝަމްގެ ހިތްހަމަނުޖެހިފައިވާ ބާރު އަޑެވެ.
(ނުނިމޭ)



