ޖަންނަތު

ޖަންނަތު (20)

(ނަވާރަވަނަ އަދަދާއި ގުޅޭ)

ސިކުނޑީގައި އެތައް ކަމެއް އެނބުރެމުން ދިޔަ ނަމަވެސް ފޮތްތައް ނަގައިގެން ހަދަންވެފައި ހުރި ފިލާވަޅުތައް ހެދޭތޯ ޖަންނަތު މަސައްކަތް ފެށިއެވެ. ފިލާވަޅުތަކުގެ ތެރެއަށް ޖަންނަތަށް ވަދެވިފައި އިންދާ ކުއްލިއަކަށް ވަރަށް ކައިރިން އަޑެއް އިވިގެން ދިޔައެވެ. ސިއްސައިގެން ގޮސްފައި ބަލާލިއިރު ޖަންނަތުގެ ކުރިމަތީގައި އޮތީ އަރުޝަމްގެ ފޯނެވެ. އޭރު ފޯނުގެ ސްކްރީނުން ފޮޓޯއެއް ފެންނަން އޮތެވެ.

"މީ ކޮންކަމެއް؟" ދެން އިވިގެން ދިޔައީ އަރުޝަމްގެ ހިތްހަމަނުޖެހިފައިވާ ބާރު އަޑެވެ.

ކުރިމަތީގައި އޮތް ފޯނުގެ ސްކްރީނުން ފެންނަން އޮތް ފޮޓޯ ރަނގަޅަށް ފެނުނު ވަގުތު ޖަންނަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެވަގުތު ހިތް ތެޅިގަތްވަރުން ހީވީ މޭ ފަޅާލާފައި ނުކުންނަން އުޅުނުހެންނެވެ. ތަލިން ކުޅު ހިކި ކުއްލިއަކަށް ކަރުވެސް ހިއްކައިގަތެވެ.

"ތިއަށް ބަލަހައްޓައިގެން އިންނަންވީކީ ނޫނޭ! އަހަރެން މިއަހަނީ މީ ކޮންކަމެއްހޭ؟" ޖަންނަތުގެ ކަންފަތް ކައިރިއަށް ގުދުވެލުމަށްފަހު ކުރިއަށްވުރެ ބާރަށް އަރުޝަމް ހަޅޭލަވައިގަތެވެ. އެވަގުތު ޖަންނަތަށް ތެޅިގަނެވިފައި ގޮނޑި ފަހަތަށް ޖައްސައިލެވުނު ގޮތަކުން ގޮނޑި އަރިއަޅާލާފައި ޖަންނަތާއެކު ވެއްޓުނެވެ. ވެއްޓި ޖެހުނު ގޮތުން ޖަންނަތުގެ އުޅަނބޮށްޓަށް ވަރަށް ތަދުވިއެވެ. ގަނެފައި ހުރި ބިރުގެ އިތުރުން ލިބިގެން ދިޔަ އަނިޔާއިން އޭނާއަށް ރޮވޭކަށް މާގިނައިރެއް ނުނެގިއެވެ.

ޖަންނަތު ވެއްޓުމާއެކު އަރުޝަމް ގުދުވެލާފައި ޖަންނަތުގެ މުލައްދަނޑީގައި ހިފާފައި ކޮޅަށް ނެގިއެވެ. އޭރު ޖަންނަތު ބިރުން ތުރުތުރު އަޅައެވެ. މިވަގުތު ޖަންނަތު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަރުޝަމް ގަބޫލު ނުކުރާނެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"ޖަންނަތަށް އަހަރެން މިދައްކާ ވާހަކަ ހަމަ އަޑު ނީވެނީތަ؟ ކީއްވެ ތިހާ ބިރުން ތިއުޅެނީ؟ ގޯސް ކަމެއް ނުކުރަންޏާ ތިހާ ބިރުންނެއް ނޫޅޭނެ. ހަމަ މިހާރު ބުނޭ ރަނގަޅަށް!" އަނެއްކާވެސް އަރުޝަމް ހަޅޭލަވައިގަތެވެ. އޭރު ޖަންނަތު ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. އަރުޝަމްގެ މިޒާޖު ހުންނަ ގޮތް ޖަންނަތަށް ވަރަށް ރަނގަޅަށް އެނގެއެވެ. ތެދަށް ކިޔައިދިނަސް އަރުޝަމް ގަބޫލުކުރާނީ އޭނާ ބޭނުންނަމައެވެ. އެހެންނަމަވެސް އަރުޝަމް ނުހުއްޓާނެކަން އެނގޭތީ ހިތްވަރުކޮށްފައި ޖަންނަތު އަޑު ބޭރުވޭތޯ މަސައްކަތްކުރިއެވެ.

"ގްރޫޕް މަސައްކަތެއް ކުރަންވެގެން....." ވަރަށް ހިތްވަރުން ޖަންނަތަށް ބުނެވުނީ އެހިސާބަށެވެ. އޭރު އޭނާގެ ތުންފަތްވެސް ތުރުތުރުއަޅައެވެ. އަރުޝަމްއާ ހަތަރު ކަޅި ހަމަކުރަން ނުކެރޭތީ ޖަންނަތު ވާހަކަދެއްކީވެސް އިސްދަށަށް ޖަހައިގެން ހުރެއެވެ.

"ގްރޫޕްގަ ތިބެނީ ޖަންނަތާ ފިޒާމްއާ އެކަނިތަ؟ އެހެންނޫނަސް ގްރޫޕް މަސައްކަތްކުރަން ތި ދެމީހުން އެކަނި ރެސްޓޯރެންޓެއްގައި ތިބެންޖެހުމަކީ މީހަކު ހައިރާންވާންޖެހޭ ކަމެއްނު؟" މަލާމާތް އެކުލެވިގެންވާ ރާގަކަށް އަރުޝަމް ސުވާލުތައް އަމުނާލިއެވެ. އޭރުވެސް އޭނާގެ އަޑު އެންމެ ތަންކޮޅެއްވެސް މަޑެއް ނުވެއެވެ.

"އެކަންޏެއް ނޫން ދިޔައީ...." އަނެއްކާވެސް ވަރަށް ހިތަވްރުކޮށްފައި ޖަންނަތު ބުންޏެވެ. ތަފްސީލު ދޭން އޭނާ ކިތަންމެ ބޭނުންވިނަމަވެސް އަރުޝަމް ހުރީ އަޑު އަހަން ތައްޔާރަކަށް ނޫނެވެ.

"ތި ދެމީހުން ތިބި މޭޒުގެ އެއްވެސް އެހެން ގޮނޑިއަކުން އަހަންނަކަށް އިތުރު މީހަކު ނުފެނޭ." ފޯނުގައި އިން ފޮޓޯ ބޮޑުކޮށްލާފައި ރަނގަޅަށް ބަލާލަމުން އަރުޝަމް ބުންޏެވެ.

"ޖީނާއާ ޒަހާ ފާޚާނާއަށް ދިޔަ ގަޑީގަ ނަގާފަ އިން ފޮޓޯއެއް ތީ." އަޑަށް ވަރަށް ބާރުލާފައި އަނެއްކާވެސް ޖަންނަތު އޮޅުންފިލުވައިދޭން މަސައްކަތްކުރިއެވެ.

"ޖަންނަތަށް ހަމަ ރަނގަޅަށް އެނގޭދޯ ކުރިންވެސް ޖަންނަތު ފިޒާމްއާ ވާހަކަ ދެއްކީމަ އަހަރެން ހިތްހަމަނުޖެހޭކަން. ދެން ކީއްވެ އޭނާއާއެކު ގްރޫޕް ހެދީ؟" އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އަރުޝަމް ތަންކޮޅެއް މަޑުން ބުންޏެވެ.

"އަމިއްލައަކަށް ނޫން ގްރޫޕް ހެދީ. ކުދިން ގްރޫޕް ގްރޫޕްތަކަށް ބެހީ ލެކްޗަރަރ. މަޝްވަރާކުރަންވެގެން ކޮލެޖްގަ ތިބެފަ ޒަހާ ބަނޑު ހައިވެގެން ކިޔާވަރުން އެންމެން އެތަނަށް ދިޔައީ." ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި ނޭފަތް އެތެރެއަށް ދަމާލަމުން ޖަންނަތު ކިޔައިދިނެވެ.

"އަތަށް ތަދުވިތަ؟ ދައްކަބަލަ ބަލާލަން." ޖަންނަތުގެ އުޅަނބޮށި ވަރަށް ބާރަށް ޖެހުނުކަން އެނގޭތީ އަރުޝަމް މަޑުމަޑުން ޖަންނަތުގެ އަތުގައި ހިފާ މައްޗަށް ހިއްލާލުމަށްފަހު އުޅަނބޮށްޓަށް ބަލާލިއެވެ. އޭރު އެހިސާބު ހުރީ ނޫފައިގަނެފައެވެ.

"ހިނގާ އައިސް ޕެކް އަޅަން." ރުޅިގަނޑު މައިތިރިވުމުން ކުއްލިއަކަށް އަރުޝަމްގެ އަޑުގައި ލޯބީގެ އަސަރު އެކުލެވިގެންދިޔައެވެ. ނަމަވެސް ޖަންނަތު ހުރީ އަދިވެސް ހިތް ނުތަނަވަސްވެފައެވެ.

އަރުޝަމް އައިސްޕެކް އަޅަން ފެށުމުން ޖަންނަތު ވަރަށް ރަނގަޅަށް އެމޫނަށް ބަލާލިއެވެ. ކައިވެނިކޮށްގެން މިހާތަނަށް އައި އިރުވެސް އަރުޝަމްގެ ފަރާތުން ކުރީގައި އެހުންނަ ރުޅިގަނޑު ނުފެންނާތީ ޖަންނަތު ހީކުރީ އެކަންތަކަށް ނިމުން އައީ ކަމަށެވެ. ނަމަވެސް އެއީ ކުށް ހީ އެއްކަން މިއަދު ޖަންނަތަށް އެނގިއްޖެއެވެ.

"ކާކު ފޮނުވި ފޮޓޯއެއް އެއީ؟" އަރުޝަމް ހީކޮށްފާނެ އެއްޗެއް ނޭނގޭތީ އަހަން ނާހަން އިނދެފައި ޖަންނަތު ވަރަށް މަޑުމަޑުން އަހާލިއެވެ.

"ނޭނގެ. ނުދަންނަ ނަންބަރަކުން." ކުރަން އިން މަސައްކަތް ހުއްޓާ ނުލާ އިނދެ އަރުޝަމް ޖަވާބުދިނެވެ.

"އަރުޝަމްއަށް އަދިވެސް އަހަންނަށް އިތުބާރު ނުކުރެވޭދޯ؟" ވަރަށް ވިސްނައިގެން އިނދެ ޖަންނަތު އަނެއް ސުވާލުކޮށްލިއެވެ. އެވަގުތު ކުއްލިއަކަށް އަރުޝަމްގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. އަދި މަޑުމަޑުން އިސް އުފުލާލާފައި ޖަންނަތާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ ބަލާލުމުގައި ވީ އަސަރަކުން ޖަންނަތުގެ އަތް ފައި ފިނިވެގެން ދިޔައީ ނުވެސް އެނގި އިންދައެވެ.

"ޖަންނަތަށް ހީވަނީ އަހަރެން އެކަމާ ރުޅި އައީ ޖަންނަތަށް އިތުބާރު ނުކުރެވޭތީކަމަށްތަ؟ އަދިވެސް ނޭނގޭތަ އަހަރެން ޖަންނަތު ދެކެ ލޯބިވާ ވަރެއް؟ އަހަންނަކީ ކުޑަ ކުއްޖެއް ނޫނޭ. އަމިއްލަ އަނބިމީހާ ހިލޭ ފިރިހެނަކާއެކު އެކަނި އެކަހަލަ ތަނެއްގަ އިންދާ ފެނިއްޖެނަމަ ކޮންމެ ފިރިޔަކުވެސް ހިތްހަމަ ނުޖެހޭނެ. ޖަންނަތަށް އެވަރު ނުވިސްނޭތަ؟" އަނެއްކާވެސް އަރުޝަމްގެ އަޑުގައި ހިތްހަމަ ނުޖެހުމުގެ އަސަރު އެކުލެވިގެންދިޔައެވެ. ނަމަވެސް އެކަހަލަ ކަންތައްތައް ހައްލުވާނީ ވާހަކަ ދައްކައިގެންކަން އެނގޭތީ ޖަންނަތު ނިންމީ އަދިވެސް އެވާހަކަ ކުރިއަށްގެންދާށެވެ.

"ނުދަންނަ މީހަކު ތިހެން ފޮނުވާ އެއްޗެއް ޤަބޫލުކުރުމުގެ ކުރިން އަހަރެން ކައިރިން ކަމުގެ ޙަޤީޤަތް އޮޅުން ފިލުވުން އެއީ މުހިންމު ކަމެއް ކަމަކަށް އަރުޝަމް ނުދެކެންތަ؟ ފުރިހަމައަށް އިތުބާރުކުރާނަމަ ރުޅި ނައިސް ފުރަތަމަ އަހަރެން ކައިރީ އަހާލުން ރަނގަޅު ދޯ." ޖަންނަތު ބެލީ އަރުޝަމްއަށް ވިސްނައިދެވޭތޯއެވެ. ކުރިއަށް އޮތް ތަނުގައިވެސް މިކަހަލަ ކަމެއް ދިމާވެއްޖެނަމަ ޙައްލުކުރެވޭނީ އޭރުންނެވެ.

"އަރުޝަމްއާ އެހެން އަންހެން ކުއްޖަކާ އެގޮތަށް ތިއްބާ މީހަކު އަހަރެންގެ ހަމަ ލޮލަށް ދެއްކި ނަމަވެސް އަހަރެން ގޮތެއް ނިންމާނީ އަރުޝަމް ކައިރީ އަހާ އޮޅުން ފިލުވުމަށްފަހު. ނުދަންނަ މީހަކު ދައްކާ މަންޒަރަކަށްވުރެ އަހަންނަށް މުހިންމުވާނީ އަހަރެންގެ ފިރިމީހާ ދައްކާ ވާހަކަ. ދެމީހުން ކައިވެނިކުރީ ލޯބިވާތީ..... އެކީގަ އުޅެން ބޭނުންވާތީ. އެހެންވީމަ ކޮންމެ ޙާލެއްގަވެސް ބަލަންވާނީ ގުޅުން ދެމެހެއްޓޭތޯ. ނޫންތަ؟" ފަރުވާތެރިކަމާއެކު ޖަންނަތު ވާހަކަ ކުރިއަށްގެންދިޔައެވެ. އަރުޝަމްވެސް އިނީ ޖަންނަތު ދައްކާ ވާހަކަ އަޑުއަހާށެވެ.

"ސޮރީ. ދެން އެހެނެއް ނުވާނެ. ގޮތެއް ނިންމުމުގެ ކުރިން އަހަރެން ޖަންނަތު ކައިރީ އަހާނަން. އައި ލަވް ޔޫ. ވަކިވާކަށް އަހަރެންވެސް ބޭނުމެއް ނޫން." ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އަރުޝަމް ބުންޏެވެ.

ރޭގަނޑު ކާން ތިބި އިރު ދެމީހުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ޖަންނަތު ވިސްނަމުން ދިޔައީ މިއަދު ހިނގާ ދިޔަ ކަންތަކާމެދުގައެވެ. ކޮންމެވެސް މީހަކު އޭނާއަށް އެބަ ފާރަލައެވެ. އެމީހެއްގެ މަޤުސަދަކީ ދޭތެރެ ޖެއްސުމެވެ. އެހެން ނޫންނަމަ އެގޮތަށް ފޮޓޯއެއް ނަގާފައި އަރުޝަމްއަށް ފޮނުވުމުގެ ބޭނުމެއް ނެތެވެ. އެކަމަކު އެކަހަލަ ކަމެއް ކުރާނީ ވަކި ކާކުބާއެވެ؟

ކައި ނިންމާލުމަށްފަހު ޖަންނަތު ތަށިތައް ނަގަން ހުއްޓާ އަރުޝަމްއަށް ފޯނެއް އައިސްގެން އޭނާ ނުކުތީ ބެލްކަންޏަށެވެ. ކާ އެއްޗެހި ހޫނުކޮށް ބަދިގެތެރޭގެ މަސައްކަތް ނިންމާލުމަށްފަހު ޖަންނަތު ކޮޓަރިއަށް ވަދެ އަތުގައި ލޯޝަން އުނގުޅަން ހުއްޓާ އަރުޝަމް ކޮޓަރިއަށް ވަނެވެ.

"އަދި މިރޭ އެބަޖެހޭ އޮފީސް ކަމަކު މީހަކާ ބައްދަލުކޮށްލަން ދާން. މާދުރަކަށް ނުދާނަން. މިތާ ކައިރި ކޮފީ ޝޮޕަކަށް ދާނީ. މާ ގިނަ އިރެއް ނުވާނެ. ޖަންނަތު ނިދި އައިސްފިއްޔާ ނިދާލާ އިނގޭ." އެހެން ބުނުމަށްފަހު ޑްރެސިންގ ޓޭބަލް މަތީގައި ފޯނު ބާއްވާފައި އަރުޝަމް ވަނީ ފާޚާނާއަށެވެ. އެވަގުތު ޖަންނަތު އަވަސް އަވަހަށް އަރުޝަމްގެ ފޯނުގައި އިން ފޮޓޯ އޭނާގެ ފޯނަށް ވައިބަރއިން ފޮނުވާލިއެވެ. އަދި އަރުޝަމްގެ ފޯނުން ޗެޓް ލޮގްއިން ފޮޓޯ ޑިލީޓްކޮށްލިއެވެ.

އަރުޝަމް ނުކުމެގެންދިއުމާއެކު ޖަންނަތު އަވަހަށް އޭނާގެ އެންމެ ގާތް ދެއެކުވެރިންނާއެކު ހަދާފައި އިންނަ ވައިބަރ ގްރޫޕަށް އެ ފޮޓޯ ފޮނުވާލިއެވެ.

"މިއީ ކޮންކަމެއް؟" ފޮޓޯ ހަމަ ފެނުމާއެކު ޒަހާގެ ސުވާލުތަކުގެ ސިލްސިލާ ފެށުނެވެ.

"ކޮންމެވެސް މީހަކު އަރުޝަމްއަށް ފޮނުވާފަ އިން ފޮޓޯއެއް މީ. ތި ދެމީހުން ފާޚާނާއަށް ދިޔަ ގަޑީގަ އެއީ. އަރުޝަމް ހުރީ ވަރަށް ރުޅި އައިސްފަ." ޖަވާބުގައި ޖަންނަތު ލިޔުނެވެ.

"ކީކޭ އަރުޝަމް ބުނީ؟" ޖީނާވެސް ސުވާލެއްކޮށްލިއެވެ.

"ފުރަތަމަ ނުވެސް އަހާ ރުޅި އައިސްގެން އުޅުނީ. ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ ހުރީ. އެނގެއެއްނު އަހަރެން ފިރިހެން ކުއްޖަކާ ވާހަކަ ދެއްކިކަން އެނގުނަސް އަރުޝަމްއަށް ވާ ގޮތް. ހަމަ އެހެން އުޅުނީ." ޖަންނަތު އޮޅުންފިލުވައިދިނެވެ.

"އެކަމަކު އަރުޝަމް ނުވާނެ ދޯ ވީ ގޮތް ނުބަލާ ޖަންނަތު ދެކެ ރުޅިއައިސްގެން. ވަރަށް ފޫހިވޭ އެހެން އުޅޭތީ." ޒަހާ ވަރަށް ހިތްހަމަ ނުޖެހުނެވެ.

އެވަގުތު ޖަންނަތުގެ ފޯނަށް ވިދާދާގެ ކޯލެއް އަންނަންފެށިއެވެ. އެހެންކަމުން ޖަންނަތު އިހަށް ރަށްޓެހިންނާއެކު ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލާފައި ފޯނަށް ޖަވާބުދިނެވެ.

"ހަލޯ. ޖަންނަތު އަރޫ ކޮބާތަ؟ މަންމަ މިއަދު ދެފަހަރު ގުޅީމަވެސް ފޯނެއް ނުނަގާ." ޖަންނަތު ފޯނު ނެގުމާއެކު ވިދާދާ ވާހަކަ ދައްކަން ފެށިއެވެ.

"ބޭރަށް ގޮސް ވީ. އައީމަ ބުނާނަން މަންމައަށް ގުޅާލާށޭ." ޖަންނަތު ޖަވާބުދިނެވެ.

"ދަރިފުޅު ބަލީތަ؟ އަޑު ހާދަ ތަފާތޭ؟" ވިދާދާ ކުއްލިއަކަށް ދަރިފުޅޭ ބުނުމުން ޖަންނަތަށް ބުނެދޭން ނޭނގޭ އިޙުސާސެއް ކުރެވިގެންދިޔައެވެ. މިއަދު ދިމާވި ކަންތަކުން ޖަންނަތު އެއުޅެނީ އަމިއްލަ މަންމަ މަތިން މާބޮޑަށް ހަނދާންވާތީއެވެ. ނަމަވެސް މަންމައަށް އޭނާގެ ޙާލު ކިޔައިދެވިދާނެތީ ނުގުޅާ ކެތްކޮށްލައިގެން ހުރީއެވެ.

"ކަމެއް ނުވޭ. މާ ވަރުބަލިވީމަ ހީވާ ގޮތެއް ކަންނޭނގެ. އެހެންވެ މިރޭ މިއުޅެނީ ތަންކޮޅެއް އަވަހަށް ނިދާލަންވެގެން." ޖަންނަތު އަޑުގައި ހުރި އަސަރުތައް ފޮރުވަމުން ހިނިތުންވެލާފައި ޖަވާބުދިނެވެ.

ފޯނު ބޭއްވުމަށްފަހު ވިދާދާ އިރުކޮޅެއްވަންދެން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. އޭރު އެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ