2،500 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް (މިފްކޯ) އިން ރާއްޖެ ގެނެސްފިއެވެ.
މި ބޯޓަކީ ތައިލެންޑުން ގެނެސްފައިވާ ބޯޓެއް ކަމަށާއި ބޯޓަކީ 98 މީޓަރުގެ ދިގު ބޯޓެއް ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. ބޯޓު ގަތުމަށް 1.8 މިލިއަން ޑޮލަރު (27.75 މިލިއަން ރުފިޔާ) ހަރަދުވި ކަމަށް ވެސް މިފްކޯއިން މައުލޫމާތު ދެއެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މި ސްޓޯރޭޖް ކެރިއަރ އަކީ ސްޓޯރޭޖަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ގަތް ބޯޓެއް ކަމަށާއި، ކުންފުނީގެ އަމިއްލަ ބޮޑު ސްޓޯރޭޖެއް އޮތުމުން އެކަމުގެ ފައިދާ ވާނެ ކަމަށެވެ. މިއާއެކު މޫސުމީ މަސްވެރިކަމުގެ ދުވަސްވަރު ކިއުގައި ތިބެގެން މަސް ކިރުމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
މި ބޯޓަކީ މަސްވެރިން ބާނާ މަސް ހިފައިގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރެވޭ ގޮތަށް, މަސް ފިނިކޮށް ބެހެއްޓުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިފްކޯއިން ގެނައި ބޯޓެކެވެ. 2500 ޓަނުގެ މި ބޯޓުގައި ފިނިކޮށްފައި ހުންނަ މަސް ހިފައިގެން ރާއްޖޭގެ އެކި ސަރަހައްދަށާއި އަދި ރާއްޖެއިން ބޭރަށްވެސް ދަތުރު ކުރާނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
މިފްކޯގެ މަސް ރައްކާ ކުރުމުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން މިހާރު ވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.