"ކަމެއް ނުވޭ. މާ ވަރުބަލިވީމަ ހީވާ ގޮތެއް ކަންނޭނގެ. އެހެންވެ މިރޭ މިއުޅެނީ ތަންކޮޅެއް އަވަހަށް ނިދާލަންވެގެން." ޖަންނަތު އަޑުގައި ހުރި އަސަރުތައް ފޮރުވަމުން ހިނިތުންވެލާފައި ޖަވާބުދިނެވެ.
ފޯނު ބޭއްވުމަށްފަހު ވިދާދާ އިރުކޮޅެއްވަންދެން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. އޭރު އެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ޖަންނަތަށް ހޭލެވުނުއިރު އެނދުގައި އަރުޝަމް އޮންނަ ފަރާތް އޮތީ ހުސްކޮށެވެ. އެފަރާތުން ބެޑްޝީޓްގައި އެންމެ ރުލެއްވެސް ޖެހިފައެއް ނެތެވެ. އެތާ މީހަކު އޮށޯވެފައި އޮތްކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ރޭގައި ވިދާދާއާ ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވިގޮތަށް ޖަންނަތަށް ނިދުނީއެވެ. އޭރުވެސް އަރުޝަމް ގެއަކަށް ނާދެއެވެ. އަނެއްކާ ހިތްހަމަ ނުޖެހިގެން އަރުޝަމް ނިދަން ނާންނަނީބާއެވެ؟ ނޫނީ ބޭރުގައި އުޅެނިކޮށް އޭނާއަށް ކަމެއްވީބާއެވެ؟ އެކަހަލަ ނުބައި ޚިޔާލުތަކެއް ބޮލުގައި އެނބުރެން ފެށުމުން ޖަންނަތަށް ފުންމައިގެން ތެދުވެވުނެވެ. އަދި އަރުޝަމަށް ގުޅުމަށް އަވަސްވެގަތެވެ. ތެދުވި ގޮތަށް ނިދާއިރު ބާލީސްދަށުގައި ބާއްވާ ފޯނު ހޯދަން އޭނާ ތެޅިގަތެވެ. ނަމަވެސް ކައިރީގައި ހުރި ހުރިހާ ބާލީހަކާއި ކުއިލްޓް ކަވަރުގެ ދަށް ބެލިއިރުވެސް ފޯނެއް ނުފެނުނެވެ. ދެން އޭނާ އަވަހަށް ދުއްވައިގަތީ ކިޔަވާ މޭޒު މައްޗާއި ޑްރެސިންގ ޓޭބަލް މަތި ބެލުމަށެވެ. ނަމަވެސް އެންމެ ފަހުން ރޭ އޭނާ ފޯނު ބޭނުންކުރީ ވިދާދާއާ ވާހަކަ ދައްކާށެވެ. އެއަށްފަހު ޔަޤީނުންވެސް އޭނާ އެނދަކުން ނުފައިބައެވެ. ތެޅިތެޅި އޮތް ހިތަކާއެކު މުޅި ކޮޓަރިތެރެ އެއް ފުށުން އަނެއް ފުށަށް ޖެހި އިރުވެސް ޖަންނަތަށް އޭނާގެ ފޯނެއް ނުފެނުނެވެ. އެކަމާ ކަންބޮޑުވިވަރުން ބޮލުގައި ހިފަހައްޓާލައިގެން އެނދުގެ ކޮޅުގައި އޭނާއަށް އިށީނދެވުނެވެ. އެހެން އިންދާ ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލި އަޑު އިވުނެވެ. ސިއްސައިގެން ގޮސްފައި ޖަންނަތު އަވަހަށް އެދިމާއަށް އެނބުރުނެވެ. އޭރު ކޮޓަރި ދޮރުމަތީގައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން އަރުޝަމް ހުއްޓެވެ. އަރުޝަމްގެ ބޮލުގެ އިސްތަށިގަނޑު އޮތީ އެގޮތް މިގޮތަށް ހޭވިފައެވެ. މޫނުމައްޗާއި ދެލޮލަށް ބަލާލުމުން އެއައީ ހަމަ ދެންމެ ހޭލައިގެންކަން އެނގުނެވެ. ލައިގެން ހުރި ޓީޝާޓް ހީވަނީ ރޫ ގުޅައެއްހެންނެވެ. އެއީ ރޭގައި ބޭރަށް ދިޔައިރު އަރުޝަމް ލައިގެން ހުރި ޓީޝާޓެވެ.
"ކޮންތާކުން ތި އައީ؟" އިރުކޮޅަކު ބަލަން އިނުމަށްފަހު ޖަންނަތު ސުވާލުކޮށްލިއެވެ. އެވަގުތު އަރުޝަމްގެ މޫނުމަތިން ފެނިގެން ދިޔައީ ފޫހިކަމެވެ. ޖަންނަތުގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަރުޝަމް ގޮސް ވަނީ ފާޚާނާއަށެވެ.
ޖަންނަތު ހީކޮށްގެން ހުރީ އިއްޔަ ޖެހުނު މައްސަލަ ޙައްލުވެއްޖެކަމަށެވެ. ރޭގައި ފަހުން އަރުޝަމް އިނީ ހަމަޖެހިފައެވެ. ޖަންނަތު ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު އޭނާ ކައިރީ ނާހާ އެއްވެސް ކަމެއް ނުނިންމާނެކަމުގައި އަރުޝަމް ބުންޏެވެ. ދެން އެހެންވީއިރު މިހާރު މިފެންނަނީ ކޮން ކަމެއް ހެއްޔެވެ؟
ޚިޔާލުތަކަށް ގެއްލިފައި ހުރެގެން ޖަންނަތު އެނދުމަތީގައި ތަންމަތި އަޅަން ފެށިއެވެ. އަރުޝަމަށް ވެފައި ހުރި ގޮތެއް ނޭނގެނީސް އޭނާއަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
"އަހަރެންގެ ފޯނެއް ނުފެނުނު." އަރުޝަމް ފާޚާނާއިން ނުކުމެ ޓީޝާޓް ބަދަލުކުރުމަށްޓަކައި އަލަމާރި ކައިރިއަށް ހުއްޓިލުމުން ޖަންނަތު ބުންޏެވެ.
"މިއޮތީ." ވަގުތުން އަރުޝަމްގެ ޖީބުން ޖަންނަތުގެ ފޯނު ނަގާ ދިއްކޮށްލަމުން ބުންޏެވެ. އަދި ރަނގަޅަށް ޖަންނަތާ ދިމާއަށް އެނބުރިލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭރު އަރުޝަމްގެ ދެ ބުމަ ހުރީ ގޮށްޖެހިފައެވެ. އެވަގުތު ޖަންނަތުގެ އަތް ފައި ފިނިވާގޮތްވެގެން ދިޔައެވެ. އަނެއްކާ އޭނާއަށް ކުރެވުނީ ކޮން ކުށެއްބާއެވެ؟
"ދެމަފިރިން ދޭތެރޭގައި ޖެހޭ މައްސަލަތައް އެހެން މީހުންނާ ހަމައަށް ގެންދިއުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭވަރުގެ ކުޑަކުއްޖެއްތަ ޖަންނަތު ތީ؟" އަރުޝަމްގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމެވެ. ހިތްނުތަނަވަސްވެފައި ހުރިވަރުން އަރުޝަމް އެދައްކަނީ ކޮން ވާހަކައެއްކަމެއް ޖަންނަތަށް ނަގައެއް ނުގަނެވުނެވެ.
"އަހަރެން އެއްވެސް މީހަކު ކައިރީ ނުދައްކަން." ބިރުންހުރިވަރުން ޖަންނަތުގެ އަޑު ނުކުތީ ކިރިޔަކިރިޔާއެވެ.
"ދެން ޒަހާއާ ޖީނާ ކައިރީ ދައްކާފަ އެހެރީ ކޮން ވާހަކަތަކެއް؟ އެމީހުން އަބަދުވެސް އަހަރެން ދެކެ ރުޅި އާދޭ ދޯ؟" އެހުރި ގޮތަށް ހުރެ ކުރީގައިވެސް ވާހަކަދެއްކި ރުންކުރު ރާގުގައި އަރުޝަމް ސުވާލުކޮށްލިއެވެ. އެވަގުތު ކުއްލިއަކަށް ސިއްސައިގެން ގޮސްފައި ޖަންނަތަށް އަރުޝަމްއާ ދިމާއަށް ބަލާލެވުނެވެ. ރޭގައި އެމީހުންނާ ވާހަކަދެއްކުމަށްފަހު ޑިލީޓްކޮށްލަން ޖަންނަތު ހަނދާން ނެތުނީއެވެ. އަރުޝަމް ފޯނު ބަލާތީ އަރުޝަމް ހިތްހަމަނުޖެހޭހެން ހީވާފަދަ އެއްވެސް ވާހަކައެއް ދެއްކިއްޖެނަމަ ޖަންނަތު އެ ވާހަކައެއް ފޯނުން ޑިލީޓްކޮށްލައެވެ. ފިރިމީހާއަށް ކަންކަން ސިއްރުކުރުމަކީ އޭނާ އެއްވެސް އިރެއްގައި ބޭނުންވި ގޮތެއް ނޫނެވެ. ނަމަވެސް އަރުޝަމްގެ އެ ހުންނަ މިޒާޖެއްގެ ސަބަބުން އޭނާއަށް އެގޮތަށް ކަންތައްކުރަން މަޖުބޫރުވީއެވެ.
"މީގެ ފަހުން އަހަރެން ބޭނުމެއް ނޫން ޖަންނަތު އެމީހުންނާ އެއްވެސް ވަރަކަށް ވާހަކަދައްކާކަށް. އަހަރެން ދެކެ ރުޅި އަންނަ ބަޔަކާ އަހަރެންގެ އަންހެނުން ވާހަކަ ދެއްކުމަކީ އަހަރެން ބޭނުންވާ ކަމެއް ނޫން." އަރުޝަމްގެ ފަހުގެ ނިންމުން އިއްވިއެވެ. ހީވީ އަމުރެއްކޮށްލިހެންނެވެ.
"އެކަމަކު......." ޖަންނަތު ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުވަނީސް އަނެއްކާވެސް އަރުޝަމް ވާހަކަ ދައްކަން ފެށިއެވެ.
"ޖަންނަތަށް މުހިންމީ އަހަރެންތަ ނޫނީ އެމީހުންތަ؟" އަރުޝަމް ހީވީ މާ ކުރިންވެސް އެގޮތަށް ނިންމައިގެން ހުރިހެންނެވެ. އެހެން ބުނެލުމަށްފަހު ޖަންނަތު ބުނާ އެއްޗަކަށް ބެލުމެއް ނެތި ފުރަގަސްދީފައި އަލަމާރިން ޓީޝާޓެއް ނަގައިގެން އޭތި ލަމުން އޭނާ ކޮޓަރިން ނުކުމެގެން ދިޔައެވެ.
ޖަންނަތު ހުރީ ހުރި ތަނުގައި ބުދެއްހެން ހުއްޓުން އަރާފައެވެ. ދެން ހަދާނީ ކިހިނެއް ކަމެއް ނޭނގިފައެވެ. ޒަހާއާ ޖީނާއަކީ ޖަންނަތަށް ދެރައެއް ލިބެން ނޭދޭ ހެޔޮ ދެ އެކުވެރިންނެވެ. މިހާރު އެމީހުންގެ ގުޅުމަށް ތިން އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެމީހުން އަބަދުވެސް އެދެނީ ޖަންނަތަށް ރަނގަޅު ގޮތް ވުމަށެވެ. އަރުޝަމްދެކެ އެމީހުން ހިތްހަމަ ނުޖެހެނީ ކީއްވެކަންވެސް ޖަންނަތަށް އެނގެއެވެ. އެއީ ޖަންނަތުވެސް ޤަބޫލުކުރާ ޙަޤީގަތެކެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީނަމަވެސް އެދެއެކުވެރިން އަބަދުވެސް ތިބެނީ އޭނާއާ އެއްކޮޅަށެވެ. އެދެމީހުންނާ ގުޅުން ކަނޑާލައިގެން އޭނާ އުޅޭނީ ކިހިނެއްހެއްޔެއވެ؟ އެމީހުން ކައިރީ އޭނާ ބުނާނީ ވަކި ކީކޭހެއްޔެވެ؟
ކޮލެޖަށް ދިޔަ މަގުމަތީގައި އަރުޝަމް އެއްވެސް ވާހަކައެއް ނުދައްކައެވެ. ޖަންނަތުވެސް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެންމެ ގާތް ދެ އެކުވެރިންނާ ގުޅުން ކަނޑާލުމަކީ އޭނާއަށް ވަރަށް އުނދަގޫކަމެކެވެ. އެމީހުންނަށް އަރުޝަމް ބޭނުންވާ ގޮތް އެނގިއްޖެނަމަ ވަރަށް ދެރަވާނެއެވެ. އަދި އަރުޝަމްދެކެ އިތުރަށް ހިތްހަމަވެސް ނުޖެހޭނެއެވެ. ޖަންނަތަށް އަރުޝަމްއާ އެއްވަރަށް އެދެއެކުވެރިންވެސް މުހިންމެވެ. ނަމަވެސް އެމައްސަލައަށް ޙައްލެއް ހޯދޭނީ ހަމައެކަނި އޭނާއަށެވެ. އެހެންކަމުން އޭނާ ނިންމީ ސަބަބެއް ނުބުނެ މަޑުމަޑުން އެމީހުންނާ ދުރުވެވޭތޯ މަސައްކަތްކުރުމަށެވެ. ކޮންމެ ގޮތެއްވިޔަސް ކައިވެނިކޮށްގެން ހުރިހާ ހިނދަކު ފިރިމީހާއަށް ކިޔަމަންވުމަކީ އޭނާގެ މައްޗަށްވާ ވާޖިބެކެވެ.
އެދުވަހަށްފަހު އަރުޝަމްގެ ޝައްކު ކުރުމާއި ފާރަލުމުގެ ސިލްސިލާ އިންތިހާއަށް އިތުރުވެގެންދިޔައެވެ. ޖަންނަތަށް ހީވަނީ ކޮށްޓެއްގައި ބަންދުވެގެން އުޅެވޭހެންނެވެ. ކޮލެޖުގައި އޭނާ މީހަކާ ވާހަކަ ދެއްކިޔަސް އެ ޚަބަރު އޮންނަނީ އަރުޝަމަށް ލިބިފައެވެ. ކޮންމެ ދުވަހަކު ކްލާސް ނިމޭ ގޮތަށް އޭނާ ޖެހެނީ ގެއަށް ދާށެވެ. ގްރޫޕް މަސައްކަތެއް ކޮށްލަންވެސް މަޑުކޮށްނުލެވެއެވެ. ފޮތެއް ބޭނުންވެގެން ލައިބްރަރީއަށްވެސް ދާން ޖެހެނީ ވަގުތެއް ހާވާލާފައެވެ. އެކަންވެސް ކޮށްފިނަމަ އަރުޝަމަށް އެނގެއެވެ. އަންގަނީ ކާކުކަމެއް ޖަންނަތަކަށް ނޭނގެއެވެ. ނަމަވެސް ހުރިހާ ވަގުތަކު ކޮންމެވެސް މީހަކު ފާރަލާކަން އޭނާއަށް އެނގެއެވެ. އޭގެ ސަބަބުން ޖަންނަތު ހުންނަނީ އަބަދުވެސް ބިރުން ސިހިސިހިއެވެ. ބަސްމަދުވެ މީހުންނާ އެކަހެރިވިއެވެ. މުޅި މީހާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އެކަމާ އޭނާގެ ދެ ރަޙްމަތްތެރިން ވަރަށް ސުވާލު ކުރެއެވެ. ނަމަވެސް ކަންކަން ވަމުންދާ ގޮތް ކިޔައިދޭކަށް ޖަންނަތަކަށް ނުކެރެއެވެ. އެހެންކަމުން ކަމެއް ނުވެޔޭ ބުނެ މަތި އޮމާންކޮށްލައިގެން އޭނާ ހުންނަނީއެވެ.
އެއްރެއެއްގެ ރޭގަނޑުގެ ވަގުތެވެ. ޖެހިގެން އަންނަ ދުވަހު ޓެސްޓެއް އޮންނާތީ ޖަންނަތު އިނީ ފިލާވަޅު ދަސްކުރާށެވެ. ވަގުތަކީ އަރުޝަމް ގޭގައި ނެތް ވަގުތެކެވެ. މިހާރު ކަންތައް ވަމުންދާ ގޮތުން ޖަންނަތުގެ ކިޔެވުމަށްވެސް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ. އެއް ތަންކޮޅެއް އެތައް ފަހަރަކު ކިޔައިގެންވެސް ބޮލަކަށް ނުވަދެއެވެ. އެކަމާ ހެދި ޖަންނަތު އިނީ ރޮވޭވަރު ވެފައެވެ. އެހެން އިންދާ ކައިރީގައި އޮތް ފޯނު ރިންގްވާން ފެށިއެވެ. ބަލާލި އިރު ގުޅަނީ ޖަންނަތުގެ މަންމައެވެ. އެވަގުތު މަންމަގެ ނަން ފޯނުގެ ސްކްރީނުން ފެނުމުން ޖަންނަތު ހިފަހައްޓައިގެން އިން ކަރުނަތައް ކުއްލިއަކަށް ފައިބައިގަތެވެ. ބޮލު ތެރޭގައި ހިނގަމުންދާ ހައިޖާނުގަނޑު މަންމައާ ހިއްސާކުރަން ޖަންނަތު ބޭނުންވިއެވެ. އެހެންކަމުން އަވަސްއަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
"މަންމާ...." ވަރަށް ހިތްވަރުކޮށްފައި ޖަންނަތު ވާހަކަ ދައްކަން ފެށިއެވެ.
"ދަރިފުޅު ރޮނީތަ؟ ކިހިނެއްވީ؟ ބަލީތަ؟" ދަރިފުޅުގެ ރޮވިފައިވާ އަޑު ކަންފަތުގައި ހަމަ ޖެހުމާއެކު ހުސްނާ ފަތިފައްޗަށް ސުވާލުތައް އަމުނާލިއެވެ.
"މަންމާ....." އަނެއްކާވެސް ޖަންނަތަށް ބުނެވުނީ އެހިސާބަށެވެ. އެވަގުތު ފެނުނީ އަރުޝަމް ކޮޓަރިއަށް ވަދެގެން އަންނަ ތަނެވެ. ޖަންނަތަށް ހީވީ މެޔަށް ހޫނު ފެންއއެއްޗެއް އޮއްސާލިހެންނެވެ. އަރުޝަމް ބަލަން ހުރި ގޮތުން ނޭވާލާންވެސް އޭނާ ހަނދާން ނެތުނެވެ. އޭރު އެކޮޅުން ހުސްނާ އޭނާއަށް ގޮވާ އެކި ސުވާލު ކުރާ އަޑު އިވެމުންދިޔައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ޖަންނަތު އަވަސްއަވަހަށް ފަހުން ގުޅާނަންކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. އޭރު އަރުޝަމް ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާއާ ދިމާއަށް އާދެއެވެ.
(ނުނިމޭ)




ހިޔާލު
Thiya iy vaa arusham eh. huvaa thiya kuhja dhuni yeyga huhtas ragalhu