"މަންމާ....." އަނެއްކާވެސް ޖަންނަތަށް ބުނެވުނީ އެހިސާބަށެވެ. އެވަގުތު ފެނުނީ އަރުޝަމް ކޮޓަރިއަށް ވަދެގެން އަންނަ ތަނެވެ. ޖަންނަތަށް ހީވީ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. އަރުޝަމް ބަލަން ހުރި ގޮތުން ނޭވާލާންވެސް އޭނާ ހަނދާން ނެތުނެވެ. އޭރު އެކޮޅުން ހުސްނާ އޭނާއަށް ގޮވާ އެކި ސުވާލު ކުރާ އަޑު އިވެމުންދިޔައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ޖަންނަތު އަވަސްއަވަހަށް ފަހުން ގުޅާނަންކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. އޭރު އަރުޝަމް ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާއާ ދިމާއަށް އާދެއެވެ.
އަރުޝަމް ހިނގާފައި އައި އިރު ޖަންނަތާ ނަޒަރު ވަކި ކޮށެއްނުލައެވެ. އަރުޝަމް ބަލަމުން ދިޔަ ގޮތުން ހީވީ ވަގަކު ވައްކަންކުރަން އުޅެނިކޮށް ފަޅާ އަރައިގެން އުޅޭހެންނެވެ. ޖަންނަތު ހުރީ ބިރުން ގޮސް ހަދާނެ ގޮތް ހުސްވެފައެވެ. ފޯނުވެސް ކަންފަތުން ނެގި ގޮތަށް ފުރަގަހަށް ލެވުނީ ގަސްތަކާނުލައެވެ.
"ކާކާ ތި ވާހަކަ ދައްކަނީ؟" އަރުޝަމް އައިސް ޖަންނަތު ކައިރިއަށް ހުއްޓިލުމަށްފަހު ސުވާލުކޮށްލިއެވެ. އޭރުވެސް އޭނާ ބަލަމުންދިޔައީ ސީދާ ޖަންނަތުގެ ލޮލަށެވެ.
"މަ...ން...މަ." ގަނެފައި ހުރި ބިރުގެ ސަބަބުން ޖަންނަތުގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ.
"ޖަންނަތުގެ މަންމަ އެއްވެސް އިރެއްގައި އަހަރެންނާމެދު ހިތްހަމަ ނުޖެހޭކަން އެނގެއެއްނު. ދެން މިހާރު މަންމައަށް ގުޅައިގެން ތި ރޮނީ އިތުރަށް އަހަރެން މީ ގޯސް މީހެއްކަން އެމީހުންނަށް އަންގަންތަ؟" ހިތްހަމަ ނުޖެހުނު ވަރުން އަރުޝަމް ވާހަކަ ދެއްކީ ދެ ދަތްޕިލަ ޖައްސައިގެން ހުރެއެވެ.
"ގެނޭ ތި ފޯނު! އަހަރެން ބޭނުމެއް ނޫން ޖަންނަތު ދެން އެއްވެސް މީހަކާ ވާހަކަ ދައްކާކަށް. މިއަދު އާ ނަންބަރެއް ނަގާނަން. އެއްވެސް މީހަކަށް ނަންބަރު ދީގެން ނުވާނެ!" ގަދަކަމުން ޖަންނަތު އަތުން ފޯނު އަތުލަމުން އަރުޝަމް އަމުރުކޮށްލިއެވެ. އޭރު ޖަންނަތުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. ނަމަވެސް އެއީ މުހިންމުކަމެއްކަމުގައި އަރުޝަމް ނުދެކުނެވެ. ކިޔާނެހާ އެއްޗެއް ކިޔުމަށްފަހު ބާރު ބާރަށް ކޮޓަރީގެ ދޮރު ޖަހާފައި އޭނާ ނުކުމެގެން ދިޔައެވެ. އެވަގުތު ހިތުގައިޖެހުނުލެއް ބޮޑުކަމުން ޖަންނަތަށް ހުރި ތަނަށް ތިރިވެވުނެވެ. ބޭރުފުށުން ޒަޚަމް ފެންނަން ނެތްނަމަވެސް އޭނާއަށް ލިބެމުން އެދަނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އެއްވެސް ކުށަކާ ނުލާ އޭނާ އެވަނީ ގައިދީއަކަށް ވެފައެވެ. މީހަކާ އަނގައިން ބުނުމުގެ ހުއްދައެއް ނެތެވެ. ގެއިން ބޭރަށް ފިޔަވަޅެއް އެޅޭކަށް ނެތެވެ. އެންމެ ކުޑަމިނުން ބަނޑުއަޅާ ވިހެއި މައިމީހާއާވެސް އަނގައިން ބުނުން މަނާކޮށްފިއެވެ. އަރުޝަމް ހިތްހަމަ ނުޖެހިދާނެތީ މިހާރުވެސް އޭނާ އެހުންނަނީ އަބަދު ބިރުން ސިހިސިހިއެވެ. އެއީ ކޮންކަހަލަ ދިރިއުޅުމެއްހެއްޔެވެ؟ އެފަދަ ދިރިއުޅުމެއްގައި ބަނދެވިގެން ހުރުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟
އެތައް އިރެއްވަންދެން ރޮއިލަރޮއިލާ ޖަންނަތަށް އިނދެވުނެވެ. އެއްކޮޅުން އެންމެ ލޯބިވާ ފިރިމީހާއެވެ. އަރުޝަމް ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް ޖަންނަތުގެ ހިތުގައި އަރުޝަމްގެ މައްޗަށް އޮތް ލޯތްބަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. އެކަމާ އޭނާ ހައިރާންވެސްވެއެވެ. ދުރަށް ދާން ކިތަންމެ ބޭނުންވިނަމަވެސް ނޭނގޭ ބާރަކުން އޭނާ ހިފަހައްޓަން މަސައްކަތްކުރާހެން ހީވެއެވެ. ނަމަވެސް މިއަދު އޭނާ ނިންމުމެއް ނިންމައިފިއެވެ. އަރުޝަމްއާއެކު އުޅެގެން އޭނާއަށް އެއްވެސް އުފަލެއް ނެތެވެ. އެއްވެސް މީހަކާ އަނގައިން ނުބުނެ ގޭގައި ބަންދުވެގެން އެހެން އިންނަންވެއްޖެނަމަ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރާނެކަން ކަށަވަރެވެ. ލޯބި އޮތްތާ ބާއްވާފައި އަމިއްލަ ނަފްސުގެ ދިފާޢުގައި ތެދުވަން އޭނާ ނިންމިއެވެ. އޭނާއަކީ ކިޔަވައިގެން ހުރި ކުއްޖެކެވެ. އަނބުރާ ގޮސްފިނަމަ މަންމަމެން އޭނާ އެއްލާނުލާނެކަން ޔަޤީނެވެ. އެމީހުން އޭނާއަށް އެހީތެރިވެދޭނެއެވެ. އަރުޝަމާ ނުލާވެސް އައު ދިރިއުޅުމެއް އޭނާއަށް ފެށިދާނެއެވެ.
އަރުޝަމް ގެއަށް އައުމުން ވާހަކަ ދައްކަން ނިންމައިގެން ޖަންނަތު އެނދުގައި އޮށޯތެވެ. ދެން އިތުރަށް ފިލާވަޅު ދަސްކުރަން އުޅުމަކީ ބޭކާރުކަމެއްކަން އެނގޭތީ ފޮތް ނަގާކަށް އޭނާ ހިތަށްވެސް ނާރުވައެވެ. އޭނާ ވިސްނަމުން ދިޔައީ ވަކިވާން ބޭނުންވާ ވާހަކަ އަރުޝަމް ކައިރީގައި ދައްކާނެ ގޮތަކާމެދުގައެވެ. އަރުޝަމް ދެރަވާނެވަރު އޭނާއަށް އެނގެއެވެ. ނަމަވެސް އިތުރަށް އެކަމުގައި ބަނދެވިގެން ތިބެންވެއްޖެނަމަ ދެމީހުންކުރެ އެކަކަށްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.
ވިސްނުމުގެ ތެރެއަށް ގެއްލިފައި އޮއްވާ ޖަންނަތަށް ނިދުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ދެން ހޭލެވުނީ އަރުޝަމް އައިސް މަޑުމަޑުން ފުރަގަހުން އޭނާގެ ގައިގައި ބައްދާލުމުންނެވެ. އޭރު އަރުޝަމްގެ ރުޅިގަނޑު ހުރީ މައިތިރިވެފައިކަން ޖަންނަތަށް އެނގުނެވެ. ވަގުތުގެ ބޭނުން ހިފާ ޖަންނަތު އަވަހަށް މަޢޫޟޫއައިގެން ކުރިއަށްދާން ނިންމިއެވެ.
"އަރުޝަމް! އަހަރެން ވާހަކައެއް ދައްކާލަން ބޭނުން." އޮތްގޮތަށް އޮވެ ޖަންނަތު ވާހަކަ ދައްކަން ފެށިއެވެ.
"ހޫމް..." އިތުރަށް ޖަންނަތު ގަޔާ ކައިރިކޮށްލަމުން މަޑުމަޑުން އަރުޝަމް ބުންޏެވެ.
"އަރުޝަމް މި ލައިފްއާމެދު ހިތްހަމަޖެހޭތަ؟" ޖަންނަތު ވާހަކަ ދެއްކީ ވަރަށް ވިސްނައިގެން އޮވެއެވެ.
"އާނ. އަހަރެން ވަރަށް އުފާވޭ އެންމެ ލޯބިވާ މީހާ ކައިރީގަ ކޮންމެ ދުވަހަކު މިހެން އޮވެވޭތީ." ލޯބިން ފުރިގެންވާ އަޑަކުން އަރުޝަމް ޖަވާބުދިނެވެ. އެއީ ޖަންނަތުގެ ބަލި ފަޔެވެ. އެއް ސިކުންތުގައި އަރުޝަމް ރުޅި އައިސްގެން އޭނާއަށް ކޮންމެ ގޮތެއް ހެދިނަމަވެސް އަނެއް ސިކުންތުގައި އޭގެ ދެގުނަ ލޯބިދެޔެވެ. ދުރަށް ދާން ވިސްނާލާފައިވެސް އެކަން ހުއްޓާލެވޭ މައިގަނޑު ސަބަބަކީ އެއީއެވެ.
"އެކަމަކު އަހަރެން މިހާރު ހެޕީއެއް ނޫން. ހިނގާ..... ޑިވޯސްވާން." ދެލޯ މަރާ ތަގުޅިކޮށްލަމުން ޖަންނަތު އެންމެފަހުން ހިތާ ދެކޮޅަށް ވަރިވާން ބޭނުންވާ ވާހަކަ ހާމަކޮށްލިއެވެ. އެވަގުތު ކުއްލިއަކަށް ޖަންނަތުގެ ވަށައިގެން ހިފަހައްޓާލާފައި އޮތް އަރުޝަމްގެ ދެއަތް ދޫކޮށްލިއެވެ. އަދި އޭނާ ކުއްލިއަކަށް ތެދުވެ އިށީނެވެ. އަރުޝަމްގެ އެ ޢަމަލުން ޖަންނަތު ދިޔައީ ސިއްސައިގެންނެވެ. ޖަންނަތަށްވެސް ކުއްލިއަކަށް ތެދުވެ އިށީނދެވުނެވެ. އަދި ފަރުވާތެރިކަމާއެކު އަރުޝަމްގެ މޫނަށް ބަލާލެވުނެވެ. އޭރު އެމޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމެވެ.
"ޖަންނަތަށް އެހެން މީހަކު ކަމުދިޔައީތަ؟ އެއީ ފިޒާމް ދޯ؟" ހާސްވެފައި އިނދެ އަރުޝަމް ސުވާލުކުރަންފެށިއެވެ.
"ނޫން... އަހަރެން ހަމައެކަނި ލޯބިވާ މީހަކީ ތީ." އަރުޝަމްއާ ކުރިމަތިވާނެހެން އެނބުރި ހަމަޖެހިލަމުން ޖަންނަތު ބުންޏެވެ. އޭރު އަރުޝަމްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. އެމަންޒަރު ފެނުމުން ޖަންނަތުގެ ހިތުގައި ތޫނު ތަދެއް އުފެދުނެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވަނީ މިކަން ކޮޅެއްގައި ޖައްސާށެވެ.
"ދެން ކީއްވެ؟ އަހަރެން ޖަންނަތާ މެރީ ކުރީ މަންމަގެ ނުޤަބޫލުގަ. މިހާރުވެސް މަންމަ ބުނޭ ޖަންނަތަކީ ސުންޕާ އަންހެނެކޭ. އެކަމަކު އަހަރެން މަންމައާ ދިމާއަށް ބުނިން ޖަންނަތަކީ އަހަރެންގެ ނަސީބޭ. އައި ލަވް ޔޫ ވެރީ މަޗް! އަހަރެން ކިހިނެއް ޖަންނަތާ ނުލާ އުޅޭނީ؟" ޖަންނަތުގެ ދެއަތް ތިލަ ނަގާ ތުންފަތުގައި ޖައްސާލަމުން އަރުޝަމް ބުންޏެވެ. އޭނާ އިނީ ވަރަށް ހިތުގައި ޖެހިފައިކަން އަޑުން އެނގެއެވެ.
"އަހަންނަށް އެނގެޔޭ އަރުޝަމް އަހަރެން ދެކެ ލޯބިވާކަން. އަހަރެންވެސް އަރުޝަމްދެކެ ހަމަ އެހާ ލޯބިވޭ. އެކަމަކު އަރުޝަމް އަހަރެން ތި ގެންގުޅެނީ ކިހިނެއް؟ ދޫންޏެއްހެން ބަންދުކޮށްގެން. އެއީތަ ތިބުނާ އުފާވެރިކަމަކީ؟ އަހަރެން ކިހިނެއް އަބަދު މިހެން އުޅޭނީ؟ ގެއިން ބޭރަށް ނުގޮސް، މީހުންނާ ވާހަކަ ނުދައްކާ ކިހިނެއް އިންނާނީ؟ އަހަރެން މޮޔަވެދާނެ!" ވިސްނައިދޭފަދަ ރާގަކަށް ޖަންނަތު ބުންޏެވެ. އޭރު ޖަންނަތަށްވެސް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. އޭނާއަށް ކޮށްފައިވާ އަސަރު އަރުޝަމްއަށް އެނގޭނެނަމައޭ ޖަންނަތުގެ ހިތަށް އަރަމުންދިޔައެވެ.
"އެކަމަކު ފިރިހެނުންނާ ވާހަކަ ދައްކަން އަހަރެން ކިހިނެއް ހުއްދަދޭނީ؟ ދެން އެތިބީ މުޅިންވެސް އަހަރެން ދެކެ ރުޅި އަންނަ މީހުން. އަހަންނަށް ހާދަ ހީވެޔޭ ތިއީ އެމީހުން ޖަންނަތަށް ދޭ ނުބައި ވަސްވާސްހެން. އެމީހުން އެ ބޭނުންވަނީ އަހަރެމެން ދެމީހުންގެ ދޭތެރެޖައްސަން. އެވަރު ޖަންނަތަކަށް ނުވިސްނޭތަ؟" ޖަންނަތުގެ ވާހަކަތަކުން އަރުޝަމަށް ނެގުނީ މުޅިން އެހެން މާނައެކެވެ. އޭރު ކަރުނަޔާ އެކުވެގެން އަރުޝަމްގެ އަޑުގައި ރުޅިވެރިކަން އެކުލެވެން ފަށައިފިއެވެ.
"ނޫން. އަހަރެން މިހެން މި ބުނީ އެމީހުން އެއްވެސް މީހަކު ބުނެގެންނެއް ނޫން. މިއީ ހަމަ އަހަރެން ބޭނުންވާ ގޮތް. އަދި މީ އަހަރެން އެހެން މީހަކާ ހިތާވެގެން އަރުޝަމްއާ ދުރަށްދާން ބޭނުންވެގެން ބުނާ އެއްޗެއްވެސް ނޫން. މިހެން އުޅެން އަހަންނަށް ވަރަށް އުނދަގޫ. ކިޔެވުމަށްވެސް ފޯކަސްއެއް ނުކުރެވޭ. ފިލާވަޅުވެސް ދަހެއް ނުކުރެވޭ. ކްލާހުގަ ކިޔަވައިދޭ އެއްޗެއްވެސް ބޮލަކަށް ނުވަދޭ. އަހަންނަށް ހީވަނީ ނޭވާ ހާސްވެގެން ގޮސް މަރުވެދާނެހެން. އަބަދު ހުންނަންޖެހެނީ ބިރުވެރިކަމެއްގެ ތެރޭގަ. އަރުޝަމް ހިތްހަމަ ނުޖެހިދާނެތީ ފިޔަވަޅެއް އަޅަންވެސް ޖެހިލުންވޭ. ހީވަނީ ހުރިހާ ފަރާތަކުން ފިތޭހެން. އަހަރެން ވަރަށް ގިނަ ގޮތްގޮތަށް ވިސްނައިފިން. މިހާރު އަހަރެން ހަމަ ބޭނުންވަނީ ވަރިވާން." ވަރަށް ހިތްވަރުކޮށްފައި ޖަންނަތު އޮޅުންފިލުވައިދިނެވެ.
ޖަންނަތު އެހުރިހާ ވާހަކައެއް ދައްކަންދެން އަރުޝަމް އިނީ އިސްދަށަށްޖަހާލައިގެންނެވެ. އެހެން އިނދެ ދޭތެރެއަކުން ނޭފަތް އެތެރެއަށް ދަމާލައެވެ. އަދި އިރުއިރުކޮޅާ ލޮލުން ވެއްޓޭ ކަރުނަ ތިކި ފޮހެލައެވެ. އެމަންޒަރު ފެނުމުން ޖަންނަތު ވަރަށް ހިތުގައި ޖެހުނެވެ. ނަމަވެސް އެއީ އަރުޝަމް އަބަދުވެސް ކަންތައްކުރާ ގޮތެވެ. ކޮންމެ ފަހަރަކު ޖަންނަތަށް ކަންކަމަށް މަޖުބޫރުކުރުވާފައި ޖަންނަތު ވިސްނައިދިނުމުން ދެން އެހެން ނުހަދާނެކަމަށް ބުނެއެވެ. އެހެންނަމަވެސް އެކަން ހަނދާން ހުންނަނީ ކުޑަ ހިނދުކޮޅަކަށެވެ. ކައިވެނިކުރުމުގެ ކުރިންވެސް އެކަން ކިތަންމެ ފަހަރަކު ތަކުރާރުވިއެވެ. އެކަމަކު އަދިވެސް އިޞްލާޙެއް ނުކުރެއެވެ. މިފަހަރު ޖަންނަތު ބޭނުންވަނީ އެދިރިއުޅުމުން މިންޖުވާށެވެ. އެހެންކަމުން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ޖަންނަތު އިނީ އަރުޝަމް ވިސްނަން ވަގުތުދީގެންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަރުޝަމް މަޑުމަޑުން އެނދުން ފައިބައިގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.
"ކޮންތާކަށް ތި ދަނީ؟" އަރުޝަމް ދާން ފެށުމުން ޖަންނަތު ސުވާލުކޮށްލިއެވެ. ނަމަވެސް އަރުޝަމް ފަސް އެނބުރި ބަލާލުމެއް ނެތި ކޮޓަރިން ނުކުތެވެ. އަރުޝަމް ހުރީ ވަރަށް ދެރަވެފައިކަން ޖަންނަތަށް އެނގެއެވެ. އެހެންކަމުން އެނާ ކުރާ ކަމެއް ނުބަލާ ޖަންނަތަކަށް ނީނދެވުނެވެ. ޖަންނަތުވެސް އަވަހަށް އެނދުން ފައިބައިގެން އަރުޝަމް ފަހަތުން ދާން ފެށިއެވެ.
މަޑުމަޑުން ހިނގާފައި އަރުޝަމް ގޮސް ވަނީ ބަދިގެތެރެއަށެވެ. ޖަންނަތު ހީކުރީ އަރުޝަމް ބަނޑުހައިވެގެން އެއްޗެއް ކާލަން ބޭނުންވީ ކަމަށެވެ. ޖަންނަތުވެސް ގޮސް ބަދިގެ ތެރެއަށް ވަނެވެ. އެވަގުތު ފެނުނު މަންޒަރަކުން ޖަންނަތަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. އަދި ދެލޯބޮޑުވެ އަނގަމަތީގައި ދެއަތް އެޅުނެވެ.
(ނުނިމޭ)




