ޖަންނަތު

ޖަންނަތު (23)

(ބާވިސް ވަނަ އަދަދާއި ގުޅޭ)

"ކޮންތާކަށް ތި ދަނީ؟" އަރުޝަމް ދާން ފެށުމުން ޖަންނަތު ސުވާލުކޮށްލިއެވެ. ނަމަވެސް އަރުޝަމް ފަސް އެނބުރި ބަލާލުމެއް ނެތި ކޮޓަރިން ނުކުތެވެ. އަރުޝަމް ހުރީ ވަރަށް ދެރަވެފައިކަން ޖަންނަތަށް އެނގެއެވެ. އެހެންކަމުން އެނާ ކުރާ ކަމެއް ނުބަލާ ޖަންނަތަކަށް ނީނދެވުނެވެ. ޖަންނަތުވެސް އަވަހަށް އެނދުން ފައިބައިގެން އަރުޝަމް ފަހަތުން ދާން ފެށިއެވެ.

މަޑުމަޑުން ހިނގާފައި އަރުޝަމް ގޮސް ވަނީ ބަދިގެތެރެއަށެވެ. ޖަންނަތު ހީކުރީ އަރުޝަމް ބަނޑުހައިވެގެން އެއްޗެއް ކާލަން ބޭނުންވީ ކަމަށެވެ. ޖަންނަތުވެސް ގޮސް ބަދިގެ ތެރެއަށް ވަނެވެ. އެވަގުތު ފެނުނު މަންޒަރަކުން ޖަންނަތަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. އަދި ދެލޯބޮޑުވެ އަނގަމަތީގައި ދެއަތް އެޅުނެވެ.

އަރުޝަމް ހުރީ ކަނާއަތުން ވަޅިއެއް ނަގައިގެން ވާތު ކުޑަ ހުޅު ކައިރީގައި ޖައްސާލައިގެންނެވެ. އޭރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އިރުކޮޅަކު ބުދެއް ފަދައިން ގަނޑުވެފައި ބަލަން ހުރުމަށްފަހު ދުވެފައި އަރުޝަމް ކައިރިއަށް ޖަންނަތަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ.

"އަރުޝަމް! ތިވަޅި ބާއްވާ! ޕްލީޒް!" މުޅި މީހާ ތުރުތުރު އަޅަމުން ދިޔަ ނަމަވެސް ޖަންނަތު މަސައްކަތްކުރީ އަރުޝަމް އަތުން ވަޅި އަތުލެވޭތޯއެވެ. ޑޮކްޓަރުކަން ކިޔަވަމުން ދާތީ އޭނާއަށް ކަންކަން އެނގުނު ނަމަވެސް އަމިއްލަ މީހާއަށް އެފަދަ ކަމެއް ދިމާވުމުން ހަދާނެ ގޮތެއް ކުއްލިއަކަށް ސިކުނޑިއަށް ނަގައެއް ނުގަނެވުނެވެ.

"ޖަންނަތު ތިއުޅެނީ އަހަރެން ދޫކޮށްފަ ދާކަށްނު؟ ދެން ކީއްކުރަން އަހަރެން މިތާ ހުންނަންވީ؟" ލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް އަރުޝަމް ހުރީ ޖަންނަތާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭރު އެ ދެލޮލުން ފެންނަމުން ދިޔަ ވޭނީ އަސަރު ޖަންނަތުގެ ހިތާ ހަމައަށް ފޯރިއެވެ.

"ވަރަށް ބޮޑަށް ސޮރީ! ދެން ޑިވޯސްވާ ވާހަކައެއް ނުދައްކާނަން. އަހަރެން އަރުޝަމް ދޫކޮށްފައެއް ނުދާނަން! ޕްލީޒް! ވަޅި ދީ އަހަރެން އަތަށް!" ވަރަށް ވިސްނައިގެން ހުރެ އަރުޝަމް ވަޅި ހިފަހައްޓައިގެން ހުރި އަތުގައި މަޑުމަޑުން ހިފަހައްޓާލަމުން ޖަންނަތު ބުންޏެވެ.

"ޔަޤީންތަ އަހަރެން ދޫކޮށްފަ ނުދާނެކަން؟" ކުރެހިފައިވާ އަޑަކުން އަރުޝަމް އަހާލިއެވެ. އެވަގުތު އާނއެކޭ ބުނުމުގެ ގޮތުން ޖަންނަތު އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އަދި ވަރަށް ވިސްނައިގެން ހުރެ ވަޅީގައި ހިފަހައްޓާލިއެވެ. ނަސީބަކުން ގަދަ ހަދަން ނޫޅެ އެވަގުތު އަރުޝަމް ވަޅިން ދޫކޮށްލިއެވެ. އަދި ވަރަށް ބާރަށް ޖަންނަތު ގައިގައި ދެއަތުން ވަށާލުމަށްފަހު ބައްދާލިއެވެ. އެގޮތުގައި ބައްދާލައިގެން ދެމީހުންނަށް ރޯން ތިބެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ.

"ހިނގާ ކޮޓަރިއަށް ދާން. ނިދަންވެސް ޖެހޭނެއެއްނު." އެހެން ހުރެހުރެ ފައި ވާޅުވާން ފެށުމުން ޖަންނަތު އެންމެ ފަހުން ބުންޏެވެ. އަދި މަޑުމަޑުން ދުރުވެލުމަށްފަހު އަރުޝަމްގެ އަތުގައި ހިފާލިއެވެ. އެއަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ދެމީހުން އެކުއެކީގައެވެ.

ޖެހިގެން އައި ދުވަހު ޖަންނަތަށް ކޮލެޖަށް ދާކަށް ހެޔެއް ނުލެވުނެވެ. ޓެސްޓަށް ނުދެވުމުން ޖަންނަތު ވަރަށް ދެރަވިއެވެ. އެކަމާ އަރުޝަމްވެސް ވަރަށް ގިނަ ފަހަރު މަޢާފަށް އެދުނެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި އެފަދަ އެތައް ދުވަހެއް އަންނަން އޮތްކަމެއް ޖަންނަތަކަށް އޭރު ނޭނގެއެވެ.

ދުވަސްތައް ހަފްތާތަކަށް އަދި ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދިޔައީ ދުނިޔޭގެ މަތިވެރި ޤާނޫނުގެ ދަށުންނެވެ. އަރުޝަމް ހިތްހަމަ ނުޖެހޭތީ ޖަންނަތު އޭނާގެ ހުރިހާ ރަޙުމަތްތެރިންނާއި، މަންމަ އަދި ދައްތައާވެސް ގުޅުން ކަނޑާލިއެވެ. ޒަހާއާ ޖީނާ ވާހަކަ ދައްކަން މަސައްކަތްކުރުމުން އަރުޝަމް ހިތްހަމަ ނުޖެހޭކަން ޖަންނަތު ފާޅުގައި ބުންޏެވެ. އެކަމާ އެދެއެކުވެރިން ވަރަށް ދެރަވެ ޖަންނަތަށް ރަނގަޅު ގޮތް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ޖަންނަތު އެ އަޑެއް ނޭހިއެވެ. ދިރިއުޅުމުގައި އޭނާއަށް އާދެވިފައި ހުރި ހިސާބު އެއްވެސް މީހަކަށް އިޙުސާސްވާނެކަމަކަށް ޖަންނަތަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންކަމުން އަރުޝަމްގެ އެދުމުގެމަތިން ނަންބަރު ބަދަލުކުރުމަށްފަހު އެއްވެސް މީހަކަށް ނަންބަރުވެސް ނުދެއެވެ. އެއިން މީހަކު ގެއަށް އައިސްދާނެތީ އަރުޝަމް އެހެން އެޕާރޓްމެންޓެއް ގަނެ އެތަނަށް ދިރިއުޅުން ބަދަލުކުރިއެވެ. އުޅެންޖެހޭ ގޮތުން ކިތަންމެ ފަހަރަކު ޖަންނަތު އެތަނުން ފިލައިގެން ދާންވެސް ހިތަށް އަރައެވެ. ނަމަވެސް އަރުޝަމް އަމިއްލައަށް ގޯސް ފިޔަވަޅެއް އަޅާފާނެތީ ކޮންމެ ފަހަރަކުވެސް އެޚިޔާލު ދޫކޮށްލަން އޭނާއަށް މަޖުބޫރުވެއެވެ. އަރުޝަމް ޖަންނަތަށް ވިސްނައިދީފައި އޮންނަ ގޮތުގައި ޖަންނަތު ކުރާ ކަމެއްގެ ސަބަބުން އަރުޝަމް އަމިއްލަ ފުރާނަ ދުއްވާލައިފިނަމަ ހުރިހާ ފާފައެއް ލިބޭނީ ޖަންނަތަށެވެ. އެހެންކަމުން ޖަންނަތަށް އެއްވެސް ކަމެއް ކުރާކަށް ނުކެރެއެވެ. ވާހަކަތައް ހިއްސާކޮށްލާނެ މީހަކު ނުހުންނާތީ ޖަންނަތު ހުންނަން ޖެހެނީ ހުރިހާ އިޙުސާސްތަކެއް އެތެރޭގައި ހިފަހައްޓާލައިގެންނެވެ.

ގައިދީއެއްފަދައިން އުޅެން ޖެހުމުން ޖަންނަތަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރަންފެށިއެވެ. އެކަމުގެ ސަބަބުން ކޮލެޖަށް ދެވޭ ދުވަސްދުވަހަށްވުރެ ނުދެވޭ ދުވަސްތައް ގިނަވެ ކިޔެވުންވެސް އޭނާއަށްވާންފެށީ ބޮޑު ވޭނަކަށެވެ. އަބަދުވެސް ނުފިލާ ހުންނަ ތަދެއް ބޮލުގައި ހުންނަކަމުގެ އިޙުސާސް އޭނާއަށް ކުރެވެންފެށިއެވެ. ބައެއް ދުވަސްދުވަހު އެނދުން ތެދުވާހިތް ނުވާތީ ކޮޓަރި ތެރެއަށް އެއްވެސް އަލިކަމެއް ނުވަންނަ ގޮތަށް ހުރިހާ ދޮރެއް ބަންދުކޮށްގެން އޮންނަނީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ބައެއް ދުވަހު ވަރަށް ގަދައަށް ނިދެއެވެ. އެދުވަހެއްގައި ހަމަ ތަނަކު އޮށޯވެލާއިރަށް އޭނާއަށް އޮންނަނީ ނިދިފައެވެ. އަނެއްބައި ދުވަސްދުވަހު ނިދުންވެސް އޭނާއަށް ވެފައި އޮންނަނީ ބޮޑު ވޭނަކަށެވެ. ކެވެނީ ވަރަށް މަދުންނެވެ. އޭގެ ސަބަބުން މުޅި މީހާ އެކަށް އަނަރޫފަވެ ލޯކައިރިއާއި ކޯވެސް ވަޅުވަންނަންފެށީ ފެންނަ މީހަކަށް ފާހަގަވާ ވަރަށެވެ. އެވަރުންވެސް އަރުޝަމް އޭނާގެ މަންމަ ގެއަށް ގޮސްފައި އަންނަ ދުވަހެއްނަމަ ޖަންނަތާ ދިމާއަށް އެއްޗެއް ކިޔާނުލާ މައިތިރިނުވެއެވެ. އެކަން ފާހަގަވާން ފެށުމުން ޖަންނަތު އަރުޝަމްއާއެކު ވިދާދާ ކައިރިއަށް ދިއުމާއި ވިދާދާއާ ވާހަކަދެއްކުންވެސް އެއްކޮށް ހުއްޓާލިއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާއަށް އަންނަމުންދިޔަ ބަދަލުތަކުގެ ސަބަބުން ތެދުވެ އުޅެން އުނދަގޫވާން ފެށުމުން އަހަރެއްހާ ދުވަހު ކެތްކުރުމަށްފަހު އެންމެ ފަހުން ކިޔެވުންވެސް ދޫކޮށްލީ ދެން އޭނާއަށް ނުވާނެކަން ޔަޤީންވުމުންނެވެ.

ޖަންނަތަށް އަންނަ ބަދަލުތަކުން އަރުޝަމް ކަންބޮޑުވާންފެށީ އެއްދުވަހަކު ޖަންނަތު ބަދިގޭގައި ހުއްޓާ ކުއްލިއަކަށް އެނބުރުން އަރައިގެން ވެއްޓުމުންނެވެ. އެދުވަހު ޖަންނަތު ހޭއެރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިފަހުންނެވެ. ޖަންނަތު ބެލުމަށްފަހު ޑޮކްޓަރު އަރުޝަމްއާ ވަރަށް ގިނަ ސުވާލުކުރިއެވެ. އަދި ގިނަ ޓެސްޓްތަކެއް ހެދުމަށްފަހު އޮބްޒަވޭޝަންގައި ބޭއްވިއެވެ. ވަކިން ޖަންނަތާވެސް އެތައް ސުވާލުތަކެއް ކުރިއެވެ. ޑޮކްޓަރަށް ފާހަގަކުރެވުނު ކަންތައްތަކަށް ބެލުމަށްފަހު ނަފްސާނީ ޑޮކްޓަރަކަށް ޖަންނަތު ދެއްކުމަށް އިރުޝާދު ދެއްވިއެވެ.

ނަފްސާނީ ޑޮކްޓަރު ބެއްލެވުމަށްފަހު ޖަންނަތު ޑިޕްރެޝަންގެ ޝިކާރައަކަށްވެފައި ވާކަން ހާމަކުރީ އަރުޝަމްވެސް ކައިރީގައި އިންދައެވެ. އެކަމުގެ ޙަޤީޤީ ސަބަބެއް ޖަންނަތު ޑޮކްޓަރާ ހިއްސާއެއް ނުކުރެއެވެ. އޭނާ އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތެއް ނުވެއެވެ. ޑޮކްޓަރު އެތައް ވާހަކައެއް ދެއްކުމުންވެސް އޭނާ އެއްޗެއް ބުނަނީ ކޮންމެހެން ނުބުނެ ނުވުމުންނެވެ. ޑިޕްރެޝަންއަށް ބޭސް ދިނުމަށްފަހު ޑޮކްޓަރު އިރުޝާދު ދެއްވީ ކައުންސެލިންގ ސެޝަންތަކެއްވެސް ނެގުމަށެވެ. އަދި ޖަންނަތު ހިތްހަމަ ޖައްސައިދީގެން ގެންގުޅުމަށް ޑޮކްޓަރު އަރުޝަމް ކައިރީގައި ތަކުރާރުކޮށް އެދުނެވެ.

ޑޮކްޓަރު ދެއްކި ވާހަކަތަކާމެދު އަރުޝަމް ވަރަށް ވިސްނިއެވެ. ނަމަވެސް ވިސްނާ ވިސްނާވެސް ޖަންނަތު ޑިޕްރެޝަންއަށް ދާންވީ އެއްވެސް ސަބަބެއް އަރުޝަމްއަކަށް ނޭނގުނެވެ. ޑޮކްޓަރު ބުނިފަދައިން މާޙައުލު ކުޑަކޮށް ބަދަލުކޮށްލަން އަރުޝަމް ނިންމީ ޖަންނަތު ކައިރީގައިވެސް އެހުމަށްފަހުގައެވެ. ކުޑަ ދުވަސްކޮޅަކަށް އަރުޝަމްގެ ރައްޓެއްސެއްގެ ރަށަކަށް ދާން ހަމަޖެއްސީ ޖަންނަތަށް ހަމަޖެހުމެއް ހޯދައިދިނުމުގެ މަޤުސަދުގައެވެ. ދެމީހުން ދަތުރަށް ތައްޔާރުވާންފެށީ އެ ދަތުރަކީ އެދެމީހުންގެ ޙަޔާތަށް ކިހާ ބޮޑު ތޫފާނެއް އަންނަން އޮތް ދަތުރެއްކަން ރޭކާވެސްނުލާ ތިބި ޙާލުގައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ