ނިއުޒިލެންޑުން ފުރަތަމަ ފަހަރަށް ފައިޒާ ވެކްސިން ޖެހި މީހަކު މަރުވެއްޖެ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ފައިޒާ ވެކްސިން ޖެހި މީހަލި ފުރަތަމަ ފަހަރަށް ނިއުޒިލެންޑުން މަރުވިކަމަށް ރިޕޯޓުކޮށްފިއެވެ.

މި މައުލޫމާތު ހިއްސާކޮށްފައިވަނީ ނިއު ޒިލެންޑުގެ ހެލްތް މިނިސްޓްރީންނެވެ. އެގޮތުން ކޮވިޑް ވެކްސިންގެ ރައްކާތެރިކަން މޮނީޓަރ ކުރާ އެ މިނިސްޓްރީގެ މިނިވަން ބޯޑަކުން ބުނެފައިވަނީ، ފައިޒާ ވެކްސިން ޖެހުމުގެ ސަބަބުން އަންހެނަކު މަރުވެފައިވާކަމަށެވެ. ނަމަވެސް އެ އަންހެން މީހާގެ އުމުރެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓްރީން ހާމަކުރިގޮތުގައި އެ އަންހެންމީހާ މަރުވެފައިވަނީ ފައިޒާ ވެކްސިން ޖެހުމުން ކުރިމަތިވާ ވަރަށް މަދުން ނޫނީ ނުފެންނަ ސައިޑް އެފެކްޓެއްގެ ސަބަބުންނެވެ. މި ސައިޑްއެފެކްޓަށް ކިޔާ ނަމަކީ "މައިކާޑައިޓިސް" އެވެ.

"މައިކާޑައިޓިސް" އަކީ ހިތުގެ މަސްގަނޑެއް ކަމުގައިވާ "މައިކާޑިއަމް" ދުޅަވުމުގެ ސަބަބުން ހިތުގައި ލޭ ދައުރުވުގެ ގާބިލިއްޔަތު ދަށްކޮށްލާ، ހާޓްބީޓް ރިތިމްސް އަށް ބަދަލު ގެންނަ ހާލަތެކެވެ.

މިއީ ކޮވިޑް-19 އަށް ދިފާއުވުމަށް ޖަހާ ވެކްސިން، ފައިޒާ ވެކްސިން ޖެހުމުގެ ސަބަބުން ނިއުޒިލެންޑުން މަރުވި ފުރަތަމަ މީހާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް އެ އަންހެން މީހާ މަރުވީ ހަމައެކަނި ވެކްސިންގެ ސަބަބުން ނޫންކަމަށާއި ދިމާވި އެހެން ސިއްހީ މައްސަލަތަކުގެ ސަބަބުންވެސް އޭނާ މަރުވީ ކަމަށް މިނިސްޓްރީގެ ބޯޑުން ވަނީ ލަފާކޮށްފައެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީ އިން ފާހަގަކޮށްފައިވާ ގޮތުގައި، "މައިކާޑައިޓިސް" އަކީ ފައިޒާ އާއި މޮޑާނާ ކުންފުނިން އުފައްދާފައިވާ ކޮވިޑް ވެކްސިން ޖެހުމުގެ ސަބަބުން ވަރަށް މަދުން ނޫނީ ނުފެންނަ ސައިޑްއިފެކްޓެކެވެ. އަދި މި ސައިޑް އިފެކްޓް ބޮޑަށް ފެންނަނީ މި ވެކްސިން ޖަހާ ޒުވާން އުމުރުފުރައިގެ ކުދިންގެ ކިބައިން ކަމަށް އެ އޭޖެންސީ އިން ވަނީ ފާހަގަކޮށްފައެވެ.

"މައިކާޑައިޓިސް" ގެ ސިމްޕްޓަމްސް ތެރޭގައި  މޭގައި ރިއްސުމާއި، ނޭވާ ކުރުވުން އަދި ހިތުގެ ވިންދު އާދަޔާ ހިލާފަށް އަވަސްވުމާއި އަދި ލަސްވުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ