މިވަގުތު މިލަދުންމަޑުލު އަދި މާޅޮސްމަޑުލުގެ ބައެއް ރަށްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ށ. ފޯކައިދޫއަށް ރައީސްގެ ދެކަނބަލުން ވަޑައިގަންނަވާފައެވެ. އަދި އެރަށުން އެމަނިކުފާނަށް ކިޔައިފައިވަނީ ވަރަށް ހޫނު މަރުހަބާއެކެވެ.
އެގޮތުން ފޯކައިދޫއިން ރައީސްގެ ދެކަނބަލުންނަށް ދިގު ރަތް ދޫލައެއްގައި މަރުހަބާކީއިރު، ބަނދަރު މަތީގައި ރަށުގެ ކުދި ބޮޑު މީހުންގެ ބޮޑު ސަފެއް އެތުރިފައި ހުއްޓެވެ. މިއީ ރައީސް ސޯލިހް އަތޮޅުތަކަށް ދަތުރުކުރައްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން އެންމެ ހޫނު މަރުހަބާ ކީ އެއް ރަށްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ދިގު ސަފުގެ މެދުތެރެއިން ހަތް އަންހެނަކު "އިބޫ 2023" ޖަހާފައިވާ ބޯޑުތަކެއް ހިފައިގެން ތިބި މަންޒަރަކީވެސް ފޯކައިދޫއިން ރައީސަށް ކީ މަރުހަބާގެ ތެރެއިން ފާހަގަކޮށްލެވުނު ކަމެކެވެ.
— The President's Office (@presidencymv) September 7, 2021
އާބާދީގައި 1،700 މީހުން ދިރިއުޅޭ ށ. ފޯކައިދޫއަކީ މި ސަރުކާރު އައިފަހުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންދާ ރަށެކެވެ. އެގޮތުން ފޯކައިދޫގެ އިންޖީނުގެ ރީލޮކޭޓް ކުރުމާއި 600 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓް ބެހެއްޓުމާއި ސޯލާ ޕީވީ ސިސްޓަމްތައް ގާއިމު ކުރުމާއި ގްރިޑް އަޕްގްރޭޑް ކުރުމަކީ އެ ރަށުގައި މިހާރު ނިމިފައިވާ މަޝްރޫއުތަކެވެ.
މީގެ އިތުރުން އެ ރަށުގައި 6 މަޝްރޫއެއް މިވަގުތުވެސް އެބަކުރިއަށް ދެއެވެ. އެއީ:
- ފެނުގެ ނިޒާމު ގާއިމު ކުރުން.
- ސްކޫލް 12 ކްލާސްރޫމްގެ ތިން ބަރި އިމާރާތް އަދި މަލްޓި ޕާޕަސް ހޯލް.
- އައުޓްޑޯ ޖިމް ގާއިމު ކުރުން.
- ބަނދަރު އަޕްގްރޭޑް ކުރުން.
- ނަރުދަމާގެ ނިޒާމު ގާއިމު ކުރުން.
- ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުން. މިއެވެ.
ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މީގެ ކުރިން ފޯކައިދޫ ސްކޫލްގައި ކިޔަވައިދެމުން އައީ 3 ދަންފަޅިއަށެވެ. ނަމަވެސް މި ސަރުކާރުން އެ ރަށުގައި ފަށައިފައިވާ ސްކޫލް 12 ކްލާސްރޫމްގެ ތިން ބަރި އިމާރާތް އަދި މަލްޓި ޕާޕަސް ހޯލް އަންނަ އަހަރުގެ ދިރާސީ އަހަރު އެއްދަންފަޅިއަށް ކިޔަވައިދޭން ފެށޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
President @ibusolih holds discussions with the fishing and farming communities in Foakaidhoo Island, regarding their needs and concerns in further developing fisheries and agriculture in the Maldives. pic.twitter.com/jor3wAchc1
— The President's Office (@presidencymv) September 8, 2021
ރައީސް ސޯލިހް ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި، ފޯކައިދޫ ކައުންސިލަރުން ވިދާޅުވީ ފޯކައިދޫއަކީ ކުރިން ވަރަށްބޮޑަށް އަޅާނުލައި ދޫކޮށްލެވިފައި އޮތް ރަށެއްނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ބާރު ސްޕީޑްގައި ކުރިޔަށްދާކަމަށެވެ.
އެ ގޮތުން މިހާރު ކުރިޔަށްދާ ބަނދަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓާއި ފެނާއި ނަރުދަމާ ޤާއިމުކުރުމާއި އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ފާހަގަކުރައްވައި ކައުންސިލުން ވަނީ އެކަންކަން ބާރު ސްޕީޑްގައި ކުރިޔަށްދާތީ ކައުންސިލާއި ރައްޔިތުން ޝުކުވެރިވެރިކަމާއެކު އެކަންކަން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. ށ.ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވި މި ބައްދަލުވުން ކުރިޔަށްދިޔައީ ފޯކައިދޫ ސްކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ ކައުންސިލުން ވަނީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުން ގޯތިދޫކުރެވޭނެ ގޮތެއް ހަމަޖެއްސުމާއި ބެހޭގޮތުންނާއި ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ކޮމެޓީގެ މަސައްކަތްތައް ހިންގުމަށް ޚާއްޞަ ތަނެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޯކައިދޫއަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ގިނަ އަސާސީ ޚިދުމަތްތަކެއް ނުފެށި އޮތް ރަށެއްކަން ފާހަގަކުރައްވާފައެވެ. ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިޔަށްގެންދަވާގޮތަށް ހަމަޖައްސަވާނެކަމަށާއި އަދި ފުޓްބޯޅަ ދަނޑާއި އަދި އެ ނޫންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
First Lady Fazna Ahmed interacts with students and teachers at Foakaidhoo School. pic.twitter.com/Bm4N98OK3W
— The President's Office (@presidencymv) September 8, 2021
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ފޯކައިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ދެ ދަންފަޅީގެ ދަރިވަރުންނާ ޓީޗަރުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ށ. ފޯކައިދޫއަށް ވަޑައިގަތީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލުގެ ގޮތުގައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.




