މަނީ ލޯންޑްރިންގެ މައްސަލައެއްގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ސްޕްރީމް ކޯޓުގައި މިއަދު ފެށުމާއެކު، އިދިކޮޅު ކޯލިޝަން ޕާޓީ ޕީޕީއެމް/ޕީއެންސީ އިން މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކުރި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ފަށައިފައެވެ.
އިދިކޮޅުން މިއަދު މުޒާހަރާ ކުރަން ފަށައިފައިވަނީ ޔާމީންގެ ޝަރީއަތް ކުރިއަށް ދާތީއެވެ. މި މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ދަނީ ބައިވެރިވަމުންނެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިދިޔަ ހުކުރު ދުވަހުވެސް އިދިކޮޅުން ވަނީ މަގުމައްޗަށް ނިކުމު އިހުތިޖާޖުކޮށްފައެވެ. މި އިހުތުޖާޖުގައި މިވަގުތު ގޭބަންދުގައި ހުންނެވި ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް ބައިވެރި ވަޑައިގެންނެމުން، ރައީސް ޔާމިން ވަނީ ގެކޮޅުގެ ކުޑަ ދޮރުން ބޭރު ބަލަން ހުންނަވާ މުޒާހަރާގެ ސަޕޯޓަރުންނަށް އިޝާރާތް ކުރައްވާ މުޒާހަރާގައި ބައިވެރިވެފައެވެ. މި މައްސަލައިގައި ކޮމިޝަނާ ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ރައީސް ޔާމީން ގޭބަންދުގެ އުސޫލުތަކާ ހިލާފުވެފައިވާކަމަށާއި އަދި އުސޫލާ ހިލާފުވެވަޑައިގެންފައިވާތީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީނާ މެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ.
ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރ 28 ވަނަ ދުވަހު އެވެ.




