ސްރީލަންކާގައި ކޮވިޑް-19 އަށް ދިފާއުވުމަށް ވެކްސިން ޖެހޭ އާބާދީގެ 50 އިންސައްތަ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ވެކްސިން ޕްރޮގްރާމްގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
މި މަހުގެ ނިޔަލަށް އާބާދީގެ 10 އިންސައްތަ އަދި މި އަހަރު ނިމެންވާއިރަށް އާބާދީގެ 40 އިންސައްތަ ވެކްސިން ފުރިހަމަކުރުމަށް އަމާޒުހިފުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކަކަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ގޮވާލައިފައެވެ. އަދި ވެކްސިން އުފައްދާލެ މަޑުޖައްސާލުމާއެކު، ވެކްސިން ސަޕްލައި ލިބުމަށް ހުރި ދަތިތަކާއެކު، ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރީޕް އޮފް އެކްސްޕާޓްސް އޮން އިމިއުނިޒޭޝަން (ސޭޖް) އިން ވަނީ ސިއްހީ ހިދުމަތުގައި އުލޭ މީހުންނަށާއި، އަދި 60 އަހަރުން ދަށުގެ މުސްކުޅި މީހުންނަށް ވެކްސިން ދިނުމުގައި އިސްކަން ދިނުމަށް ކޮވާލައިފައެވެ.
އެއާއެކު މަދުން އާމްދަނީ ލިބޭ ހުރިހާ ގައުމަކަށް ވެސް ހަމަހަމަކަމާ އެކު ވެކްސިން ޑަބްލިއުއެޗްއޯ އާއި ޔުނިސެފުގެ އިސްނެގުމާ އެކު އުފައްދާފައިވާ ކޮވެކްސް ސްކީމުގެ ދަށުން ސްރީލަންކާއަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ، ވެކްސިންގެ ބޮޑު ޝިޕްމަންޓެއް ދީފައެވެ.
ސްރީލަންކާގެ ޕްރައިމް މިނިސްޓަރ ރާޖަޕަކްސާ ވިދާޅުވީ، ލަންކާއިން ކޮވިޑް-19 އަށް ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯ ގެ ޓާގެޓަށްވުރެ އިތުރަށް ވެކްސިން ޖެހުމުގައިވެސް ކުރި އެރުން ލިބި، މިއަހަރު ނިމެންވާއިރު ލަންކާގެ ވެކްސިންޖެހޭ އާބާދީގެ 60% އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެ ޑޯޒު ދެވޭނެކަމަށް ގަބޫލުކުރާ ކަމަށެވެ. މިހާރު ވެކްސިން ފުރިހަމަކޮށްފައިވަނީ 21.8 މިލިއަން މީހުން އުޅޭ ލަންކާ އާބާދީގެ 10 މިލިއަނެއްހާ މީހުންނެވެ.
ސްރީލަންކާގައި ކޮވިޑްއިން ދިފާއުވުމަށް 6 ވެކްސިނެއް އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ޖަޕާންގެ އެސްޓްރެޒެންކާ ވެކްސިން، ކޮވިޝީލްޑް ، މޮޑާނާ، ފައިޒާ، ސިނޮފާމް އަދި ސްޕަޓްނިކް ވެކްސިނެވެ. މި ވެކްސިންތަކުގެ ތެރެއިން ސްޕަޓްނިކް ފިޔަވާ އެހެން ހުރިހާ ވެކްސިންނަކީ އެމެޖެންސީ ހާލަތުގެ ބޭނުންކުރުމަށް ޑަބްލިއުއެޗްއޯ އިން ލަންކާއަށް ހުއްދަ ދީފައިވާ ވެކްސިންތަކެވެ.
މިހާތަނަށް ލަންކާއަށް 27 މިލިއަން ވެކްސިން ޑޯޒު ލިބިފައިވާއިރު، 12.2 އިންސައްތަ އަކީ ކޮވެކްސް ސްކީމްގެ ދަށުން ލިބުނު ވެކްސިން ޑޯޒުތަކެވެ.