އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރުކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސާޝިޕް އުރީދޫން ނެގުމާއެކު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ ނަމުގައެވެ.
މިއަހަރު ރާއްޖޭގައި ބާއްވާ 13 ވަނަ ސާފްޗެމްޕިއަންޝިޕް މުބާރާތުގެ ރާއްޖޭގެ ޕްރޮމޯޝަނަލް ކެމްޕެއިން "މަގޭ މަހަލްދީބް" ވެސް މިހާރު ވަނީ ލޯންޗުކޮށްފައެވެ. އަދި "ރެޑް ސްނެޕާ" އާ ގުޅުވައިގެން ރަތް މަހެއް ރަމްޒުކޮށްދޭ "ސްނެޕާ" ވެސް ވަނީ އިފްތިތާހްކޮށްފައެވެ. އޭގެ އިތުރުން "އަހަރަމެންގެ ފަހަރު" ގެ ނަމުގައި 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރުމަށް ކުރި ދަތުރުގެ ވާހަކަތައް ހިމެނޭ ފޮތެއް ވެސް ވަނީ ލޯންޗް ކޮށްފައެވެ.
މި މުބާރާތުގެ ކޯ ސްޕޮންސާ އަކީ އެސްޓީއޯ އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެެވެ. މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލް އެވެ. އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1 - 15 އަށެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. އަދި ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭނެއެވެ.
ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެއިން މިހާތަނަށް ވަނީ 2 ފަހަރަކު ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނަކީވެސް ރާއްޖެއެވެ.
މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. އެހެންނަމަވެސް، އެހެން ގައުމަކާއި ބައިވެރިނުވެ ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ސްރީ ލަންކާއާ ގުޅިގެންނެވެ.




