ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

"ރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ޤައުމަކަށް ވަކި ނޯވެވޭނެ"

ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރޭ ތަޤުރީރުކުރައްވަމުން މޫސުމާއި  މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައަށް އަލިއަޅުވާލައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިމާވެއްޓަށް ލިބޭ ގެއްލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން މުޅި އިންސާނިއްޔަތަށްވެސް ބޮޑުކަން ފާހަގަކުރައްވައި، އައި.ޕީ.ސީ.ސީ އިން ދާދިފަހުން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް، 1901 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާ ދެމެދު 3 ގުނަވެފައިވާކަމާއި، ދުނިޔޭގެ ފިނިހޫނުމިންވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކުދި ޖަޒީރާތައް ނެތިދަނީ މިއަދު އައި ތިމާވެށީގެ ސަބަބުން ކަމުގައިވާނަމަ، ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެ ކަމަށެވެ.

"ދިވެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ. މި ޙަޤީޤަތްތައް ކިޔައިދީފައިވާ މާ ސާފު ސާދާ މަޢުޞޫމް ކަރުދާސްތަކެއް އަޅުގަނޑުގެ އަތުގައި އެބަހުރި."ދިވެހި ދަރިވަރުންތަކެއް އެމަނިކުފާނަށް ފޮނުވާފައިވާ ބައެއް ސިޓީ، އ.ދ. ގެ ޢާންމު މަޖިލީހާ ޙިއްޞާކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެ ކުދިންގެ މި ވާހަކަތަކަކީ އަންނަން އޮތް ޖީލުތަކުގެ އަޑުކަމަށާއި، އެހެންކަމުން މިހާރުގެ ޖީލުތަކުން އެ އަޑުތައް އަހަންޖެހޭކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފުރަތަމަ ނެތިދާނީ ރާއްޖެފަދަ ކުދި ޖަޒީރާޤައުމުތައް ކަމުގައިވިޔަސް މާދަމާ ބޮޑަތި ޤައުމުތަކުން ހަމަ އެސަބަބުތަކާ ކުރިމަތިލާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅު އެޅުމަށް އަދިވެސް ފުރުޞަތު އޮތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަންޖެހޭކަމުގައެވެ. އެ ގޮތުން، ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ފަންނީ ޤާބިލުކަމާއި، އެކަށޭނަ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަމުން ދިފާޢުވުމުގެ ޤާބިލުކަމާއި މާލީ ތަނަވަސްކަން ނެތް ޤައުމުތަކަށް، އެޤާބިލުކަން ހުރި ޤައުމުތަކުން ކުރާ ހޭދައާއި ދޭ އެހީ އިތުރުކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން، އިޢާދަކުރަނިވި ހަކަތައަށް ހިޖުރަ ކުރުމަށް ކުރާ މަސައްކަތަކީ ކޮންމެ ދުވަހަކު ކުރާކަމަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަދަދާ އެކު، 2030 އަށް ނެޓް ޒީރޯ އަށް ވާޞިލުވުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ