މޫސުން ވިއްސާރަ

މިއަދުގެ މޫސުން ވަރަށް ގޯސް!

ރާއްޖޭގެ މޫސުން މިއަދު ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ.  ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:30 އާއި ހަމައަށެވެ.

ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނާ ގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައްވެސް ގަަދަ ވާނެކަމަށް ލަފާކުރެވެއެވެ.

މެޓް އޮފީހުން ރޭ ބުނީ، އުތުރާއި މެދުއަތޮޅުތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލަށް ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދެކުނު އަތޮޅުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ