ފަރިތަކުރުން ނިއްމާލުމަށްފަހު ގައުމީ ޓީމު ރާއްޖެ އައިސްފި

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕްކުރި ގައުމީ ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތައް ނިއްމާލުމަށްފަހު ރާއްޖެ އައިސްފިއެވެ.

ގައުމީ ޓީމު މާލެ އައިސްފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މާލެ އައުމަށްފަހު ގައުމީ ޓީމު ކޭމްޕްކޮށްފައި ވަނީ ހޮޓެލް ޖެންގައެވެ.

ގައުމީ ޓީމުގެ އިތުރުން  ބަންގްލަދޭޝް ގައުމީ ޓީމުވެސް ކޭމްޕު ކުރާނީ ޖެންގައެވެ.

މީގެ އިތުރުން  ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ކަނޑައަޅައިފައިވާ ގޮތަށް އިންޑިއާ ގައުމީ ޓީމު ކޭމްޕްކުރާނީ ބަނޑޮސްގައެވެ. އަދި ނޭޕާލް ޓީމު ކޭމްޕުކުރާނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކޭމްޕްކުރާއިރު، ސްރީ ލަންކާ ގައުމީ ޓީމުގެ ކުޅުންތެރިން ތިބުމަށް ހަމަޖެހިފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްގައެވެ.

ރާއްޖެ ޓީމުން ގަތަރުގައި ކޭމްޕު ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމު ގަތަރުގައި ދެ މެޗު ކުޅުނެވެ.

ފުރަތަމަ މެޗުގައި ގަތަރުގެ ދެވަނަ ޑިވިޝަންގެ ލުސައިލް ސްޕޯޓްސް ކްލަބާއި ވާދަކޮށް ރާއްޖެ ޓީމު ކުރިހޯދީ 3-4 ގެ ނަތީޖާ އަކުންނެވެ. އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު ގަތަރު އާމީ ޓީމާއި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ގައުމީ ޓީމުގައި ހިމެނޭ 24 ކުޅުންތެރިންގެ ސްކޮޑް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރޭ ވަނީ އިއުލާންކޮށްފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1 - 15 އަށެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. އަދި ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭނެއެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެއިން މިހާތަނަށް ވަނީ 2 ފަހަރަކު ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނަކީވެސް ރާއްޖެއެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. އެހެންނަމަވެސް، އެހެން ގައުމަކާއި ބައިވެރިނުވެ ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ސްރީ ލަންކާއާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ