އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖައްސަވައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ބައިޑަން ވަނީ ވައިޓް ހައުސްގައި ހުންނަވާ ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒް ޖައްސަވައިފައެވެ. ބައިޑަން ވެކްސިންގެ ތިންވަނަ ޑޯޒު ޖައްސަވައިފައި މިވަނީ، އެމެރިކާގެ ރައްޔިތުންގެ މެދުގައި ކޮވިޑްގެ ވެކްސިންގެ ތިންވަނަ ޑޯޒު ޖެހުމާމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ވެކްސިން ޖެއްސެވުމަށްފަހު ބައިޑަން ވިދާޅުވީ، ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމަކީ މުހައްމުކަމެއް ކަމަށާއި، މިވަގުތު އެންމެ މުހިއްމީ އެމެރިކާގެ ހުރިހާ ރައްޔިތުންވެސް ވެކްސިްނ ފުރިހަމަކުރުން ކަމަށެވެ.
އެފްޑީއޭ އާއި ސީޑީސީ އިން ވަނީ އެމެރިކާގައި ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހޭނެ ކެޓެގަރީތައް ކަނޑައަޅައިފައެވެ.
އެގޮތުން އެފްޑީއޭ އިން ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒު ޖެހުމަށް ހުއްދަ ދީފައިވަނީ އެމެރިކާގައި އުމުރުން 65 އަހަރުން މަތީގެ އެންމެންނަށާއި އަދި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ކޮވިޑް ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުންނަށެވެ. އަދި ފައިޒާގެ ތިންވަނަ ޑޯޒު ޖެހޭނީ ދެވަނަ ޑޯޒު ޖެހިތާ ހަ މަސްފަހުންނެވެ.




