ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ސާފް ޗެމްޕިއަންޝިޕް މެޗުތަކުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެއެވެ.

އޮލިމްޕަސް ކުރިމަތީގައި ބަހައްޓާފައިވާ ޓިކެޓް ކައުންޓަރުން މާދަމާ ޓިކްޓް ވިއްކަން ފަށާނީ  ހެނދުނު 10:00 އިން ފެށިގެންނެވެ. މި މެޗުތަކުގެ ޓިކެޓް ވިއްކާނީ ހަމަ އެކަނި ދިވެހިންނަކަށް ނޫނެވެ.  އިދިކޮޅު ޓީމުތަކަށް ވެސް ވަކި އަދަދަކަށް ޓިކެޓުތައް ދޫކުރަން އެފްއޭއެމުން ވަނީ ނިންމާފައެވެ.

މާދަމާ ޓިކެޓް ވިއްކަން ފަށާނީ ހުކުރު ދުވަހު ކުޅޭ ދެ މެޗަށް އެކަންޏެވެ. އެއީ ކުރު ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ސްރީލަންކާގެ މެޗާއި، އެ އެރޭ އޮންނަ ރާއްޖެ އާއި ނޭޕާލު ބައްދަލުކުރާ މެޗަށެވެ.

އެފްއޭއެމްއިން ބުނީ، ކޮންމެ މެޗަކަށް ވެސް ޓިކެޓް ވިއްކާނީ އެ މެޗެއް އޮންނަ ދުވަހެއްގެ ދެ ދުވަސް ކުރިން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ބުދަ ދުވަހު ވިއްކަން ފަށަނީ އޮކްޓޯބަރު 1 ގައި އޮންނަ ދެ މެޗަށެވެ. އަދި ޓިކެޓް ވިއްކާނީ ދެ ޑޯޒު ޖެހިކަން ހާމަވާ ވެކްސިން ކާޑާއި އައިޑީ ކާޑު ހުށައަޅުމުންނެވެ.

މިގޮތަށް އުސޫލު ހަދައިފައި މިވަނީ ކޮވިޑްގެ ހާލަތާއި އެކު މިފަހަރުގެ މުބާރާތަށް ދަނޑަށް ވަދެވޭނީ ކޮވިޑްގެ ވެކްސިން ދެ ޑޯޒް ޖަހާފައިވާ ފަރާތް ތަކަށް އެކަނި ކަމަށް އެފްއޭއެމް އިން މީގެ ކުރިން ނިންމައިފައިވާތީއެވެ.

ދަނޑަށް ވަންނަ ބެލުންތެރިންނަށް ގޮނޑިބަރިން ޓިކެޓް ވިއްކާނީ 100 ރުފިޔާ އަށެވެ. ސިޑިބަރީގެ ޓިކެޓް އުޅެނީ 75 ރުފިޔާ އަށެވެ.

އަންނަ އޮކްޓޯބަރު 1 ގައި ފަށާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. އެއާްެކު މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ ނަމުގައެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ 13 ވަނަ ސާފްޗެމްޕިއަންޝިޕް މުބާރާތުގެ ރާއްޖޭގެ ޕްރޮމޯޝަނަލް ކެމްޕެއިންގެ ނަމަކީ "މަގޭ މަހަލްދީބް" އެވެ. މި މުބާރާތުގެ ކޯ ސްޕޮންސާ އަކީ އެސްޓީއޯ އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލް އެވެ. އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1 - 15 އަށެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. އަދި ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭނެއެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެއިން މިހާތަނަށް ވަނީ 2 ފަހަރަކު ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނަކީވެސް ރާއްޖެއެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. އެހެންނަމަވެސް، އެހެން ގައުމަކާއި ބައިވެރިނުވެ ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ސްރީ ލަންކާއާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ