ރާއްޖޭގައި މިހާރު ކުރިއަށްދާ އުރީދޫ ސާފްޗެމްޕިއަންޝިޕް 2021 ގައި މިއަދު ކުޅުން މެޗުން، ބަންގްލަދޭޝްއިން މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި މި ސަރަހައްދުގެ ވަރުގަދަ އިންޑިއާއާ އެއްވަރުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއިން ލަނޑެއް ޖަހައިފައިވަނިކޮށް، ދެވަނަ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ބަންގްލަދޭޝް އިން ކާމިޔާބުކުރި ގޯލާއެކު މިއަދުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
އެއާއެކު ބަންގްލަދޭޝް މިވަގުތު އޮތީ ކުޅުނު ތެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައެވެ. ދެވަނައިގައި އޮތީ ރާއްޖެއިން ކުޅުނު ފުުރަތަމަ މެޗުން، ރާއްޖެ އަތުން ތިން ޕޮއިންޓް ހޯދި ނޭޕާލްއެވެ. މި މެޗުން ޕޮއިންޓެއް ހޯދި އިންޑިއާ ތިން ވަނައިގައި އޮތްއިރު، ރާއްޖެއާއި ލަންކާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ.
މިއަދުގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން އައި އިންޑިއާއިން ގޯލަށް ވަރުގަދަ ހަމަލާތަކެއް ފޮނުވިއިރު، ނަތީޖާއެއްގެ ގޮތުން މެޗުގެ 25 ވަނަ މިނެޓު ތެރޭގައި އިންޑިއާށް ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިއާ ސުނިލް ޗެތުރީއެވެ. މިއީ ޗެތުރީ ސާފް ޗެމްޕިއަންޝިޕްގައި ޖެހި 11 ވަނަ ގޯލެވެ.
އިންޑިއާއިން ލީޑުނެގުމަށް ފަހު ބަންގްލަދޭޝް ވަނީ އެ ޓީމުގެ ކައުންޓަރ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުނުއިރު އެ ޓީމުންވެސް ވަނީ ރު، އެ ޓީމުން ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދިއެވެ. ނަމަވެސް ބަންގްލަދޭޝަށް އުނދަގޫ ކުރިމަތިވީ މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ބިޝްވަނަންތް ގޯޝްއަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ކީ އިންޑިއާގެ ކުޅުންތެރިއެއްގެ ޖާޒީގައި ހިފަހައްޓައި ފައުލްކުރުމުންނެވެ.
ނަމަވެސް އޭގެފަހުންވެސް ބަންގްލަދޭޝް ޓީމުން އިންޑިއާ ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވިއިރު، ނަތީޖާއެއްގެ ގޮތުން މެޗުގެ 73 ވަނަ މިނިޓްގައި އެ ޓީމުން ނަތީޖާ ހަމަހަމަކޮށްފައެވެ. ބަންގުލަދޭޝް އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޔާސިން އަރަފާތެވެ.
މި މަހުގެ 1 ގައި ފެށި ސާފްޗެމްޕިއަންޝިޕްގެ މިރޭ މެޗުގައި ބައްދަލުކުރާނި ސްރީލަންކާ އާއި ނޭޕާލްއެވެ. ނޭޕާލްއިން މިރޭގެ މެޗު ކާމިޔާބުކޮށްފިނަމަ ތާވަލުގެ އެއްވަނައަށް ޖެހިލާނެއެވެ.




