ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (2)

(ފުރަތަމަ އަދަދާއި ގުޅޭ)

ދިއްލެމުންދިޔަ ސްކްރީނަށް އަރައިފައިވި ބައްޕަގެ ނަންފެނި އަތުން ކްލާހުގައިތިބި ކުދިންނަށް އިޝާރާތްކޮށްލަމުން އެއްފަރާތަކަށްޖެހި ކޯލަށް ޖަވާބުދިނެވެ. އެއާއެކު އެކޮޅުން އިވުނު ޚަބަރަކުން އީވާންގެ ދެލޯބޮޑުވެ މީހާ ގަނޑުވާގޮތްވިއެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އޭނާއަށް އިރުކޮޅަކު ހުރެވުނީ އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވީވަރުންނެވެ.

"އީކް" މަޑު އާހަކާއެކު އީވާންގެ ދުލުން އެނަން ބޭރުވީ އަމިއްލަ އިޚްތިޔާރުން ބޭރުއެވެ.

"ދަރިފުޅާ އީވާން. އެބަހުރިންތަ؟" އީވާންގެ ޖަވާބެއްއައުން ލަސްވެގެން ނާއިފް އަހައިލިއެވެ. "ލައްބަ. އެބަހުރިން." ސިހިފައި އަވަސް އަވަހަށް ނާއިފަށް އީވާން ޖަވާބުދިނެވެ. "ބައްޕަ މިކީ އެއްޗެއް ދަރިފުޅަށް ސާފުވިހެނެއް ހިއެއްނުވޭ. ބައްޕަ ބުނީ އެންމެ އަވަހަށް މިކޮޅުން ފުރާ ފްލައިޓަކުން ރައްޖެދާން ބައްޕަ އެބަ ފުރަމޭ. ކޮންމެގޮތެއްވިއަސް ހައިތަމްގެ ގާތުގައިހުރުން މިވަގުތު ބައްޕައަށް ވަރަށް މުހިންމު. މިކަންތައްގަނޑެއް ހިނގީ ކިހިނެއްކަންވެސް އަދި މުޅިން ސާފުވާގޮތެއްނުވޭ." އީވާނުގެ ޖަވާބުލިބުމާއެކު ފައްޗަކަށް ނާއިފް ބުނެލިއެވެ.

"އީކް.. އީކްގެ ހާލު ރަނގަޅުތަ؟ މާކިން ނިޔާވިކަން އީކްއަށް އެނގޭތަ؟" ތުންފަތުގައި ދަތްއަޅައިލަމުން ޖެހިލުންވެފައިހުރެ އީވާން އަހައިލިއެވެ. "އަދިވެސް އީކް ހޭނާރާވާހަކަ އާސިފް ބުނީ. މިޚަބަރު ބައްޕައާ ހަމައަށްވެސް އައީ އޭނާގެ ފަރާތުން. މާކިން.. ނިޔާވިކަން އީކްއަށް އެނގޭހެން ހިއެއްނުވޭ." ފުންނޭވާއެއްދޫކޮށްލަމުން އީވާންގެ ސުވާލުތަކަށް ނާއިފް ޖަވާބުދިނެވެ. އިތުރަށް ބުނާނެ އެއްވެސް އެއްޗެއް އީވާންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އީވާންގެ ފަރާތުން އެއްވެސް ޖަވާބެއްނައުމުން އެންމެފަހުން އޭނާ ފުރަންތައްޔާރުވާން ދަނީކަމަށްބުނެ ނާއިފް ކޯލުކުރުކޮށްލަމުން ފޯނު ބޭއްވިއެވެ.

އިވުނު ވާހަކަތައް ގަބޫލުކުރަން އަދިވެސް އީވާނަށް އުނދަގޫވަނީއެވެ. އީކްއާއި މެދުގައި ފިކުރުހިންގައިލެވުމާއެކު ހިތުގައި މަޑު ރިހުމެއް އުފެދިއްޖެއެވެ. އެހެނަސް އެކަންކަމާއި ވިސްނައިފިކުރުހިންގަން އޭނާއަށް ހުރެވޭކަށްވެސް ނެތެވެ. ކްލާހުގެ މެދުތެރެއިން، ކްލާސްމެދުކަނޑައިލައިފައި ނުކުމެގެން ދާކަށްވެސް އޭނާގެ ޟަމީރު އެއްބަހެއްނުވިއެވެ. ނިތްކުރީގައި އަތުގެ އިނގިލަތަކުން ފިރުމައިލައި ހަމަޖެހެން މަސައްކަތްކުރަމުން ކްލާހާއިވެގެން ކުރިއަށްދެވޭތޯ އީވާން އުޅުނެވެ.

* * * * *

ހޭއެރުމާއެކު ލިބުނު ޚަބަރުން އީކްގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހިގެންދިޔަކަމުގެ އިހުސާސު ކުރެވުނެވެ. ނޫނެކޭ ބުނަމުން ބާރަށް ރޮއެގަތީ އެކަން ގަބޫލުކުރަން ބޭނުންނުވެފައި އިނދެއެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ ފުރާނަހުއްޓައި މާކިން ފެނިފައިވެސް އުމުރަށް އެދެލޯކުރިމަތިން ގެއްލިދާންވީ ކީއްވެހެއްޔެވެ؟ މާކިންއާއި ނުލައި އޭނާ ކެތްކުރާނެގޮތެއް އީކްއަކަށް ނުވިސްނުނެވެ. އެކިކަންކަމާއިމެދުގައި ފިކުރުހިންގައިލެވުނުވަރުން އޭނާގެ ސިކުނޑިއަށްވެސް އެކަމުގެ އަސަރުކޮށްފިކަން އީކް ނުދެނަހުއްޓެވެ. ލިބުނު ޝޮކާއެކު އެދެލޮލުން ކަރުނައިގެ މުތީތައް ތިއްކަކަށްފަހު ތިއްކެތް ފައިބަމުންދިޔައެވެ. ވާހަކަދެއްކުން ދަތިވެ މޭގައި ވަރުގަދަ ރިހުމެއް އުފެދިގެންދިޔައީ ކުއްލިއަކަށެވެ. ގާތުގައިހުރި ހައިތަމް ލައިގެންހުރި ގަމީހުގައި ދެއަތުން ހިފައި ބާރުކޮށްލުމާއެކު އީކްގެ ދެލޯބޮޑުވެ ނޭވައަށް ދަތިވެފައިވާމީހަކުފަދައިން ތެޅިފޮޅިގަތެވެ.

އީކްގެ ހާލުފެނި ހައިތަމްގެ ސިކުނޑި ސުމަކަށްދިޔަކަހަލައެވެ. އަޑުގެނެތްތަނަށް ޑޮކްޓަރަށް ގޮވައިލެވުމާއެކު ދަރިފުޅުގެނެސް ގަޔައިލައި ބޮނޑިކޮށްލި ހައިތަމްއަށްވެސް ރޮވިއްޖެއެވެ. އީކް ހަމައަކަށް އެޅުވޭތޯ އޭނާ މަސައްކަތްކުރަމުންދިޔަވަރަކަށް އީކްގެ ރުއިންވީ ބާރެވެ. އެއަޑުގައިވި ވޭނާއި ޝަކުވާއިން ހައިތަމްގެ ދެލޯވެސް ތެންމަމުންދިޔައީ އެދަރިފުޅަށްޓަކައި އޭނާއަށް މިއަދު ކޮށްދެވޭނެ އިތުރުކަމެއްނެތުމުންނެވެ.

ކުއްލިއަކަށް މޫނުމައްޗަށް އަނދިރިވުމާއެކު ހައިތަމްގެ އަތުތެރެއަށް އީކް ޚަބަރު ހުސްވެގެން ވެއްޓުނެވެ. ހައިތަމްގެ އަނގައިން ގިސްގެ އަޑު ބޭރުވުމާއެކު ދަރިފުޅު ހޭއެރުވޭތޯ އުޅެގަތެވެ. އޭރު ހައިތަމްގެ ހަޅޭކުގެ އަޑަށް ޑޮކްޓަރުވެސް ދުވެފައިކަހަލަގޮތަކަށް އައިސް އެތަނަށް ވަންނަނީއެވެ. ހައިތަމް ގާތުގައި ބޭރުގައި މަޑުކޮށްލުމަށް ބުނަމުން އީކްއަށް އަވަސްފަރުވާދިނުމަށް ޑޮކްޓަރާއި ނަރުހުންތައް ތެޅިގަތެވެ.

އީކް ބާއްވައިފައިއޮތް ކޮޓަރީގެ ބޭރުފާރުގައި އަތްވިދެލުމާއެކު ހައިތަމްއަށް ބާރަށް ރޮވިއްޖެއެވެ. އޭނާގެ ދަރިފުޅަށް އެހައި ޅަ އުމުރުގައި މިކުރިމަތިވީ ކޮންފަދަ އިމްތިހާނެއްހެއްޔެވެ؟ އުމުރުން 19 އަހަރުވެސް ނުވަނީސް އެދަރިފުޅު ހުވަފަތްވީއެވެ. އެޅަހިތަށް ކުރާނެ އަސަރު އަންދާޒާކޮށްލަންވެސް އޭނާއަށް މިއަދު ދައްޗެވެ.

ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ހައިތަމް ހިނގައިގަތީ މާކިން ބާއްވައިފައިއޮތް ކޮޓަރިއާއި ދިމާއަށެވެ. އޭރު އެކޮޓަރީގެ ދޮރުމަތީގައި އޭނާގެ އާއިލާ މީހުންގެ އިތުރުން ގާތް އެކުވެރިންވެސް ތޮއްޖެހިފައި ތިއްބެވެ. ލިބުނު ހިތާމަވެރި ޚަބަރާއެކު އެއިން ކޮންމެ މީހެއްގެ ލޯވެސްވަނީ ކަރުނުން ތެންމައިލައިފައެވެ.

އެދިމާލަށް އަންނަ ހައިތަމްފެނި އާބިދާގެ ގާތުގައިހުރި ލުތުފީ މަޑުމަޑުން ހައިތަމްއާއި ދިމާލަށް ހިނގައިގަތެވެ. ލިބުނު ހިތާމައިން އާބިދާ މަސަލަސްކުރުންވީ ދަތިކަމަކަށެވެ. އެގޮތްމިގޮތުން ކުޑަކޮށް ހަމައަކަށްއެޅިފައިވިއަސް، އަދިވެސް އެދެލޮލުން ކަރުނަ ހުސްނުވެއެވެ.

"އީކްގެ ހާލު ކިހިނެއް؟" ހައިތަމް ގާތަށްޖެހިލަމުން ކުރެހިފައިވި އަޑަކުން ލުތުފީ އަހައިލިއެވެ. ދެފަރާތަށް ހައިތަމް ބޯހޫރުވައިލީ ވާހަކަދައްކާނެ ހިތްވަރުނެތުމުންނެވެ. ހައިތަމްގެ ކޮނޑުގައި އަތްޖައްސައިލަމުން ލުތުފީ މަޑުމަޑުން ބޯޖަހައިލިއެވެ.

"ހައިތަމް.. މާކިންއަށް ވެފައޮތްވަރު ހައިތަމްވެސް ދުށީމެއްނު. ވަޅުނުލައި އެހައިގިނައިރު ބާއްވާކަށް އެމީހުން ހުއްދައެއްނުދޭ. އެހެންވެ.. މިއުޅެނީ.. ކަށުކަމާކެމީގެ ކަންކަން ވީހައިވެސް އަވަސްކުރެވޭތޯ.. އަހަރެންނަށް މަޢާފުކުރޭ ހައިތަމް." ލުތުފީ ބުނަން މަސައްކަތްކުރަމުންދިޔަ ވާހަކަތައް ހައިތަމްއަށް ވިސްނެއެވެ. ގޮތްހުސްވެފައިހުރި މީހަކުހެން ހައިތަމް ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

"ލުތުފީ މަޢާފަށްއެދޭކަށް ނުޖެހޭނެ. އެހައިތަނަށް އީކް ހޭނާރައިފިނަމަ، ހޭއެރިއިރަކުން އަހަރެން އޭނާއަށް ވިސްނައިދޭނަން.. މާކިންގެ ކަށުކަމާކެމީގެ ކަންތަކުގަ އަހަރެންވެސް ބައިވެރިވާނަން.." ދެލޮލުން އޮހޮރެން ތައްޔާރުވެފައިހުރި ކަރުނަތައް ދިރުވައިލަމުން ހައިތަމް ބުނެލިއެވެ.

* * * * *

ރޭގަނޑުގެ ކްލާސްތައް ނިންމައިލުމަށްފަހު އީވާނަށް ކޮލެޖުން ނުކުމެވުނުއިރު ހުރީ 10 ޖަހައި ބޮޑުވެފައެވެ. ލަސްހިނގުމެއްގައި އައިސް ކާރަށްއަރައި ހަމަޖެހިލަމުން ކާރު ސްޓާރޓްކޮށްލިއެވެ. ފުންވިސްނުމަކަށްގެއްލިހުރެ ކާރުގައި އައިސް އޭނާ ދިރިއުޅޭ ބޮޑު ގޭގެ ކުރިމަތީގައި ކާރު މަޑުކޮށްލުމާއެކު ދޮރުކައިރީގައިހުރި ދޮރުވާނު އަވަސްވެލީ ބިޔަ ދަގަނޑު ގޭޓު ހުޅުވާށެވެ. ހުޅުވިގެންދިޔަ ގޭޓުން އެތެރެއަށްވަދެ އީވާން މިސްރާބުޖެހީ ގޭގެ އިމާރާތާއި އިންވެގެން ހަދާފައިހުރި ގަރާޖާއި ދިމާއަށެވެ. ގަރާޖުގައި ކާރުބާއްވައިލަމުން އޭގެން ފޭބިއިރުވެސް އީވާންގެ ސިކުނޑިކަމުންދިޔައީ އީކްގެ ޚިޔާލުތަކުންނެވެ. ލިބުނު ޚަބަރު ގަބޫލުކުރަން އަދިވެސް އޭނާގެ ޟަމީރު ދެކޮޅުހަދަމުންދިޔައެވެ. މޫނުގައި އަތްއުނގުޅައިލަމުން އަވަސްހިނގުމެއްގައި އައިސް ގޭގެ ދޮރު ހުޅުވައިލައި އެތެރަށް ވަނެވެ.

މީހެއްގެ ފިޔަވަޅުގެ އަޑަށް ބަދިގެތެރޭގައި ހަރަކާތްތެރިވަމުންދިޔަ ނޯކަރު ކުއްޖާ ކުޑަކޮށް ބޭރަށް ބޯދިއްކޮށްލަމުން ބަލައިލިއެވެ. "ކުޑަ ސާހަބް" އީވާންފެނުމާއެކު ހިނިތުންވެލަމުން އިނގިރޭސިބަހުން މޭރީ ގޮވައިލިއެވެ. އީވާންގެ ފިޔަވަޅުތައް މަޑުޖެހިލުމާއެކު މޭރީއަށް ނަޒަރު ހުއްޓައިލިއެވެ.

"ބައްޕަ ފުރަން ދިޔައީތަ؟" އީވާންވެސް ވާހަކަދެއްކީ ސާފު އިނގިރޭސިބަހުންނެވެ. ލައްބައޭ ބުނަމުން އަވަސް އަވަހަށް މޭރީ ބޯޖަހައިލިއެވެ.

"ކާން ހަދަންވީތޯ؟" އީވާންގެ ތަބީއަތަށް އައިސްފައިހުރި ބަދަލު ފާހަގަވިނަމަވެސް އާދައިގެމަތިން މޭރީ އަހައިލިއެވެ. ފަހުންނޭ ބުނަމުން އީވާން އެތަނުން ދިއުމަށް ހިނގައިގަތެވެ. އެސުވާލުގެ ޖަވާބު އަންނާނީ އެހެންކަން މާކުރިންވެސް މޭރީއަށް އެނގެއެވެ. އިތުރަށް އެއްޗެކޭ ބުނުމެއްނެތި އޭނާ އަވަސްއަވަހަށް ބަދިގެ ތެރެއަށް ދެމިގަތެވެ.

ތަނަވަސް ބޮޑު ކޮޓަރީގައިހުރި އިސްކޮޅުވަރުގެ ބިއްލޫރި ކުޑަދޮރުގެ ކައިރީގައި ހުއްޓިލަމުން އީވާން ބޭރަށް ނަޒަރުހުއްޓައިލިއެވެ. ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ދެފަރާތަށް ބޯހޫރުވައިލީ ސިކުނޑިއަށް ބާރުކުރަމުންދިޔަ ޚިޔާލުތައް އެއްފަރާތްކޮށްލަން ބޭނުންވެފައިހުރެއެވެ. އުޑާއި ދިމާއަށް ބަލައިލި އީވާންއަށް ހިންދިރުވައިލެވުނެވެ.

އުޑުމައްޗަށް ވެރިވަމުންދިޔަ ބޯކަޅުވިލާތައް ހަނދާއި އޭގެ ބައިވެރިންގެ ކުޅިވަރަށް ހުރަސްއަޅަން މަސައްކަތްކުރާކަހަލައެވެ. ދާދި ދެންމެއަކާއި ޖެހެންދެން ކުދި ޖަވާހިރުތަކެއްހެން އުޑުމައްޗަށް ފެތުރިފައިވި ތަރިތަކުގެ އަލިވެސް ހިނދެއް ހިނދަކަށް ފަނޑުވަމުންދިޔައެވެ. ހީވަނީ ކާއިނާތުވެސް އީވާންގެ ހިތަށް ވެރިވަމުންދިޔަ ގަދަ ތޫފާނުގައި ބައިވެރިވާން ބޭނުންވެފައިހުރިހެންނެވެ. މެރިގެންދިޔަ އެސްފިޔަތަކުގެ ތެރެއިން އީކްގެ ރީތި ސޫރަ ސިފަވުމާއެކު އީވާންގެ ތުންފަތަށް ހިތި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ހަމައެހިނދު ހިތަށް ވެރިވެގަތް ޚިޔާލުތަކުން ދެފަރާތަށް ބޯހޫރައިލަމުން އީވާން ދެލޯހުޅުވައިލިއެވެ. ސިކުނޑިއަށްކުރަމުންދިޔަ ބާރު ލުއިވޭތޯ އިސްތަށިގަނޑުގެ ތެރޭގައި އަތްހިންގައިލަމުން އީވާން ދެފަރާތަކަށް ބޯ ތަޅުވައިލިއެވެ. އެހެނަސް މީހާ ހާސްކުރަމުންދިޔަ ޚިޔާލުތަކުން ސަލާމަތްވާގޮތެއްނުވިއެވެ. އީކްގެ ހާލު އެނގެން އޭނާގެ ހިތް ބޭޤަރާރުވަމުން ދިޔައެވެ. ކުއްލިއަކަށް ރިންގްވާންފެށި ފޯނާއެކު އޭނާގެ ޚިޔާލުތައް ހާވިޔާވެގެންދިޔައެވެ. ޖީބުގައިއޮތް ފޯނު ނަގައިބަލައިލަމުން ގެނެސް ކަންފަތުގައި ޖައްސައިލިއެވެ.

"އީވާން.. އާރ ޔޫ އޯކޭ؟" އެކޮޅުން ހާސްވެފައި ޝަމްއަލް ސުވާލުކޮށްލިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ކުޑައިރުކޮޅަކު އީވާން މަޑުކޮށްލިއެވެ.

"ޒިއްލެ ބުނި އީވާން ކޮލެޖުން ނުކުމެގެންދިޔައިރު ހުރީ ވަރަށް އެހެންކަހަލަ މޫޑެއްގައޭ. ކަމެއްވީތަ އަނެއްކާ؟.. އީވާން ޓޯކް ޓް މީ؟" އީވާންގެ ޖަވާބެއް ނައުމުން އަނެއްކާވެސް ޝަމްއަލް ބުނެލިއެވެ. އީވާންއަށް ކަމެއްވީކަމަށް ހީކޮށް އޭނާ ހުރީ ނުހަނު ކަންބޮޑުވެފައިކަން އެއަޑުން އެކަނިވެސް ހެކިދެއެވެ.

"ޝައްމު.. އިޓްސް.. އީކް.." އިރުގަނޑެއްގެ ހިމޭންކަމަށްފަހު އީވާން ބުނެލިއެވެ. އެއާއެކު ޝަމްއަލް ފުންނޭވާއެއްދޫކޮށްލިގޮތުން ހީވީ މީހާ ހަމަޖެހިލީހެންނެވެ.

"އީވާން.. އަހަރެންނަށް އެނގޭ އަދިވެސް އީކްގެ ޚިޔާލުތަކުން އީވާނަށް އުނދަގޫވާވަރު.. އެކަމަކު އެއީ މާޒީކަމަށްބަލައި އެޚިޔާލުތަކުން ދުރުވާން މަސައްކަތްކުރަން އެބަޖެހޭ.. އަދިވެސް އީވާން މެންޓަލީ މުޅިން ފިޓްނުވާކަން އަހަރެން ގަބޫލުކުރަން. ބަޓް ޔޫ ނީޑް ޓް ގިވް ޓައިމް ޓް ޔޯރ ސެލްފް.. އަމިއްލައަށްވެސް ކޮންމެވެސް ވަރަކަށް މަސައްކަތްކޮށްގެން ތިޚިޔާލުތަކުން އަރައިގަނެވޭނީ... ޕްލަސް... އީވާނަށްވެސް އެނގެއެއްނު އީކް މިހާރު އެއީ މީހެއްގެ އަންބެތްކަން.." ލަސްލަހުން އީވާންއަށް ވިސްނޭނެފަދަ ގޮތަކަށް ޝަމްއަލް ބުންޏެވެ. ފަހަރެއްގައިވެސް އޭނާގެ ބޭނުމަކީ އެވާހަކަތައް ދައްކައިގެން އިތުރަށް އީވާންގެ ހިތް ޒަޚަމްކޮށްލުމެއްނޫނެވެ. އެހެނަސް އީވާނަށް އެކަންކަމުން އަރައިގަންނަން އިތުރު ހިތްވަރެއްދިނުމެވެ.

"އައި ނޯ.. އައި ނޯ ޝައްމު.. އަހަރެން ގަބޫލުކުރަމޭ ތިހުރިހާ ވާހަކައެއްވެސް.. އެކަމަކު..."

"އެކަމަކު ކިހިނެއްވީ؟ ކީއްވެ ނުބުނެ ތިހުއްޓައިލީ؟ ބުނެބަލަ.. ހިތުތެރޭހުރި އުދާސްތައް ބޭރުކޮށްލައިގެންނޫނީ ތިހިތަކަށް ހަމަޖެހުމެއް ނުލިބޭނެ. އީވާން ކޮންމެ ވާހަކައެއް ދެއްކިއަސް އަހަރެން އަޑުއަހާނެކަން އެނގޭދޯ.. އެހެންނޫނަސް މިވަގުތު އަހަރެން އީވާނަށް ގުޅައިގެން މިހުރީ އީވާންގެ ސައިކޭޓްރިސްޓްގެ ހައިސިއްޔަތަކުން ނޫން.. އެކުވެރިއެއްގެ ހައިސިއްޔަތުން.." އީވާންގެ ވާހަކަތައް ހުއްޓުމަކަށް އައުމުން އެއާ ވިއްދައި ޝަމްއަލް ބުނެލިއެވެ.

"ޝައްމު... މާކިން... ހީޒް ޑެޑް.." ދެލޯމަރައި ތަގުޅިކޮށްލަމުން އީވާން ބުނެލިއެވެ. އެއަޑުގައިވި މަޑު ތުރުތުރު ޝަމްއަލްއަށް ވެސް އިހުސާސުވިއެވެ. ހީވެސްނުކުރާފަދަ ޚަބަރެއް ލިބުމުން ހިނދުކޮޅަކަށް ބުނާނެ އެއްޗެއް ޝަމްއަލްގެ ސިކުނޑިއަކަށްވެސް ނައެވެ. ބަސްހުއްޓިފައި އޭނާވެސް ހުރީ ޚިޔާލަކަށް ގެއްލިފައިކަހަލައެވެ.

* * * * *

މާކިންގެ ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު އޭނާ ވަޅުލެވުނުވަގުތުވީ އެތަނުގައިތިބި އޭނާގެ އާއިލާމީހުނަށް ކެތްކުރުން ދަތި ވަގުތަކަށެވެ. އެކަކު އަނެކަކަށް ހިތްވަރުދެމުންދިޔަ ނަމަވެސް ކޮންމެ މީހެއްގެލޮލުންވެސް ތާޒާކަރުނައިގެ ސައިލެއް ފައިބަމުންދިޔައީ އެހިތްތަކަށްކޮށްފައިވާ އަސަރު އަންގައިދެމުންނެވެ. އީކް ހޭނާރަނީސް އެފަދަގޮތަކަށް މާކިން ވަޅުލާންޖެހުމުން ހައިތަމްގެ ހިތަށް ކޮށްފައިވާ އަސަރު ފުންވެފައިވިއެވެ. އީކްއަށް އެޚަބަރު ދޭނެގޮތެއްވެސް ޚުދު އޭނާއަށް ނޭނގެއެވެ. އެދަރިފުޅުގެ ހިތަށްކުރާނެ އަސަރު ވިސްނިވަރަކަށް ހައިތަމްގެ ހިތް ރޮމުންދިޔައެވެ.

ހުރިހައިކަމަކުން އަވަދިވެގެން ހައިތަމް ހޮސްޕިޓަލަށް އައި އިރު އީކް ގާތުގައި އެގޭގައި ގެންގުޅޭ ހައްވައްތަ އައިސް އިނެވެ. ހައިތަމް ފެނުމުން ހިނިތުންވެލަން އުޅުނަސް އެކަން އޭނާއަށް ކާމިޔާބެއްނުވިއެވެ. ހައިތަމްގެ ނަޒަރު ދެލޯމެރިފައިއޮތް އީކްއަށް ހުއްޓުމާއެކު އެހިތުގައި ރިއްސައިލިއެވެ. ދަރިފުޅާމެދުގައި އޭނާހުރީ ނުހަނު ކަންބޮޑުވެފައިކަން އެދެލޮލުން ހެކިދެއެވެ.

ހައްވައްތަ ގާތުގައި ހުއްޓިލަމުން ދެން ގެއަށްދިޔަސް އެންމެ ރަނގަޅުކަމުގައި ހައިތަމް ބުނެލުމާއެކު ބޯޖަހައިލަމުން ގޮނޑިން ތެދުވެ އީކްގެ މިލައިފައިވާ ކުޑަ މޫނުކޮޅަށް ބަލައިލިއެވެ. އަދި ހައިތަމްގެ ގާތުގައި ކަމެއް ޖެހިއްޖެނަމަ އޭނާއަށް ގުޅަން ބުނަމުން އެތަނުން ދިއުމަށް ހިނގައިގަތެވެ.

އީކް ހޭއެރީ ހޭނެތުނުތާ 10 ގަޑިއިރުވާން ކައިރިވެފައިހުއްޓައެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވައިލަމުން އީކް ދެލޯހުޅުވައިލުމާއެކު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ނަރުހަށް ހައިތަމް އަވަސް އަވަހަށް ގޮވައިލިއެވެ. އީކް ހޭއެރިކަން ޑޮކްޓަރަށް އަންގައިލަމުން ހައިތަމް ގާތުގައި ކުޑައިރުކޮޅަކު ބޭރުގައި މަޑުކޮށްލުމަށް ބުނެލިއެވެ. ކުޑަކުޑަކޮށް ލޯހުޅުވައިގެންއޮތް އީކްގެ ބޮލުގައި ލޯބިން ފިރުމައިލަމުން އެތަނުން ނުކުތުމަށް ހައިތަމް ހިނގައިގަތެވެ.

ޑޮކްޓަރު އީކް ބެއްލެވުމަށްފަހު ހައިތަމްއަށް އީކްއާ ބައްދަލުކުރުމަށް ހުއްދަދިނެވެ. އެކޮޓަރިއަށް ހައިތަމް ވަތްއިރު ހާސްވެފައި ކޮޓަރީގެ ދޮރާއިދިމާއަށް ބަލަހައްޓައިގެން އީކް އޮތެވެ. ބާރު ހިނގުމުގައި އައިސް ހައިތަމް އީކްއޮތް އެނދުގެ ކައިރީގައިހުރި ގޮނޑީގައި އިނށީދެލަމުން ލޯބިން ދަރިފުޅަށް ގޮވައިލިއެވެ.

ކެތްތެރިކަން ކުޑަވެފައި އީކް ހައިތަމްއަށް ބަލަމުންދިޔަގޮތުން އޭނާ އެއެދެނީ މާކިންގެ ޚަބަރެއް އޮޅުންފިލުވައިދިނުމަށްކަން ހައިތަމް ދެނެގަތެވެ. އެހެނަސް އެއްޗެއްބުނަން ނުކުޅެދިފައި އޭނާއަށް އިރުކޮޅަކު އިނދެވުނެވެ. ވާހަކަދައްކަން މަސައްކަތްކުރި ނަމަވެސް އީކްގެ ދުލުން އެންމެ ލަފުޒެއްވެސް ބޭރުވާގޮތެއްނުވިއެވެ. ހުއްޓުންއަރައިފައި ހައިތަމް އިންނަން ފެށުމުން އެއަތުގައި ހިފައި މަޑުމަޑުން އީކް ތަޅުވައިގަތެވެ. ސިހިފައި އީކްގެ ކަރުނަވީ ދެލޮލަށް ހައިތަމް ބަލައިލިއެވެ. އެއާއެކު ބަޔާންކުރަން ނޭނގޭފަދަ ފުން ވޭނެއްގެ އިހުސާސް އޭނާއަށް ކުރެވުނެވެ. ވާހަކަދައްކަން މަސައްކަތްކުރަމުންދިޔަ އީކް ފެނި ދެފަރާތަށް ބޯހޫރުވައިލަމުން ލޯބިން ހައިތަމް އީކްގެ އަތަށް ފިތައިލިއެވެ. އީކްއަށް ނުވިސްނުނަސް އެއަމަލުން ދޭން އޮތް ޚަބަރުގެގޮތުން އޭނާ ގާތުގައި ހިތްވަރުކުރުމަށް ހައިތަމް ބުނެލިކަހަލައެވެ.

"އީކް.. ދަރިފުޅާ.. ބައްޕައަށް މައާފުކުރޭ.." އިސްޖެހިފައިއިން ހައިތަމްގެ ލޮލުން ކަރުނަތިއްކެތް ވެއްޓުނެވެ. އީކްއާއި ހަތަރުކަޅި ހަމަކުރާނެހައި ހިތްވަރެއް އޭނާގެ ނެތެވެ. ވާހަކަދެއްކުމަށް ނުކުޅެދިފައިއޮތް މީހަކުފަދައިން އަނެއްކާވެސް ހައިތަމްގެ އަތުގައިހިފައި އިހުނަށްވުރެ ބާރަށް އީކް ތަޅުވައިގަތެވެ.

"ދަރިފުޅާ.. ބައްޕަގެ އީކްއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު ދޯ.. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްކަން އެނގެއެއްނު.. ދަރިފުޅުވާނެ ވަރަށް ކެތްތެރިވާން.. އިރާދަކުރެއްވިއްޔާ ބައްޕަ އަބަދުވެސް ހުންނާނީ ދަރިފުޅާއެކު.. މިއީ ﷲ ގެ ނިޔާފުޅުކަންދަނެ ކެތްތެރިވާންވާނެ.. އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވާނެ.." ދޭންއޮތް ޚަބަރުން އީކްއަށް ކުރާނެ އަސަރު ވިސްނި ހައިތަމް ފަސްޖެހެމުންދިޔައެވެ. އެދަރިފުޅަށް ހިތާމައިގެ ކުޑަވެސް ހިޔަންޏެއްއެޅެން އޭނާ ނޭދޭއިރު، ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ އަންނަތަންބަލަން އޭނާ ކެތްކުރާނީ ކޮންފަދައަކުންހެއްޔެވެ؟

ހައިތަމްގެ އަތުގައިހިފައި ބާރުކޮށްލަމުން އެއަތްގެނެސް އޭނާގެ މޭގައި އީކް ޖައްސައިލިއެވެ. އޭރު އެއްވެސް ހުއްޓުމެއްނެތި އޭނާއަށް ރޮވެމުންދިޔައެވެ. މާކިން ދެން އެނބުރި އޭނާގެ ގާތަށް ދުވަހަކުވެސް ނާންނާނެކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ. ކުލަރީތި އެތައް ހުވަފެނެއް އެކުގައި ދެކުމަށްފަހު އޭނާއާއި ވަކިވެ މާކިން އެވަނީ މާދުރަށް ގޮސްފައެވެ. އެސޫރަ ދެކެން ހިތްއެދުނަސް އެއެދުން ފުރިހަމަވާކަށް ނެތެވެ. އެކުގައި ދެކުނު ހުރިހައި ހުވަފެނެއް ބިލާހަކަށްވެ ފުނޑުފުނޑުވެގެން ދިޔައީއެވެ. ކުޑަކޮށްވެސް އަމިއްލަ ނަފުސް އެކަމަށް ތައްޔާރުވެސް ނުވަނީހެވެ. އާހް.. މާކިން އާއިނުލައި ދިރިއުޅުމާއިގެން އޭނާ ކުރިއަށްދާނީ ކިހިނަކުންހެއްޔެވެ؟ މިވޭނާއި އެކަނިވެރިކަމަށް އޭނާއަށް ކެތްކުރެވިދާނެބާވައެވެ؟ ހައްތަހައިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ.

"ދަރިފުޅާ އީކް.. މާކިން އޮތް ހާލު.. އީކްއަށްވެސް ފެނުނެއްނު.. އެހާލުގައި އެހައިގިނައިރު.. އޭނާ ވަޅުނުލައި ބާއްވާކަށް ޑޮކްޓަރުން އެއްގޮތަކަށްވެސް ހުއްދައެއްނުދެއްވި.. ދަރިފުޅު ހޭއަރާތޯ ވަރަށް އިންތިޒާރުކުރިން.. އެކަމަކު.. ޑޮކްޓަރަށްވެސް ސީދާ ވަގުތެއް ބުނެދޭކަށް ނޭނގުނު.. އެހެންވެ.. އެހެންވެ ދަރިފުޅާ.. ބައްޕަމެންނަށް މަޖުބޫރުވީ ވީ އެންމެ އަވަހަކަށް.. މާކިން.. މާކިން ވަޅުލާން.. ބައްޕައަށް މައާފުކޮށްދީ ދަރިފުޅާ.. ބައްޕަ މަސައްކަތްކުރިން.. ބައްޕަގެ އީކްއަށްޓަކައިވެސް.. މަސައްކަތްކުރިން.." ހައިތަމްގެ އަޑު ބެދުމާއެކު އޭނާއަށްވެސް ރޮވިއްޖެއެވެ. އީކްގެ މަޑު ތުރުތުރެއް އުފެދިފައިވި އަތްތިލައިގައި ދެއަތުން ހިފައިލައިގެން އިސްޖެހިފައިއިނދެ އޭނާ ރޮމުންދިޔައީ ކުށްވެރިއަކުފަދައިންނެވެ. ހިތްވަރުކުރަން ބޭނުންވިނަމަވެސް އެންމެ ފަހުވަގުތު އޭނާގެ ހިތްވަރުވެސް އެލޭގޮތްވީއެވެ.

ހައިތްމާއި ނަޒަރު ސީދާކޮށްލައިގެން އޮތް އީކްއަށް ދެލޯފިއްތައި ބާރުކޮށްލެވުމާއެކު މާބޮޑަށް ރޮވިއްޖެއެވެ. އެންމެ ފަހުގެ ވަދާއީ ސަލާމްވެސް ނުކޮށް މާކިން ދިޔައީހެއްޔެވެ؟ ފަހުފަހަރަށް އެސޫރަދެކިލުމުންވެސް އޭނާ މަހުރޫމުވީހެއްޔެވެ؟ އޭނާއަށް އެފުރުސަތު އަލުން ލިބުމެއްހަމަ ނެތީހެއްޔެވެ؟ ދުނިޔެ މިހައި އަނިޔާވެރިތަނަކަށް ބަދަލުވީ ފަހެ ކޮންއިރަކުހެއްޔެވެ؟

މޫނު އަނެއްފަރާތަށް އަނބުރައިލެވުމާއެކު ދެތުންފަތްޖައްސައި ބާރުކޮށްލީ އެވޭނަށް ކެތްތެރިވެވޭތޯއެވެ. އެހެނަސް ހިތަށްކުރަމުންދިޔަ އަސަރާއެކު ގިސްގެއަޑު އެތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވެއްޖެއެވެ. ދެބަފައިންގެ ރުއިމުގެ އަޑުން މުޅި ކޮޓަރިތެރެ ގުގުމަމުންދިޔައިރު ހިތްވަރުގެ ބަހެއް ބުނެލުމަށްވެސް ދެބަފައިން ނުކުޅެދިފައިވާފަދައެވެ. އެމަންޒަރުބަލަން ދުރުގައިހުރި ނަރުސްކުއްޖާއަށްވެސް ތުންފިއްތައިލަމުން އިސްޖަހައިލެވުނީ ދެލޮލަށްބޮނޑިވަމުންދިޔަ ކަރުނަތައް އެހެންމީހަކަށް ފެންނަން ނޭދޭތިއެވެ. އީކްގެ އަޑުގައިވި ވޭނާއި ޝަކުވާއިން އޭނާގެ ގައިންވެސް ހީބިހި ހިލިގެންދިޔައެވެ. ދުނިޔެ މިނިޔަނެތި އަންހެންކުއްޖާއަށް މިކުރިމަތިކުރުވީ ކޮންފަދަ އިމްތިޙާނެއްބާވައެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
123
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޝާ

    ރީތި ވާހަކައެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ