ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (3)

ދެވަނަ އަދަދާއި ގުޅޭ

މޫނު އަނެއްފަރާތަށް އަނބުރައިލެވުމާއެކު ދެތުންފަތްޖައްސައި ބާރުކޮށްލީ އެވޭނަށް ކެތްތެރިވެވޭތޯއެވެ. އެހެނަސް ހިތަށްކުރަމުންދިޔަ އަސަރާއެކު ގިސްގެއަޑު އެތުންފަތް ފޫއަޅުވައިލުމަށްފަހު ބޭރުވެއްޖެއެވެ. ދެބަފައިންގެ ރުއިމުގެ އަޑުން މުޅި ކޮޓަރިތެރެ ގުގުމަމުންދިޔައިރު ހިތްވަރުގެ ބަހެއް ބުނެލުމަށްވެސް ދެބަފައިން ނުކުޅެދިފައިވާފަދައެވެ. އެމަންޒަރުބަލަން ދުރުގައިހުރި ނަރުސްކުއްޖާއަށްވެސް ތުންފިއްތައިލަމުން އިސްޖަހައިލެވުނީ ދެލޮލަށްބޮނޑިވަމުންދިޔަ ކަރުނަތައް އެހެންމީހަކަށް ފެންނަން ނޭދޭތިއެވެ. އީކްގެ އަޑުގައިވި ވޭނާއި ޝަކުވާއިން އޭނާގެ ގައިންވެސް ހީބިހި ހިލިގެންދިޔައެވެ. ދުނިޔެ މިނިޔަނެތި އަންހެންކުއްޖާއަށް މިކުރިމަތިކުރުވީ ކޮންފަދަ އިމްތިޙާނެއްބާވައެވެ؟

* * * * *

ޑޮކްޓަރ ނައީމްގެ އެދިލެއްވުމަށް އޭނާއާއި ބައްދަލުކުރުމަށްޓަކައި ހައިތަމް އައިސް އެކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިޖަހައިލިއެވެ. ޑޮކްޓަރ ދައްކަންއުޅޭ ވާހަކައެއް ނޭނގި ހައިތަމްވަނީ ހާސްކަމެއްގެ ތެރޭގައި ބަނދެވިފައެވެ. ޓަކިޖަހައިލުމާއެކު އެތެރެއިން ވަންނާށޭ ބުނެލުމުން ހައިތަމް މަޑުމަޑުން ދޮރުހުޅުވައިލުމަށްފަހު އެތެރަށްވަނެވެ. ހައިތަމްއަށް ހިތްހެޔޮހިނިތުންވުމެއްދެމުން އަތުގެ އިޝާރާތުން އޭނާގެ ކުރިމަތީގައި ހުރި ގޮނޑި ނައީމް ދައްކައިލިއެވެ.

"ކހިނެއްވީތޯ ޑޮކްޓަރ؟ އަނެއްކާ އަޅުގަނޑުގެ ދަރިފުޅަށް ކަމެއްވީތޯ؟" ސީދާ ނައީމްގެ މޫނަށް ބަލައިލަމުން ހިތްއަވަސްވެފައި އިނދެ ހައިތަމް އަހައިލިއެވެ. ހައިތަމްގެ ސުވާލުތަކާއެކު ނައީމް ފުންނޭވައެއްދޫކޮށްލިއެވެ. ދައްކަންހުރި ވާހަކަތައް ފަށާނެގޮތަކާއިމެދުގައި އޭނާ އިރުކޮޅަކު ވިސްނައިލިއެވެ.

"ދެފަހަރުމަތިން އީކްއަށް ލިބުނު ކުއްލި ޝޮކުގަ އޭނާގެ ސިކުނޑިއަށްވަނީ އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ.. ކުރިންވެސް އަޅުގަނޑަށް މިކަހަލަ އެއްޗެއް ހީވި.. މިއަދު ޕޭޝަންޓް ހޭއެރުމަށްފަހު ފެނުނު މަންޒަރުތަކުން އެކި ކަންކަމާމެދު ތަފާތު ހީތައް ކުރެވޭތީ އެކަންކަން ޔަގީންކޮށްލަން ކުޑަ ދުވަސްކޮޅަކު އޮބްޒަރވޭޝަންގަ އީކް މިކޮޅުގަ ބާއްވާލަން އެބަޖެހޭ.. އަޅުގަނޑުމެނަށް މިކުރެވޭ ޝައްކު ޔަގީންކުރެވެންއޮތީ އޮބްޒަރވޭޝަންގެފަހުން އަދި ޓެސްޓްތަކެއްވެސް ހަދައިގެން.." މޭޒުމަތީގައިއޮތް ދެއަތްތިލަ ޖޯޑުކޮށްލަމުން ނައީމް އޭނާގެ ވާހަކަތައް ފެށިއެވެ.

"އީކް އަށް ކިހިނެއްވީތޯ؟" ނައީމްގެ ވާހަކަތަކުގެ މިސްރާބުހުރި ދިމާލެއް ނޭނގި ހައިތަމްގެ ހާސްކަން އިތުރުވަމުންދިޔައެވެ.

"އަޅުގަނޑަށް ހީވަނީ ރަނގަޅަށް ވިސްނައިލައިފިނަމަ މިދަންނަވާ ކަންކަން ހައިތަމްއަށްވެސް އީކްގެ ފަރާތުން ފާހަގަވާނެހެން.. ހޭއެރުމަށްފަހު ވަރަށް ގިނައިރު އެކިގޮތްގޮތުން ވާހަކަދެއްކޭތޯ ޕޭޝަންޓްވަނީ މަސައްކަތްކޮށްފަ.. އެހެނަސް.. އެކަން ކާމިޔާބުވާގޮތެއްނުވި.. ހައިތަމްއަށްވެސް އެކަން ފާހަގަވެފަ ކަންނޭނގެ ހުންނާނީ.. ވާހަކަދެއްކޭގޮތް ނުވުމުން އިޝާރާތުން ވާހަކަދެއްކުމަށް ޕޭޝަންޓް މަސައްކަތްކޮށްފަހުރީ.. އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ލިބުނު ޝޮކުގަ އީކްއަށް... ވާހަކަދެއްކުމަށް ތަފާތު ހުރަސްތައް ކުރިމަތިވެފަ ހުރިކަމަށް.. މި ދަންނަވަނީ ވަގުތީގޮތުން ވާހަކަދެއްކުމަށް ޕޭޝަންޓް ނުކުޅެދިފައިހުރި ވާހަކަ..

"ވާހަކަދެއްކުމަށް ނުކުޅެދިފައޭތޯ؟ ތިބުނުއްވީ އަޅުގަނޑުގެ ދަރިފުޅު...."

"ޔެސް.. ޓެމްޕްރަރީ ޝީ އިޒް އަނޭބަލް ޓް ސްޕީކް.. އެކިގޮތްގޮތަށް މަސައްކަތްކުރުމަށްފަހުވެސް އަޑު ބޭރުވާގޮތް ނުވުމުން އިޝާރާތުން ވާހަކަދެއްކުމަށް ޕޭޝަންޓް މަސައްކަތްކުރީ.. ބައެއްފަހަރު ސިކުނޑިއަށްލިބޭ ކުއްލި ޝޮކްސްގަ މިފަދަ ހިތާމަވެރި ކަންކަން އެބަހުރި ދިމާވެފަ.. އެކަމަކު ކުރިންވެސް ދެންނެވިހެން އަޅުގަނޑުމެންނަށް މިކަން ޔަގީންކުރެވޭނީ އަދި ދުވަސްކޮޅަކު އޮބްޒާވްކޮށްލުމަށްފަހު ބޭނުންވާ ބައެއް ޓެސްޓްތައް ހަދައިގެން.. އާންމުގޮތެއްގަ ވަގުތީގޮތުން ވާހަކަދެއްކުމަށް ނުކުޅެދިފައިވާނަމަ ވަގުތާއި ހާލަތާއެކު އެބަހުރި އެކަން ރަނގަޅުވެފަވެސް.. ޕޭޝަންޓްއަށް ބޭނުންވަނީ އާއިލާގެ ހިތްވަރާއި ސަޕޯޓް.. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ.. އަޅުގަނޑުގެ މި ހީއަކީ ތެދަކަށްވިއަސް، މިކަމަކީ ﷲ ގެ އިރާދަފުޅާއެކު ރަނގަޅުކުރެވޭނެކަމެއް.. އެހެންވީމަ އެއްގޮތަކަށްވެސް ހިތްވަރުއެލި އުއްމީދުކަނޑައިލައިގެންނުވާނެ.." ހައިތަމްއަށް ހިތްވަރުދެމުން ނައީމް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ފިކުރުތަކުން ސިކުނޑިބަރާވަމުންދިޔަ ހައިތަމް ލަސްލަހުން ބޯޖަހައިލީ ބުނާނެ އިތުރުއެއްޗެއް ނުވިސްނުމުންނެވެ.

ޑޮކްޓަރުގެ ކޮޓަރިން ނުކުމެ ލަސްފިޔަވަޅުތަކެއްގައި އައިސް އީކް އޮތް ކޮޓަރިއަށް ހައިތަމް ވަނެވެ. ހައިތަމް ފެނުމާއެކު އެކޮޓަރީގައި ހަރަކާތްތެރިވަމުންދިޔަ ނަރުސްކުއްޖާ ހިތްހެޔޮކަމާއެކު ހިނިތުންވެލިއެވެ. އޭރުވެސް މޫނު އަނެއްފަރާތަށް އަނބުރައިލައިގެން އީކް އޮތި ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ހުއްޓުވަން ނުކުޅެދިފައެވެ. އީކްއަށް ނަޒަރުހުއްޓައިލި ހައިތަމްގެ ހިތް ރޯލިއެވެ. އޭނާގެ ހުރިހަމައެކަނި ދަރިފުޅަށް ޖެހިފައިއެވާ ހިތްދަތިހާލު ދެކުމަށް ކެތްކުރުންވީ ދަތިކަމަކަށެވެ. ދެލޯފެންކަޅިވެގެން ދިއުމާއެކު ހައިތަމް އިސްއޮބައިލިއެވެ.

ޖެހިގެންއައި ދުވަހުގެ މެންދުރުގެ ވަގުތެވެ. ނަމާދުކޮށްލައިގެން ހައިތަމް އައީ އީކްއަށް ކާނެ އެއްޗެއް ހިފައިގެންނެވެ. ގަބުވެފައި އެއްދިމާލަކަށް ނަޒަރު ސީދާކޮށްލައިގެންއޮވެ ރުއިންނޫންކަމެއް އީކް ނުކުރެއެވެ. އެއަރުތެރެއިން އެއްޗެއް ދިރެނީ ކިރިޔާއެވެ. އެއްވެސްކަމެއް ކުރާހިތްނުވާތާނގައި އެއްވެސް މީހަކާއި ބައްދަލުކުރާކަށްވެސް އޭނާ ނޭދެއެވެ. ވަށައިގެންހިނގާ އެއްވެސް ކަމަކާއި މެދުގައި އޭނާގެ އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. އީކްގެ ހާލާއިމެދުގައި ހިތާމަކޮށް ހައިތަމްގެ ހަމަޖެހުންވެސްވަނީ ގެއްލިފައެވެ. އެހެންހުރިހައިކަމެއް ދޫކޮށްލުމަށްފަހު އެނާގެ ހުރިހައި ވަގުތެއް އައީ އެދަރިފުޅަށްޓަކައި ހުސްކުރަމުންނެވެ.

އީކްގެ ބޮލުގައި ފިރުމައިލަމުން ލޯތްބާއެކު ކާން ތެދުވުމަށް ހައިތަމް އެދުނެވެ. އަޑުވެސް އިވޭކަމަށް ނުހަދައި އީކް އޮތީ ކާހިތްނެތުމުންނެވެ. ރޮއިރޮއި ދެލޯ ދުޅަވެފައިއޮތްއިރު މޫނުމަތީގައިވެސް ދުޅައިގެ އަސަރު ހުއްޓެވެ. ލޯކަރިއިރި ވަށައިލައިފިކަޅު ފަށަލަ ހެކިދެނީ ނިންޖާއި މީހާ ދުރުވެފައިވާވަރެވެ. އެހަށިގަނޑު ވަރުބަލިވެފައިވާ މިންވަރެވެ. ބަލަން އުނދަގޫ މަންޒަރެއްވިއަސް އީކްއަށްޓަކައި ހިތްވަރުކުރަން ހައިތަމް ބޭނުންވެއެވެ.

ދެތިންފަހަރު ހައިތަމް ގޮވައިލުމުން މަޑުމަޑުން އެނދުން ތެދުވެވޭތޯ އީކް ބެލިއެވެ. އަތުގައިހުރި ތަށި އެނދުގެ އެއްއަރިމަތީގައިހުރި ކުޑަ މޭޒުމަތީގައި ބަހައްޓައިލަމުން އީކް ތެދުވުމަށް ހައިތަމް އެހީވެދިނެވެ. އެނދުގައި އީކް ހަމަޖެހިލުމާއެކު ތަށީގައި މޮޑެފައިހުރި ބަތުން ސަމްސަލެއް ނަގައި އީކްގެ އަނގަޔާއި ހައިތަމް ކައިރިކޮށްލިއެވެ. ތުންފިއްތައިލުމަށްފަހުވެސް އީކް އަނގަހުޅުވައިލިއެވެ. ދެތިންފަހަރު ހަފައިލުމަށްފަހު ދިރުވައިލިވަގުތު އަރުތެރޭގައި ތާށިވެ ކޮށިއަރާގޮތްވިއެވެ. އީކްގެ ނަމުން ގޮވައިލަމުން އަވަސް އަވަހަށް ފެންތަށި ހައިތަމް ދިއްކޮށްލިއެވެ. ކުޑަކުޑަ ފެންފޮދެއް ބޯލުމަށްފަހު އޭނާ ދެފަރާތަށް ބޯހޫރުވައިލީ އިތުރަށް ނުކެވޭނޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު ޖޫސްތައްޓެއް ބޯލުމަށް ހައިތަމް އެދުނެވެ. ބައްޕަގެ އެދުން ބޮލާލައިޖަހަން ނުކެރުމުން އީކް އެކަމަށް އެއްބަސްވިއެވެ. އޭނާ ގެނައި ކޮތަޅުތެރެއިން އޮރެންޖް ޖޫސްޕެކެޓެއް ނެގުމަށްފަހު ބިއްލޫރި ތައްޓަކަށް އަޅައިލަމުން އީކްއަތަށް ހައިތަމް ދިއްކޮށްލިއެވެ. އަތް ތުރުތުރުއަޅާހާލު ތަށީގައި ހިފައި އޭގެން އެތިފޮދެއް އީކް ބޯލިއެވެ.

ދޮރުގައި މަޑުމަޑުން ޓަކިޖަހައިލިއަޑުއިވި ދެމީހުންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ވަންނާށޭ ހައިތަމް ބުނެލީ ދޮރުގެ އަނެއްފަރާތުގައި ހުރި މީހަކަށް އަޑުއިވޭނޭ ވަރަށެވެ. ހުޅުވިގެންދިޔަ ދޮރުން އެތެރެއަށްވަތް ނާއިފް ފެނި އިންތަނުން ހައިތަމްއަށް ތެދުވެވުނީ ކުއްލިއަކަށެވެ. މީހެއްގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައި ހުއްޓައި އެންމެ ގާތް އެކުވެރިޔާ ފެނުންވީ ހައިތަމްގެ ހިތަށް ލިބުނު ނުހަނު ބޮޑު ހަމަޖެހުމަކަށެވެ. ހިކިފައިވި ދެތުންފަތް ދެމިލުމާއެކު ކަރުނަތައް ދެލޮލުގެ ތެރެއަށް ބޮނޑިވެގަތެވެ.

ހައިތަމްގެ ހާލުފެނި ނާއިފްއަށް އެދިމާއަށް އާދެވުނު ގޮތްވެސް ނޭނގުނެވެ. އެކުވެރިޔާގެ ގައިގައި ބައްދައިލުމާއެކު އޭނާއަށް އާދެވުނުލެއް ލަސްކަމަށްޓަކައި ތަކުރާރުކޮށް އެތައްފަހަރަކު ނާއިފް މައާފަށް އެދުނުވެ. އޭނާގެ ފްލައިޓް ޑިލޭވީކަމުގައި ބުނެލިއިރު އެއަޑުގައިވީ މާޔޫސްކަމެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ހައިތަމް ހިނިތުންވެލީ އެއީ މައްސަލައެއްނޫންކަމުގައި ބުނެލަމުންނެވެ.

ހައިތަމްއާއި ދުރަށް ޖެހިލަމުން އީކްއަށް ނާއިފް ބަލައިލިއެވެ. އިސްޖަހައިގެންއިން އީކްގެ ދެލޮލުން އޭރުވެސް ކަރުނަ ފައިބަމުންދިޔައެވެ. ނާއިފަށް ބަލައިލުމެއްވެސްނެތި އޭނާ އެހެން އިންނަން ފެށުމުން އީކްގެ ގާތުގައި ނާއިފް އިނށީދެލިއެވެ. އަދި ލޯބިން ދަރިފުޅާއޭ ކިޔައި ގޮވައިލިއެވެ. އީކްގެ ކަރުނަވީ ދެލޯ އޭނާއަށް ހުއްޓުމާއެކު ހިނދުކޮޅަކަށް އޭނާގެ ނޭވާވެސް ހުއްޓުނުފަދަ އިހުސާސެއް ނާއިފަށް ކުރެވުނެވެ. ހައިތަމްއަށް އޭނާއަށް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. ނާއިފްގެ ދެލޮލުގައިވި ސުވާލުމާރކްތައްފެނި ލަސްލަހުން ހައިތަމް ދެފަރާތަށް ބޯހޫރުވައިލިއެވެ. ހައިތަމްގެ އެއަމަލު ވިސްނި އެއްވެސް ސުވާލެއް އީކްއާއި ކުރިމަތިކުރުވާކަށް ނާއިފް ނޫޅުނެވެ. އެހެނަސް އެއަންހެންކުއްޖާއަށްޓަކައި އޭނާގެ ހިތް ރޯލިއެވެ.

ގަދަކަމުންކަހަލަ ގޮތަކަށް ޖޫސްތަށީގެ މެދާއި ހަމައަށް ބޯލުމަށްފަހު އީކް ހައިތަމްއަށް ޖޫސްތަށި ދިއްކޮށްލިއެވެ. ދެފަރާތަށް ބޯހޫރައިލަމުން އިށާރާތުން ދެން ނުބޮވޭނޭ އީކް ބުނެލިއެވެ. ފުންނޭވައެއް ދޫކޮށްލި ހައިތަމް އީކްގެ އަތުން ޖޫސްތަށި އަތުލަމުން އެނދާއި ޖެހިގެންހުރި ސައިޑް ޓޭބަލް މަޓީގައި ބެހެއްޓިއެވެ. އެނދުގައި އީކް އޮށޯވެ ހަމަޖެހިލުމުން ހައްވައްތައަށް ގުޅުމަށްފަހު ހޮސްޕިޓަލަށް އައުމަށް ހައިތަމް އެދުނެވެ. އެހުރިހައިއިރު ދެބަފައިންގެ އަމަލުތަކަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ދުރުގައި ނާއިފް ހުއްޓެވެ.

ހައްވައްތަ އައުމާއެކު އީކް ގާތުގައި މަޑުކޮށްލުމަށްބުނެ ނާއިފްގެ ކޮނޑުގައި އަތުން މަޑުމަޑުން ޖަހައިލަމުން އެކޮޓަރިން ނުކުންނަން ހައިތަމް ހިނގައިގަތެވެ. ފަހަތުން ނާއިފްވެސް ހިނގައިގަންނަމުން އަދިވެސް އެއްފަހަރު ފަސްއެނބުރި އީކްއަށް ބަލައިލިއެވެ. އެބެލުމުގައިވި ކަންބޮޑުވުން އީކްގެ އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިނށީދެއިން ހައްވައްތައަށްވެސް ފާހަގަވިއެވެ.

ހޮސްޕިޓަލުން ނުކުމެ ކާރުގައި ނާއިފް ގޮވައިގެން ހައިތަމް މިސްރާބުޖެހީ އޭނާގެ ގެއާއި ދިމާއަށެވެ. މަޑު ދުވެއްޔެއްގައި ދުއްވަމުންދިޔައިރު ދެމީހުންކުރެ އެކަކުވެސް އިސްވެ އަނގައަކުން ނުބުނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޚިޔާލުތަކެއްގައި ބަނދެވިފައި އިންކަހަލައެވެ. ހުޅުވިގެންދިޔަ ދަގަނޑު ގޭޓުތެރެއިން ވަދެގެންގޮސް ގޭގެ ޕޯޓިކޯ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ދޮރުހުޅުވައިލަމުން ނާއިފް ނުކުތެވެ. ގޭގެ ބޮޑު ދޮރު ހުޅުވައި އެތެރެއަށް ބޯދިއްކޮށްލަމުން ބޮޑުކޮޓަރިތެރޭގައި ހަރަކާތްތެރިވަމުންދިޔަ ނޯކަރު ކުއްޖަކަށް ގޮވައިލައި ބަގީޗާއަށް ދެކޮފީ ތައްޔާރުކޮށްލައިގެން ގެނައުމަށް ބުނުމަށްފަހު ނާއިފް ގޮވައިގެން އެދިމާއަށް ހިނގައިގަތެވެ.

އެކިވައްތަރުގެ މައުމެލާމެލިން ބަރާވެފައިއޮތް އެބަގީޗާގެ މެދެއްހައި ހިސާބުގައި ބަހައްޓައިފައިހުރި ވަށްމޭޒުދޮށުގައި ހައިތަމް އިނށީދެލިއެވެ. ޖެހިގެންހުރި ގޮނޑީގައި އިނށީދެހަމަޖެހިލަމުން ފުންނަޒަރަކުން ނާއިފް ހައިތަމްގެ މިލާފައިވާ މޫނުމައްޗަށް ބަލައިލިއެވެ.

"އަދިވެސް ތިވެގެންއުޅޭގޮތް އަހަންނަށް ކިޔައިދޭކަށް ނުވޭތަ؟" ހައިތަމްއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ނާއިފް އަހައިލިއެވެ. އެއަޑުގައިވީ ކެތްތެރިކަން ކުޑަކަމެވެ. ކޮންމެވެސް ބޮޑުކަމެއްވެއްޖޭ އޭނާގެ ހަވަނަ ހިއްސުއަންގަމުންދިޔައީ ހައިތަމްގެ ހަމަހިމޭންކަން ފެނިފައެވެ. އީކްގެ އެކި ހަރަކާތްތައް ހުރިގޮތުންވެސް އޭނާ ވަނީ ސުވާލުއުފެދިފައެވެ. އެއަންހެންކުއްޖާ އެއްވެސް ބަހެއްބުނާތީ އޭނާއަށް ފެނިފައެއްނެތެވެ. އީކް މުޅިންވެސް ވާހަކަދެއްކީ އަތުގެ އިށާރާތުންކަން ނާއިފައަށްވަނީ ފާހަގަވެފައެވެ.

"ވާހަކަ ފަށާނެގޮތެއް ނުވިސްނިފަ މިއިންނަނީ.." ދުރަށް ނަޒަރު ހުއްޓައިލި ހައިތަމްގެ އަޑުގައިވީ މަޑުމޮޅިކަމެވެ.

"ހައިތަމް.. އަހަރެންމީ ދުރުމީހެއްނޫން.. ހައިތަމް ކޮންމެ ވާހަކައެއްދެއްކިއަސް އަހަރެން އަބަދުވެސް އަޑުއަހަން.. އަހަންނަށް ވިސްނޭ އެންމެ ރަނގަޅު ޚިޔާލެއް ތިޔަ އެކުވެރިޔާއާ ހިއްސާކުރަން.. ތިވެގެންއުޅޭ ގޮތެއް ބުނީމައެއްނު އަހަންނަށްވެސް އެހީއެއްވާން އެނގޭނީ.. އީކް.. އެކުއްޖާއަށް ބަލައިލުމުން އެނގޭ އޭނާގެ ހާލު އެއްގޮތަކަށްވެސް ރަނގަޅުނޫންކަން.. އަހަރެން ނުބުންޏަސް މިހިތުގަ އުފެދިފަހުރި ސުވާލުތައް ހައިތަމްއަށް އެނގޭކަން ޔަގީން.. ހެޔޮނުވާނެ.. އިތުރަށް އަހަރެންގެ ކެތްތެރިކަން އިމްތިޙާނުނުކޮށް ތިވެގެން އުޅޭގޮތެއް ދެންވެސް ބުނެބަލަ.."

ނާއިފްގެ ވާހަކަތަކާއި މެދުގައި އިރުކޮޅަކު ވިސްނަން އިނުމަށްފަހު ލަސްލަހުން ޑޮކްޓަރ ނައީމް އޭނާ ގާތުގައި އީކްގެ ހާލަތާއި ގުޅުވައި ދެއްކި ހުރިހައި ވާހަކައެއް ހައިތަމް ބުނެލިއެވެ. އެއަޑުގައިވި މާޔޫސްކަމާއި ހިތާމަވެރިކަން ނާއިފަށް ސިއްރެއްނުވިއެވެ. އީކް އާއި މެދުގައި ހައިތަމް ކަންބޮޑުވެ ހާސްވެފައިވި މިންވަރު ނާއިފް ދެނެގަތެވެ. އިވުނު ވާހަކަތަކުން ޚުދު ނާއިފްގެ ހިތުގައިވެސް ރިހުމެއް އުފެދުނެވެ. އެކުޑަކުޑަ އާއިލާއަށް އެޖެހުނީ ކާކުގެ އެސްފީނައެއްކަމެއް ނޭނގެއެވެ. ދިމާވި އެންމެ ހާދިސާއެއްގެ ސަބަބުން މުޅި އާއިލާގެ އުފާވެރިކަން ހިނދުކޮޅެއްގެ ތެރޭގައި ގެއްލިއްޖެއެވެ. އީކްގެ ހާލަތާއި މެދުގައި ވިސްނިވަރަކަށް ނާއިފްގެ ހާސްކަންވެސްވީ އިތުރެވެ. އެހެނަސް އެހުރިހައި އަސަރެއް މޫނުމަތިން ފައުޅުވިޔަކަ ނާއިފް ނުދެއެވެ. އެހިތްދަތި ދަނޑުވަޅުގައި ހައިތަމްގެ ހިތްވަރެއްކަމުގައިވާން އޭނާ އެދޭތީއެވެ. އެކުވެރިޔާގެ ކޮނޑުގައި ފިރުމައިލަމުން އޭނާއަށް ހިތްވަރުދިނުމަށް ނާއިފް މަސައްކަތްކުރިއެވެ. ޑޮކްޓަރުން ވަކިގޮތެއް ނުނިންމަނީސް މާޔޫސްނުވުމަށް ބުނެލިއެވެ. ކޮންމެ ކަމެއްވެސް އިރާދަފުޅާއެކުވާނީ އެންމެ ރަނގަޅަށޭ ބުނެލީ ލުއި ހިނިތުންވުމެއް ހައިތަމްއާ ހިއްސާކޮށްލަމުންނެވެ. ނާއިފްގެ ވާހަކަތަކުން ޒަޚަމްވެފައިވި ހައިތަމްގެ ހިތަށް ޝިފާއެއް ލިބުނުކަހަލައެވެ. ދެލޯމަރައިލަމުން އޭނާވެސް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

* * * * *

އީކް ބާއްވައިފައިއޮތް ކޮޓަރިއާއި ދިމާލަށް އައި ހައިތަމްއާއި ނާއިފްގެ ލޮލުގައި ކޮޓަރީގެ ދޮރުމަތީގައި ހުއްޓިހުރި ލުތުފީ އަޅައިގަތެވެ. ހިނގުންބާރުކޮށްލައިފައި ހައިތަމް އައިސް ލުތުފީ ގާތުގައި ހުއްޓިލަމުން ކިހިނެއްވެފަތޯ އަހައިލީ ހިސާބަކަށް ކަންބޮޑުވެފައި ހުރެއެވެ. ހައިތަމްގެ އަޑަށް އިސްޖެހިފައިހުރި ލުތުފީ އިސްއުފުލައިލިއެވެ.

"އަހަރެންގެ ދަރިފުޅު އުމުރުދުވަހުވެސް ލޯބިވި ހަމައެކަނި އަންހެންކުއްޖަކީ އީކް.. އެދެކުދިންގެ ކައިވެންޏަށްފަހު ޚުދު އަހަރެންނަށްވެސް އީކްއާއި މެދު ދެކެވުނީ އަމިއްލަ ދަރިއަކު ފަދައިން.. ކުރީބައިގަ އީކްގެ ހާލު ބަލައިލަން ނާދެވުނަތީ މަޢާފަށްއެދެން.. އެހިތް ބަރުދާސްތުކުރަމުންދާ ވޭން އަހަންނަށް އިހުސާސުވޭ.. ހައިތަމް.. އަހަރެން ބޭނުން އީކްއާ ބައްދަލުކޮށްލަން.. އެދަރީގެ ހާލު ދެކިލަން.. އާބިދާވެސް އަންނަން ބޭނުންވާނެކަން ޔަގީން.. އެކަމަކު.. އޭނަ.. އޭނަ ހުރީ މީހަކާއި ބައްދަލުކުރެވޭފަދަ ހާލަތެއްގައެއްނޫން.." އިސްޖަހައިލި ލުތުފީގެ އަޑުގައިވީ މަޑުމޮޅިކަމެވެ. ދެލޮލުން އޮހޮރެން ތައްޔާރުވެފައިހުރި ކަރުނަތައް ގަދަކަމުން ދިރުވައިލަން އޭނާ މަސައްކަތްކުރިއެވެ. ނާއިފްގެ މޫނަށް ބަލައިލަމުން ހައިތަމް ލުތުފީގެ ގާތަށް ޖެހިލިއެވެ. އަދި އޭނާގެ ކޮނޑުގައި އަތްބާވައިލަމުން މަޑުމަޑުން ފިތައިލީ ހިތްވަރުކުރުމަށް ބުނަމުންނެވެ. ހިސާބެއްގެ ނުތަނަވަސްކަމެއް ހައިތަމްގެ ހިތަށް ވެރިވިއެވެ. އީކްއާއި ބައްދަލުކުރުމުގެ ކުރިން އޭނާގެ ހާލަތު ކޮންމެވެސް ވަރަކަށް ލުތުފީއަށް އެނގެންޖެހޭނެކަމުގައި ހައިތަމް ދުށްޓެވެ. އޭނާއަށް ވިސްނޭނޭހެން އީކްގެ ހާލަތު ކުޑަގޮތަކަށް ހައިތަމް އޮޅުންފިލުވައިދިނެވެ. އިވުނު ވާހަކަތަކުން ލުތުފީގެ މޭގައިވިރިހުން އިތުރުވެގެން ދިޔައެވެ. އޭނާ ހީކުރިވަރަށްވުރެވެސް ބޮޑަށް މާކިންގެ މަރުން އީކްއަށް އަސަރުކޮށްފިކަން އެނގުމުން އިންތިހާއަށް ދެރަވިއެވެ. މިފަހަރު ދެލޮލުން އޮހޮރިގަތް ކަރުނަތައް ހުއްޓުވުމުގައި އޭނާ ނުކުޅެދުނެވެ. ދެލޮލުގައި ކަނައަތުގެ އިނގިލިތަކުގެ ކުރިން ހިފައި ބާރުކޮށްލެވުނީ އެކަރުނަތަކަށް ނިމުމެއް އައުމަށް އެދެވިފައިވުމުންނެވެ. އެހެނަސް އޭގެބަދަލު އެތުންފަތް ފޫއަޅުވައިލައިފައި ނުކުތީ މާޑު އާހެކެވެ. އެތައްވޭނެއް އެއަޑުގައި އެކުލެވިފައިވީއިރު ލުތުފީގެ ހާލުފެނި ހައިތަމްވެސް ތުންފިއްތައިލިއެވެ. ދެރަވެފައި ނާއިފްވެސް އިސްޖަހައިލީ އެބައްޕަގެ ހިތަށް ކުރާނެ އަސަރާއި މެދުގައި ވިސްނަމުންނެވެ.

ދިރިއުޅުމަކީ އެފަދަ އެއްޗެކެވެ. ހީވެސްނުކޮށްހުއްޓައި ހާލަތު ބަދަލުވެދަނީ އެކަމަށް ތައްޔާރުވެލާނެ ފުރުސަތެއްވެސް ނުދީއެވެ. ހިނދުކޮޅެއްގެ ތެރޭގައި އަމިއްލަ ދުނިޔެ އެފުށްމިފުށަށް ޖަހައިލަމުންނެވެ. ދިރިއުޅުން ހަނގުރާމައަކަށްވެދަނީ އެއްވެސް ސަބަބެއް ނެތިއެއްނޫނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނާން

    ނައު ދައްތަގެ މެއިލް ލިބިދާނެތަ ވާހަކަ ވަރަަށް ރީތި ހަަމަ އެއްވަނަ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ