ސާފް ޗެމްޕިއަން ޝީޕްގައި ދިވެހި ރާއްޖެ އާއި ސްރީ ލަންްކާ މާދަމާ ބައްދަލު ކުރާ މެޗު ބެލުމަށް ބޭނުންވާ ގިނަ ސަޕޯޓަރުންނަށް ނުލިބި ޓިކެޓް ހުސްވުމުގެ ސަބަބުން، އިތުރަށް ވިއްކަން ހަމަޖެއްސި ޓިކެޓް ގަތުމަށް މިހާރު ކިއު ހަދައިފިއެވެ.
މި 1000 ޓިކެޓް ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20:00 ގައި ސޯޝަލް ސެންޓަރުގައެވެ. މިރޭ ވިއްކަން ފަށާ މި ޓިކެޓް ގަތުމަށް ރާއްޖޭގެ ސަޕޯޓަރުން މިހާރުވެސް އޮތީ ސޯޝަލް ސެންޓަރުގައި ކިއު ހަދައިފައެވެ.
މާދަމާގެ މެޗަށް ޓިކެޓް ގަތުމަށް މިއަދު ހެނދުނުން ފެށިގެން ގަލޮޅު ދަނޑުބޭރުގައި މާދަމާގެ މެޗަށް ޓިކެޓް ގަތުމަށް ބޮޑު ކިއުއެއް އޮތީ ހަދައިފައެވެ. މިއަދު 10:00 ގައި ޓިކެޓް ވިއްކަން ފެށިއިރު، ޓިކެޓް ވިއްކަން ފެށިތާ ގާތްގަނޑަކަށް ގަޑިއިރެއްހާ ތެރޭ ޓިކެޓް ހުސްވެފައިވާ ކަމަށް ކައުންޓަރު ވަނީ ބަންދުކޮށްފައެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑަށް ބޭރުގައާއި، އަދި ދަނޑު ތެރެއަށް ވަދެ އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގައިފައެވެ.
މި މައްސަލައިގައި އެފްއޭއެމް އިން ވިދާޅުވީ، ދަނޑަށް ވަންނަ މީހުންގެ ޖާގައިގެ ތެރެއިން 2500 ޓިކެޓް އެ އިދާރައިގެ ސްޕޮންސާތަކާއި، ކުޅުންތެރިންގެ އާއިލާތަކުގެ އިތުރުން ކުލަބުތަކަށް ނަގާފައިވާކަމަށެވެ. ނަމަވެސް މި ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް މިހާރުވާނީ ނިންމާފައިި ކަމަށް އެފްއޭއެމް އިން ވިދާޅުވިއެވެ.



