އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީލަންކާ މިއަދު ބައްދަލުކުރި މެޗުން ރާއްޖެ މޮޅުވުމުން، ދިވެހި ސަޕޯޓަރުން އުފަލުންގޮސް، އެފްއޭމްއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކޮނޑަލައިގެން އުފާފާޅުކޮށްފިއެވެ.
މިއަދުވެސް ރާއްޖެ ޓީމު މޮޅުވުން އެހެން ދިވެހި ސަޕޯޓަރުން ވަނީ މަގުމަތީގައި ސައިކަލު ބުރުޖަހާ އުފާފާޅުކޮށްފައެވެ. އެ ސެލެބްރޭޝަންގެ ތެރެއިން ދިވެހި ގައުމީ ޓީމު ތިބޭ ހޮޓެލް، ހޮޓެލް ޖެން ކައިރިއަށް ގޮސް އެތަނުން ބައްސާމް ނުކުތް ވަގުތު ދިވެހި ސަޕޯޓަރުން ވަނީ ބައްސާމް ވަށާލާ، އޭނާ ކޮނޑަށް ލައިގެން ދިވެހި ޓީމު މިއަދު މޮޅުވުން އެކަން ސެލެބްރޭޓްކޮށްފައެވެ.
ދިވެހިންގެ މި އުފަލުގައި ބައްސާމް ބައިވެރިކޮށް، އެކަން ފާހަގަކުރި ކަމުގައިވިޔަސް، އިއްޔެ ވަނީ ދިވެހި ބައެއް ސަޕޯޓަރުން ބައްސާމްގެ އިސްތިއުފާއަށް ގޮވައިފައެވެ. އެއީ މިއަދުގެ މެޗަށް ކުޅިބަލަން ވަނުމަށް، ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ޓިކެޓް ނުލިބި، ކުޑަވަގުތު ކޮޅެއްގެތެރޭގައި ޓިކެޓް ހުސްވުމުގެ ސަބަބުންނެވެ.
އިއްޔެ ދިވެހި ސަޕޯޓަރުން ތުހުމަތު ކުރި ގޮތުގައި އެފްއޭމްއިން ވަނީ ޓިކެޓް ވިއްކުމުގައި މަކަރު ހަދައިފައެވެ. އަދި އެކަމާ ގުޅިގެން ބައްސާމްގެ އިސްތިއުފާއަށް ގޮވާ އިއްޔެ ވަނީ މަގުމަތީގައި ބޮޑު އިހުތިޖާޖެއްވެސް ކޮށްފައެވެ.
މި މައްސަލަ ފެންމަތިވުމުން އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، މިއަދުގެ މެޗުގެ ކުޅިބެލުމަށް ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމުގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓުގެ އިތުރުން ކުޅިބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް ހުސްވީ ކަމަށެވެ. ނަމަވެސް މެޗަށް ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީވެ އެކަމަށް ހައްލެއް ހޯދައިދިނުމަށް ސްޕޮންސަރުންނާއި ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން 1000 ޓިކެޓް ރޭ ވަނީ އެފްއޭއެމް އިން ސަޕޯޓަރުންނަށް ވިއްކައިފައެވެ.
މިއަދުގެ މެޗުގައި 0-1 އިން ރާއްޖެ މޮޅުވެ، ލަންކާ ބަލިކުރި އިރު، ގަލޮޅު ދަނޑު ވަނީ ދިވެހި ސަޕޯޓަރުންނާއެކު ފުރާލައިފައެވެ. ހުއްޓުމެއް ނެތި ދިވެހި ސަޕޯޓަރުންގެ އަޑު ދަނޑުގައި ގުގުމާލައިފައިވާއިރު، ގައުމީ ޓީމަށް ދިވެހި ސަޕޯޓަރުންގެ ހިތުގައި އޮތް ލޯތްބާއި، ފަހުރު ހާމަވެގެންދިޔައެވެ.



